ދިހަ މީހުން ނުވަތަ އެއަށްވުރެ ގިނަ މީހުން އެއް ކޮޓަރިއެއްގައި ނުވަތަ ޑޯރމިޓަރީއެއްގައި ނުވަތަ ބެރެކްސްއެއްގައި ފުރަބަންދުގެ ކަރަންޓީނުވުމުގައި އަމަލު ކުރަންވީ ގޮތް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެކުލަވާލައިފި އެވެ.
މިކަމާއި ގުޅިގެން އެޗްޕީއޭއިން ނެރެފައިވާ އުސޫލުގައި ބުނެފައިވަނީ ގިނަ މީހުން އެކުގައި ފުރަބަންދު ކަރަންޓީނަށް ދާ މީހުންގެ މެދުގައި ކޮވިޑް-19 ފެތުރިގެން ދިޔުން ކުޑަކުރުމަށްޓަކައި، ރާއްޖެއިން ބޭރުން އަންނަ މީހުން ނުވަތަ ކޮވިޑް-19ގެ ކޮމިއުނިޓީ ސްޕްރެޑް އޮތް ރަށަކުން ކޮމިއުނިޓީ ސްޕްރެޑެއް ނެތް ރަށަކަށް ދިހަ މީހުން ނުވަތަ އެއަށްވުރެ ގިނަ މީހުން އެކުގައި ކަރަންޓީނުވާން ދާނަމަ އެއްކޮށް ތިބުމުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަކީ މުހިންމު ކަމެއް ކަމަށެވެ.
އެގޮތުން މިއުސޫލުގައި ބުނެފައިވަނީ ކުންފުންޏަކުން ނުވަތަ މުއައްސަސާއަކުން ސްޕޮންސަރ ކޮށްގެން ވަކި މަސައްކަތަކަށް ނުވަތަ ޓްރެއިނިންގ އަކަށް ނުވަތަ އެހެން ކަމަކަށްޓަކައި ރާއްޖެއިން ބޭރުން އަންނަ މީހުން ނުވަތަ މާލޭގައި ދިރިއުޅޭ މީހުން ނުވަތަ ކޮވިޑް-19 ގެ ބަލިފެތުރިފައިވާ ރަށަކުން ބަލި ފެތުރިފައިނުވާ އެހެން ރަށަކަށް 10 މީހުންނަށްވުރެ ގިނަ އިން އެކުގައި ކަރަންޓީނުވުމަށްދާ ނަމަ މިއުސޫލާ އެއްގޮތަށް އަމަލުކުރަންވާނެ ކަމަށެވެ.
އެގޮތުން މިފަދަ މީހުން ކަރަންޓީނުވާން ގެންދާ މީހުންނާއި ހަވާލުވާނެ ސުޕަރވައިޒަރެއް ނުވަތަ ބެލެނިވެރިއެއް ހުންނަންޖެހެ އެވެ. އަދި ކަރަންޓީނުވާން ކަނޑައަޅާފައިވާ ތަނަކީ އެޗްޕީއޭގެ މިންގަނޑުތަކާއި އެއްގޮތަށް ހުރިތަނެއްތޯ ބަލާ ޗެކްކުރަން ޖެހެއެވެ.
މީގެއިތުރުން ކަރަންޓީނުވެ ތިބޭއިރު މަދު މީހުން އެއްތަނެއްގައި ތިބޭގޮތަށް އެކޮމޮޑޭޝަން ހަމަޖެއްސުމަށް ސަމާލުކަން ދޭންޖެހޭނެ އެވެ.
ކަރަންޓީނުގެ މުއްދަތުގައި އެއްކޮށް ކަރަންޓީނުވެފައި އެއީ އެއް ކޮޓަރިއެއް ނުވަތަ އެއް ބެރެކްސް ނުވަތަ ޑޯރމިޓަރީ ގައި ތިބޭ މީހުން އެހެން މީހުންނާ ބައްދަލުކޮށްގެން ނުވާނެ ކަމަށް މިއުސޫލުގައި ބުނެފައިވެ އެވެ.
ރައްކާތެރިކަމާއެކު ޒަރޫރީ ބޭނުމަށް ބޭނުންވާ ތަކެއްޗާއި ކެއިން ބުއިމަށް ބޭނުންވާ ތަކެތި ޑެލިވަރ ކޮށްދިނުމުގެ އިންތިޒާމު ހަމަޖައްސަން ޖެހޭނެކަމަށް އުސޫލުގައި ބުނެފައިވެއެވެ. އަދި އެއްތަނެއްގައި އެންމެން އެއް ގަޑިއެއްގައި ތިބެގެން ކެއުން އެދެވިގެންނުވާ ކަމަށް އުސޫލުގައި ބުނެފައިވެ އެވެ.
ކަރަންޓީނުވާ ތަނުގައި އެނދުތައް ބަހައްޓާފައި ހުންނަންވާނީ ދެ އެނދުގެ ދެމެދުގައި މަދުވެގެން 3 ފޫޓުގެ ދުރުމިނެއްގައެވެ. އަދި ކަރަންޓީނުގައި އެއްކޮށްތިބޭ ކުޑަ ގްރޫޕަކަށް ފެންވެރޭގޮތަށް ވަކިން ފާޚާނާއެއް އެއީ މަދުވެގެން ކޮންމެ 10 މީހަކަށް އެއް ފާޚާނާގެ ނިސްބަތުން ހުންނަންވާނެ ކަމަށް އުސޫލުގައި ބުނެފައިވެ އެވެ.
މީގެއިތުރުން ތަން ސާފުކޮށް ޑިސްއިންފެކްޓްކުރުމަށް ބޭނުންވާ ތަކެތި އެކަށީގެންވާ މިންވަރަށް ކަރަންޓީނުވާ ތާކު ހުންނަންވާނެ ކަމަށް އުސޫލުގައި ބުނެފައިވެ އެވެ. އަދި އުޅޭ ތަނާއި ފާޚާނަ ދުވާލަކު 1 ފަހަރު ސާފުކޮށް ޑިސްއިންފެކްޓް ކުރަންވާނެ އެވެ. އަދި އެޗްޕީއޭގެ ގައިޑްލައިންތަކާއި އެއްގޮތަށް ތަން ސާފުކޮށް ޑިސްއިންފެކްޓް ކުރާނެ ގޮތް ކަރަންޓީނުވެގެން ތިބޭ ފަރާތްތަކަށް އަންގައިދިނުމަކީ ވަޒީފާދޭ ފަރާތުގެ ޒިންމާއެއް ކަމަށްވެސް އުސޫލުގައި ބުނެފައިވެ އެވެ.
ތަނުގައި ސައިބޯނިލައިގެން އަތް ދޮވެވޭނެ އިންތިޒާމު ހަމަޖައްސާފައި ހުންނަންވާނެކަމަށާއި ކުނިއެޅުމަށް 2 ކޮތަޅު ލައްވާފައިވާ މަތިޖެހި ޑަސްޓްބިން ބަހައްޓާފައި ހުންނަންވާނެ ކަމަށްވެސް އުސޫލުގައި ބުނެފައިވެ އެވެ.
މީގެއިތުރުން ކަރަންޓީނުގެ މުއްދަތުގައި ހުން އައުން، ކަރުގައި ރިއްސުން، ކެއްސުން ނުވަތަ މިނޫންވެސް ކޮވިޑް-19 ގެ އަލާމާތެއް ފެންނަ މީހުންގެ ޕީސީއާރު ޓެސްޓް ހަދަންވާނެ ކަމަށް އުސޫލުގައި ބުނެފައިވެ އެވެ.
ބަލީގެ އަލާމާތްތައް ހުންނަ މީހުން، ޕީސީއާރު ޓެސްޓްގެ ނަތީޖާ ލިބެންދެން އެހެން މީހުންނާ ވަކިން ބޭތިއްބުމުގެ އިންތިޒާމު ހުންނަންވާނީ ހަމަޖެހިފައެވެ. އަދި މިއިންތިޒާމު ހަމަޖެއްސެން ނެތްނަމަ އެމީހަކު ސަރޖިކަލް މާސްކު އަޅުވައި އެހެން މީހުންނާއެކު އުޅުމުގައި މަދުވެގެން 6 ފޫޓުގެ ދުރުމިން ބެހެއްޓޭނެ ގޮތަށް ހަމަޖެހިފައި ހުންނަންވާނެ ކަމަށް އުސޫލުގައި ބުނެފައިވެ އެވެ. އަދި އެތަނުގައި އުޅޭ އެހެން މީހުންވެސް މާސްކު އަޅަންޖެހޭނެ އެވެ.
އަލާމާތްތައް ފެންނަ މީހުންގެ ޕީސީއާރު ޓެސްޓްގެ ނަތީޖާ ނެގެޓިވް ވެއްޖެނަމަ ކަރަންޓީނުގެ 14 ދުވަހުގެ ބާކީ ބައި ފުރިހަމަކުރަންވާނެ ކަމަށް އުސޫލުގައި ބުނެފައިވެ އެވެ. އެހެންނަމަވެސް ކަރަންޓީނުގެ މުއްދަތު ހަމަވުމަށްފަހު ހަދާ ޓެސްޓުން ގްރޫޕްގައި ހިމެނޭ އެއްވެސް މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެނަމަ އޭނާއާއެކު އުޅުނު އެންމެންގެ ކަރަންޓީނުގެ މުއްދަތު އިތުރުވާނެ ކަމަށް އުސޫލުގައި ބުނެފައިވެ އެވެ.