އެންދަމަން އޮއްވާ "ފަސްކުރި" ދޯންޏަށް ތޫނު ހަތިޔާރާއެކު އެރި މައްސަލައިގައި އެ ދޯނީގެ ވެރިމީހާ އިދުރީސް ހުސެއިންއަށް ދޯނީގައި ތިބި ފަޅުވެރިން ބޮޑެތި ތުހުމަތުތަކެއް ކޮށްފިއެވެ.
ފަސްކުރި ދޯންޏާއި ގުޅޭގޮތުން އެ ދޯނީގެ ވެރިމީހާ އިދުރީސް ހުސެއިން ނެރުނު ބަޔާނާއި ގުޅިގެން ދޯނީގައި ތިބި 22 ފަޅުވެރިންގެ ފަރާތުން ވަނީ ބަޔާނެއް ނެރިފައެވެ.
2020 އޮކްޓޯބަރު 25 ވަނަ ދުވަހުގެ ރޭ ދަންވަރު 12:30 ހާއިރު ލ. ވައިނޮޅި ކައިރީ އެންދުމުގެ މަސައްކަތަކުގައި ތިއްބާ ތޫނު އެއްޗެއްސާއިއެކު ދޯންޏަށް އަރައި އެދޯނީގެ ކެޕްޓަނަށް ވަޅިން ބިރު ދައްކައި ދޯނި ރަހީނުކޮށް ލ. ގަމަށް ގެންދިޔަ ހާދިސާ އޮޅުވާލައި، ކަމުގެ ހަގީގަތް އޮޅޭގޮތަށް އިދުރީސް ޙުސައިން، ނެރުނު ކަމަށް ބުނާ ބަޔާން ފަޅުވެރިން ވަނީ ދޮގުކޮށްފައެވެ.
ފަޅުވެރިން ނެރިފައިވާ ބަޔާނުގައި ބުނެފައި ވަނީ އެންދެމުމުގެ މަސައްކަތުގައި ތިއްބާ ދޯންޏަށް ދަނގަޑާއި، ވަޅި، ކަނޑި ފަދަ ތޫނު އެއްޗެއްސާއި އެކު އަރައި ދޯނީގައި ތިބި ފަޅުވެރިންނަށް ބިރު ދައްކައި، ކެޕްޓަނަށް ވަޅިން ބިރު ދައްކައި ދޯނި ގަމަށް ގެންދިއުމަށް ހިންގި ލާއިންސާނީ ޖަރީމާ ހިންގުމުގައި އިސްކޮށް ހުރީ އިދުރީސް ހުސެއިން ކަމަށެވެ.
އިދުރީސް ހުސެއިން އާއި އެކު ދޯންޏަށް ތޫނު އެއްޗިއްސާއި އެކު 27 މީހުން އެރި އިރު އެމީހުން ތިބީ މަސްތުގެ ހާލަތުގައި ކަމަށާއި، ދޯންޏަށް އަރައި ދޯނީގެ ކެޕްޓަން ވީލް ހައުސްގައި ނިދާފައި އޮތްވާ ހޭލައްވައި، ދޯނި ސްޓާޓުކޮށް ދުއްވުމަށް އަމުރު ކުރީ ވަޅި އާއި އެކު ތިބި ތިން މީހުން ކަމަށް ފަޅުވެރިން ބުނެއެވެ. އަދި އެ ތިން މީހުންގެ ތިބީ ވީލް ހައުސް ތެރޭ ކެޕްޓަންގެ ފުރަގަހުގައި ވަޅި ހިފައިގެން ކަމަށާއި، އެމީހުން އެގޮތަށް އެންގި އިރު އިދުރީސް ހުސެއިން ވެސް ދޯނީގެ ވީލް ހައުސް ބޭރުގައި މަޑުކޮށްލައިގެން ހުރިކަމަށެވެ.
ފަޅުވެރިން ބުނީ ދޯންޏަށް އެރި މީހުން އޭރު ހަޅޭލަވައި، ހުތުރު ބަހުން އެއްޗެހި ގޮވައި ބިރު ދައްކަމުން ދިޔަ ކަމަށާއި، ބައެއް ފަޅުވެރިންގެ ގައިގައި ވަޅި ޖައްސައި އެކިކަންކަން ކުރުމަށް އަމުރުކުރަމުން ދިޔަ ކަމަށެވެ.
އެގޮތުން ދޯނީގެ އިންޖީނު ސްޓާޓު ކުރުމަށް ދިޔަ ފަޅުވެރިއާއަށް ބިރު ދައްކައި، އަވަހަށް ސްޓާޓު ކުރުމަށް އަންގައި، "އަވަސް ކުރޭ، ނޫނީ ވަޅިތަޅާލާނަމޭ" ބުނެ ދިޔައީ ބިރު ދައްކަމުން ދިޔަ ކަމަށް ފަޅުވެރިން ނެރިފައިވާ ބަޔާނުގައި ބުނެފައިވެއެވެ. އަދި ދޯނީގެ ނަގިލި ނެގުން ލަސްވުމުން ނަގިލި ނަގަން ދިޔަ ފަޅުވެރިޔާގެ މޫނަށް ވަޅި ދިއްކޮށް އަވަސް ކުރުމަށް އަންގައި ބިރު ދައްކާފައިވާއިރު، ދޯނީގައި ހުރި ޚާއްސަ އެހީއަށް ބޭނުންވާ މީހެއްގެ ގަޔަށް އެތަނުން މީހަކު ހޫނުފެން އަޅާފައިވާ ކަމަށެވެ.
ފަޅުވެރިން ބުނީ މި ހާދިސާ ހިނގަމުން ދިޔަ ވަގުތު އެހީއަށް އެދި އެއްވެސް ފަރާތަކަށް ގުޅާނެ ފުރުސަތެއް ދޯނީގައި ތިބި އެއްވެސް ފަޅުވެރިއަކަށް ލިބިފައިނުވާ ކަމަށާއި، ދޯނި ސްޓާޓުކޮށް ދުއްވަން ފެށުމުން ދޯންޏަށް އެރި މީހުން ދޯނީގައި ކާން ތިބީ ކޯއްޗެއްތޯ، ކޮފީ އެބަހުރިތޯ، ކަޕް ނޫޑްލްސް ހުރިތޯއަހައި އެތަކެތި ދިނުމަށް އަންގަމުންދިޔަ ކަމަށެވެ. އެ ވަގުތު ދޯނީގެ ފަޅުވެރިއަކު ފާހާނާއަށް ދާން ޖެހޭ ކަމަށް ބުނެ ދޯނީގެ ފާހާނާއަށް ވަދެ ޖީބުގައި އޮތް ފޯނުން ސ. މީދޫގައި ހުންނަ ޕޮލިހުންގެ އިދާރާއަށް މައްސަލަ ރިޕޯޓުކޮށް ހާދިސާގެ މައުލޫމާތު ހިއްސާކުރި ކަަމަށް ބަޔާނުގައިވެއެވެ.
ނަމަވެސް ފަޅުވެރިންނަށް މޯލްޑިވްސް ޕޮލިސް ސާވިސްގެ ފަރާތުން އަދި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ ފަރާތުން ވެސް އެހީތެރިކަމެއް ލިބިފައިނުވާ ކަމަށް ފަޅުވެރިންގެ ބަޔާނުގައި ބުނެފައިވެއެވެ.
ފަޅުވެރިން ބުނީ ދޯނި ރަހީނުކޮށް، ލ. ގަމު ފަޅަށް ވައްދާފައިވަނީ އެރޭ ދަންވަރު 3 ޖަހާކަށް ހާއިރު ކަމަށާއި، ދޯނި ބަނދަރަށް ވަނުމުގެ ކުރިން ރަހީނު ކުރަން ދޯންޏަށް އެރި މީހުން ގެންދިޔަ ބައެއް ސާމާން ވަނީ ކަނޑަށް އުކާލާފައިވާ ކަމަށެވެ. ދޯނި ގަމު ބަނދަރަށް ކައިރި ކުރިއިރު ފުލުހުންގެ ބަޔަކު ބަނދަރުގައި ތިބި ކަމަށާއި، ދޯނި ބަނދަރު ކުރުމުން ދޯންޏަށް އެރި 27 މީހުން ފުލުހުންގެ ކުރިމަތިން ފައިބައިގެން ގޮސްފައިވާ ކަމަށެވެ.
އޭގެ ތެރޭގައި އިދުރީސް ހުސެއިން ވެސް ހިމެނޭ އިރު، ފުލުހުން އެމީހުން ފޮނުވާލީ އެމީހުންގެ ނަން ނޯޓު ކުރުމަށްފަހު ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. އަދި އޭގެ ފަހުން ދޯންޏަށް ފުލުހުން އަރައި، މައުލޫމާތު އޮޅުން ފިލުވައި ދޯނި ރަހީނު ކުރުމަށް އައި މީހުން ދޯންޏަށް އެރުވި ދަނގަޑާއި ތޫނު އެއްޗެހިތައް ފުލުހުންގެ ބެލުމުގެ ދަށައް ގެންދިޔަ ކަމަށެވެ. އޭގެ ފަހުން ފުލުހުން ބުނީ ހާދިސާގެ ތަހްގީގު ފެށޭނީ ތަންތަން ހުޅުވުމުން ހެނދުނު 8 ގެ ފަހުން ކަމަށެވެ.
މި ހާދިސާ އިތުރަށް ތަފްސީލްކޮށް ބަޔާނުގައި ބުނެފައިވާ ތަހުގީގަށް ހެނދުނު 9 ޖެހި އިރު ބަޔާން ނެގުމަށް ދޯނީގެ ކެޕްޓަނާއި އެކު ދެ މީހަކު ގަމު ޕޮލިސް ސްޓޭޝަނަށް ގެންދިޔަ ކަމަށާއި، އެ ތިން މީހުންގެ ބަޔާން ނެގުމަށް ފަހު އިތުރު ދެ ފަޅުވެރިއެއްގެ ބަޔާން ނެގުމަށް ގަމު ޕޮލިސް ސްޓޭޝަނަށް ގެންދިޔަ ކަމަށެވެ. ޖުމްލަ ފަސް ފަޅުވެރިއެއްގެ ބަޔާން ގަމު ޕޮލިސް ސްޓޭޝަނުން ވަނީ ނަގާފައެވެ. އަދި ފަހުން ގެންދިޔަ ދެ މީހުންގެ ބަޔާން ނެގުމަށް ފަހު ދޯނި ފުރައިގެން ދިއުމަށް ގަމު ޕޮލިސް ސްޓޭޝަނުން ކެޕްޓަނަށް ފޯނުން އެންގި ކަމަށެވެ. ނަމަވެސް ދޯންޏާ އެކު ފުރައިގެން ދެވޭނެ މާހައުލެއް ނެތްކަމަށް ފުލުހުން ގާތު ކެޕްޓަން ބުނެފައިވާ ކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
އޭގެ އިތުރުން، ގަމު ބަނދަރަށް ކައިރި ކުރިއްސުރެ ދޯނި ކައިރީ އިދުރިސް ހުސެއިންގެ މީހުން ހަރަކާތްތެރިވަމުން ދިޔަ ކަމަށާއި، ދޯނި ދޫކޮށް ފޭބުމަށް އޭރުވެސް އެ މީހުން އަންގަމުން ދިޔަ ކަމަށް ބަޔާނުގައިވެއެވެ. އަދި ހަވީރު 5 ގެ ކުރިން ދޯނިން ނުފައިބައިފިނަމަ "ކޮށާލާނެ" ކަމަށް ބުނެ އިންޒާރު ދިން ކަމަށާއި، އެމީހުން އެފަދަ އިންޒާރު ދެމުން ދިޔައިރު ފުލުހުން ވެސް އެތަނުގައި ތިބި ކަމަށް ފަޅުވެރިން ބުނެއެވެ.
އިންޒާރާ އެއްގޮތަށް ހަވީރު 5 ޖެހި އިރު އިދުރީސް ހުސެއިންގެ މީހުން ވަނީ ދޯންޏަށް އަރައި އެންމެން ދޯނި ދޫކޮށް ދިއުމަށް އެންގި ކަމަށާއި، އަދި ދޯނިން އެއްވެސް އެއްޗެއް ނުގެންދެވޭނެ ކަމަށް ދޯންޏަށް އެރި މީހުން ފަޅުވެރިންނަށް އެންގި ކަމަށް ވެސް ބާޔާނުގައި ބުނެފައިވެއެވެ. އަދި ލ. ގަމު ދޯންޏެއް ކަމަށްވާ "ފަހިމަގު" ކެޕްޓަނާއި ދިމާވެ އެ މީހުން ދޯނިން ލ. ހިތަދޫއަށް ގެންގޮސް ދިނުމަށް ފަޅުވެރިން އެދުމުން "ފަހިމަގު" ދޯނީގެ ވެރިޔާ ވަނީ ދޯނީގެ ފަޅުވެރިން އެއްވެސް އުޖޫރައެއް ނެތި ލ. ހިތަދޫއަށް ގެންގޮސްދީފައެވެ.
ފަޅުވެރިންގެ ބަޔާނުގައި ބުނެފައި ވަނީ ދޯނި ރަހީނު ކުރި ޓެރަރިސްޓް ހަމަލާއަށް ފަހު އިދުރީސު ހުސެއިން ދޯނީގެ ފަޅުވެރިންނަށް ބިރު ނުދައްކާ ކަމަށާއި، ސުލްހަވެރިކަމާއި އެކު ދޯނި ހޯދީކަމަށް ބުނެ ދައްކާ ވާހަކައަކީ ދޮގެއް ކަމަށާއި، ދޯނީގައި ތިބި ފަޅުވެރިންނަށް އެހީތެރިވެ، ރަށައް ފުރުވާ ދިނުމުގައި އެހީތެރިކަންދިން ކަމަށް ބުނެ ހަދާފައިވަނީ ވެސް ދޮގެއް ކަމަށެވެ. އަދި ދޯންޏަށް ތޫނު އެއްޗެއްސާއި އެކު ނާރާކަމަށް ބުނި އިރު މި މައްސަލައިގެ ތަހްގީގަށް ފުލުހުން ދޯނިން ގެންދިޔަ ތޫނު އެއްޗެއްސަކީ އިދުރީސް ހުސެއިން އާއި އެކު ގޮސް ދޯންޏަށް އެރި މީހުން ގެންދިޔަ ތަކެތި ކަމަށް ވެސް ފަޅުވެރިން ވަނީ ތުހުމަތުކޮށްފައެވެ.
މިއީ ރާއްޖޭގެ ތާރީހުގައި މަސްވެރި އުޅަނދަކަށް ތޫނު އެއްޗެއްސާއި އެކު އަރައި ބަޔަކު ރަހީނުކޮށް ހިންގި އެންމެ ލާއިންސާނީ އަމަލް ކަމަށާއި މި މައްސަލަ ކަމާއި ބެހޭ އިދާރާތުން ތަހުގީގު ކުރުމުގައި ލަސްވުމަކީ ދިވެހި އެންމެހާ މަސްވެރިންނަށް ލިބިގެންދާ ބިރުވެރި އިންޒާރެއް ކަމަށެވެ. މި މައްސަލަ އަވަހަށް ތަހުގީގުކޮށް ދޯންޏަށް ހަތިޔާރާއި އެކު އަރައި ފަޅުވެރިން ރަހީނުކުރި އެންމެންނަށް ގާނޫނުގައިވާ އެންމެހަރުކަށި އަދަބު ދިނުމަށް ވެސް ފަޅުވެރިން ވަނީ ގޮވާލާފައިވައެވެ.
މި ހާދިސާ ހިނގާދިޔަ ގޮތުގެ ތަހުގީގު ކުރިއަށްދާއިރު، މި މައްސަލާގައި މިހާތަނަށް ޖުމްލަ 16 މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި އޭގެ ތެރެއިން ނުވަ މީހެއްގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ކޯޓުން އެމީހުން ދޫކޮށްލާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.