މުޅި ދުނިޔޭގައި އެއްދުވަހާ ބައި މިލިއަނަށްވުރެ ގިނަ މީހުންނަށް ކޮވިޑް-19 ޖެހިއްޖެއެވެ.
މިއީ އެއްދުވަހާ ބައިމިލިއަނަށްވުރެ ގިނަ މީހުންނަށް ކޮވިޑް-19 ޖެހިގެން ރިކޯޑްކުރެވުނު ފުރަތަމަ ފަހަރެވެ. ބުދަ ދުވަހު ބައި މިލިއަނަށްވުރެ ގިނަ މީހުންނަށް ކޮވިޑް-19 ޖެހުނީ ދުނިޔޭގެ އުތުރުގެ ސަރަހައްދުތަކުގައި ކޭސްތައް އިތުރުވުމާއި ގުޅިގެންނެވެ.
ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު އެއް ދުވަހާ ބައިމިލިއަނަށް އަރާފައިމިވަނީ އެއްދުވަހާ ހަތަރު ލައްކަ މީހުންނަށް ވައިރަސް ޖެހިގެން ރިކޯޑް ކުރިތާ ދެ ހަފްތާވެސް ނުވަނީހެވެ. އެންމެ ފަހުން ރިކޯޑް މިންވަރަކަށް އެއްދުވަހާ ކޮވިޑް-19 ޖެހިގެން ރިޕޯޓްކޮށްފައިވަނީ މިދިއަ ހުކުރު ދުވަހު އެވެ.
ފާއިތުވި ހަފްތާތަކުގައި ރިކޯޑް މިންވަރަކަށް ކޭސްތައް އިތުރުވެފައިވަނީ ޔޫރަޕް އަދި ލެޓިން އެމެރިކާގެ ގައުމުތަކުގައެވެ. އެއާއެކު އެގައުމުތަކުގައި ވަނީ ވައިރަސް ފެތުރުން ކޮންޓްރޯލްކުރުމަށްޓަކައި ވަރުގަދަ ފިޔަވަޅުތަކެއް އަޅާފައެވެ.
މިހާރު މުޅި ދުނިޔެއިން 44.7 މިލިއަން މީހުންނަށް ކޮވިޑް-19 ޖެހިފައިވާއިރު މިވައިރަސް ޖެހިގެން 1.17 މިލިއަން މީހުން ވަނީ މަރުވެފައެވެ.
ޔޫރަޕާއި، އުތުރު އެމެރިކާ އަދި ލެޓިން އެމެރިކާ އިން މުޅި ދުނިޔޭގައި ވައިރަސް ޖެހިފައިވާ މީހުންގެ 66 އިންސައްތަ ހިއްސާކުރެއެވެ. އަދި މިބަލީގައި މަރުވެފައިވާ މީހުންގެ 76 އިންސައްތަ އެ ސަރަހައްދުތަކުން ހިއްސާކުރެއެވެ.
ފާއިތުވި ދެ ހަފްތާގައި ޔޫރަޕްގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު ވަނީ ދެ ގުނަ ވެފައެވެ. އެގޮތުން ޔޫރަޕްގައި ފުރަތަމަ ފަހަރަށް އެއްދުވަހާ 250،000 މީހުންނަށް ކޮވިޑް-19 ޖެހިގެން ބުދަ ދުވަހު ވަނީ ރިކޯޑްކޮށްފައެވެ. ޔޫރަޕް ބައްރުން މިހާތަނަށް އައިއިރު 9.5 މިލިއަން މީހުންނަށް ވައިރަސް ޖެހިފައިވާއިރު 261،000 މީހުން ވަނީ މިބަލީގައި މަރުވެފައެވެ.
ފްރާންސްގައި ރިކޯޑް މިންވަރަކަށް އެއްދުވަހާ މީހުންނަށް ވައިރަސް ޖެހިގެން އާދިއްތަ ދުވަހު ވަނީ ރިކޯޑްކޮށްފައެވެ. އެއީ 50،000 ށް ވުރެ ގިނަ މީހުންނަށް އެދުވަހު ކޮވިޑް-19 ޖެހިގެންނެވެ.
ޔޫރަޕްގައި ކޮވިޑް-19 ގެ ކޭސްތައް އިތުރުވަމުން ދިއުމާއެކު ވައިރަސް ފެތުރުން ކޮންޓްރޯލްކުރުމަށް އަޅަމުންދާ ފިޔަވަޅުތަކާއެކު އެސަރަހައްދުގެ އިގްތިޞާދީ ހަރަކާތްތަކަށް ވަނީ މަޑުޖެހުމެއް އައިސްފައެވެ. އެއާއެކު އިގްތިޞާދު ދަށަށް ގޮސްފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.
އެމެރިކާ އަކީ އަދިވެސް މުޅި ދުނިޔޭގައި އެންމެ ގިނަ އަދަދެއްގެ މީހުންނަށް ވައިރަސް ޖެހިގެން ރިޕޯޓްކުރަމުން އަންނަ ގައުމެވެ. އެގައުމުގެ 8.9 މިލިއަން މީހުންނަށް ވައިރަސް ޖެހިފައިވާއިރު 228،000 މީހުން ވަނީ މިހާތަނަށް އައިއިރު އެމެރިކާއިން މިބަލީގައި މަރުވެފައެވެ.
އަނެއްކޮޅުން އެމެރިކާގައި ހުކުރު ދުވަހު ވަނީ އަލަށް 84،269 މީހުންނަށް ކޮވިޑް-19 ޖެހިގެން އަނެއްކާވެސް ރިކޯޑެއް ހަދާފައެވެ. އަންނަ ހަފްތާގެ އަންގާރަ ދުވަހު އެގައުމުގެ ރިޔާސީ އިންތިޚާބު އޮންނައިރު އެގައުމުގައި އަންނަނީ ރިކޯޑް މިންވަރަކަށް ކޭސްތައް އިތުރުވަމުންނެވެ.
އެމެރިކާގައި މީގެކުރިން ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް ކޮވިޑް-19 ޖެހިގެން ރިކޯޑްކުރަމުން އައީ 75،000 މީހުންނެވެ.
އޭޝިޔާ ސަރަހައްދުން 10 މިލިއަން މީހުންނަށް ވައިރަސް ޖެހިގެން ރިކޯޑްކޮށްފައިވަނީ މިދިޔަ ހަފްތާގެ ހޮނިހިރު ދުވަހުއެވެ. އޭޝިޔާއަކީ މުޅި ދުނިޔެއިން ދެ ވަނަ އަށް އެންމެ ގިނަ އަދަދެއްގެ މީހުންނަށް ކޮވިޑް-19 ޖެހިގެން ރިޕޯޓްކުރަމުން އަންނަ ސަރަހައްދެވެ. އޭޝިޔާގައި ހިމެނޭ އިންޑިޔާގައި ކޭސްތައް ފެންނަ މިންވަރު ވަނީ ދަށަށްދާން ފަށާފައެވެ.
އިންޑިޔާއަކީ ދެވަނަ އަށް އެންމެ ގިނަ އަދަދެއްގެ މީހުންނަށް ކޮވިޑް-19 ޖެހި އަދި މަރުވެގެން ރިޕޯޓްކުރަމުން އަންނަ ގައުމެވެ. އިންޑިޔާއިން އަންނަނީ ދުވާލެއްގެ މައްޗަށް 48،000 މީހުންނަށް އެވްރެޖްކޮށް ކޮވިޑް-19 ޖެހެމުންނެވެ. އިންޑިޔާގައި ވައިރަސް ޖެހުނު މީހުންގެ އަދަދު ވަނީ 8 މިލިއަނާ ކައިރިކޮށްފައެވެ.
އިންޑިޔާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ވަނީ ކޮވިޑް-19 އަށް ވެކްސިނެއް ލިބޭއިރަށް އެގައުމުގެ 1.3 ބިލިއަން މީހުންނަށް ވެކްސިން ދޭނެކަމަށް ވައުދުވެވަޑައިގެންފައެވެ. އެގައުމުން މިހާރުވެސް އަންނަނީ ސަރުކާރު އަދި ޕްރައިވެޓް ސެކްޓަރ ގައި ސިއްހީ ދާއިރާގައި މަސައްކަތްކުރާ މީހުންގެ ޑާޓާ ބޭސް އެއްކުރަމުންނެވެ.
މެދު އިރުމައްޗަށް ބަލާއިރު އިރާނަކީ ކޮވިޑް-19 ގެ ހާލަތު އެންމެ ގޯސް ގައުމެވެ. އިރާނުގެ ދައުލަތުގެ ޓީވީން ބުނާގޮތުގައި އެގައުމުގައި ކޮންމެ ތިން މިނެޓަކުން ކޮވިޑް-19 ޖެހިގެން މީހަކު އަންނަނީ މަރުވަމުންނެވެ.