ވެންޓިލޭޓަރުތައް ގަތުމުގައި ކޮރަޕްޝަން ހިމެނޭކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ދައުވާ ނުކުރަން ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް ނިންމެވި ނިންމެވުން މުރާޖައާ ކޮށްދެއްވުމަށް އެދުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީން ފާސްކޮށްފި އެވެ.
ޖުޑީޝަރީ ކޮމެޓީން އެގޮތަށް ނިންމިއިރު، އެންޓި ކޮޜަޕްޝަން ކޮމިޝަން (އޭސީސީ)އިން ވެސް ވަނީ ޕީޖީ އޮފީހުގައި އެމައްސަލަ މުރާޖައާ ކޮށްދިނުމަށް އެދިފަ އެވެ.
ކޮމެޓީން މި މައްސަލަ ނިންމިއިރު، ތިން ހުށަހެޅުމަށް ވަނީ ފާސްކޮށްފައެވެ. ފުރަތަމަ ހުށަހެޅުމަކީ އޭސީސީއާ ފުލުހުން ފަދަ ކަމާ ގުޅުން ހުރި ތަހުގީގީ އިދާރާތަކުގައި ހުރި މައްސަލައާ ގުޅުން ހުރި އިތުރު މައުލޫމާތުތައް ހޯދުމަށް ޕީޖީއަށް ރައްޔިތުންގެ މަޖިލީހުން ލަފާ އެރުވުމެވެ. ދެވަނަ ހުށަހެޅުމަކީ ތަހުގީގީ އިދާރާތަކުގައިވާ މައުލޫމާތުތައް ހޯދުމަށް ފަހު ދައުވާ ކުރުމުގައި ކުރިން ޕީޖީ އިން ނިންމާފައިވާ ނިންމުން އަލުން މުރާޖައާ ކުރުމާ މެދު ގޮތެއް ނިންމަން ޕީޖީއަށް ލަފާ އެރުވުމެވެ. އަދި ތިންވަނަ ހުށަހެޅުމަކީ މައްސަލަ މުރާޖައާ ކުރުމަށް ޕީޖީ އޮފީހުން ނިންމާ ނިންމުމަށް ޖުޑީޝަރީ ކޮމިޓީއަށް އެންގުމެވެ.
ވެންޓިލޭޓަރުތައް ގަތުމުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން އޭސީސީ އާއި ޕީޖީ އޮފީހާ ދެމެދު ޙިޔާލު ތަފާތުވުންތަކެއް އުފެދިފައިވާއިރު، މި މައްސަލަ ނިމެންދެން މަޖިލީހުން ވެސް ފާރަވެރިވާންޖެހޭ ކަމަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ. މި މައްސަލައާ ގުޅިގެން ރައީސް ނަޝީދު ވަނީ ޖުޑިޝަރީ ކޮމިޓީއަށް މެމޯއެއް ވެސް ފޮނުއްވާފައެވެ.
ވެންޓިލޭޓަރުތައް ގަތުމުގައި ބޮޑެތި އޮޅުވާލުންތަކެއް ހިންގާފައިވާ ކަމަށް ބުނެ ހެލްތް މިނިސްޓްރީގެ އިސްވެރިންތަކެއްގެ މައްޗަށް ކުރެވޭ ތުހުމަތާ ގުޅިގެން އޭސީސީން ކޮށްފައިވާ ތަހުޤީޤުގައި ޖިނާއީ ދައުވާއެއްކޮށް، ކުށް ސާބިތުވާ ވަރަށް ހެކި ނެތް ކަމަށް ޕީޖީ ހުސައިން ޝަމީމް ވަނީ ވިދާޅުވެފައެވެ. ނަމަވެސް އޭސީސީން ބުނަނީ، ކުށް ސާބިތުވާ ވަރުގެ ހެކި ހުށަހެޅިފައިވާނެ ކަމަށެވެ.
ވެންޓިލޭޓަރު މައްސަލައިގައި އޭސީސީން ކުރި ތަހުގީގަށްފަހު ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އާއެކު 11 ބޭފުޅެއްގެ މައްޗަށް ދައުވާކުރަން ޕީޖީގެ އޮފީހަށް ފޮނުވި އެވެ. މި މައްސަލަ އާއި ގުޅިގެން އަމީނު ވަނީ މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވައިފައެވެ.