ބިދޭސީ މަސައްކަތްތެރިންނަށް އެކޮމަޑޭޝަންގެ ހިދުމަތް ދިނުމުގެ ވިޔަފާރީގެ ހަރަކާތް ރަޖިސްޓަރީ ކުރުމުގެ ގަވާއިދެއް އެކުލަވާލައި ގެޒެޓްކޮށްފިއެވެ.
ބުރާސްފަތި ދުވަހު އިކޮނޮމިކް މިނިސްޓްރީން އާއްމުކޮށްފައިވާ ގަވައިދުގައި ބުނާ ގޮތުން، ތިން ގޮތަކަށް ބިދޭސީންގެ އެކޮމޮޑޭޝަން ރަޖިސްޓްރީ ކުރަން ޖެހޭނެއެވެ.
ވަޒީފާ ދޭ ފަރާތުގެ އަމިއްލަ ތަންތަނުގައި، އެ ފަރާތުގެ ނަމުގައި ރާއްޖެ ގެންނަ ބިދޭސީ މުވައްޒަފުންނަށް އެކަމަޑޭޝަން ހަމަޖައްސައިދޭ ފަރާތްތަކާއި، ވަޒީފާ ދޭ ފަރާތުގެ ނަމުގައި ރާއްޖެ ގެންނަ ބިދޭސީ މުވައްޒަފުންނަށް ހާއްސަ ކޮށްގެން، ހަމައެކަނި ވަޒީފާ ދޭ ފަރާތުގެ މުވައްޒަފުން ބޭތިއްބުމަށް ކުއްޔަށް ހިފާފައިވާ ތަންތަން އަދި ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ގަވާއިދު ގައި ބަޔާންކޮށްފައިވާ ޕްރޮފެޝަނަލް ގިންތީގެ ބިދޭސީ މުވައްޒަފުން ކުއްޔަށް ދޭ ތަންތަން ރަޖިސްޓްރީ ކުރުން ކޮންމެހެން ލާޒިމެއް ނުވެއެވެ.
އެކަމަކު އެ ގަވައިދުގެ ހަތަރުވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތްތަކުން ކުރެ ގޮތަކަށް ވިޔަފާރި ކުރާ ތަނެއްގެ ގޮތުގައި، އަމިއްލަ ފަރުދުންގެ ވިޔަފާރިއެއް ނުވަތަ ކުންފުންޏެއް ނުވަތަ ޕާޓްނަރޝިޕެއް ނުވަތަ ކޯޕަރޭޓިވް ސޮސައިޓީއެއް ރަޖިސްޓަރީ ކުރަން ވާނެއެވެ.
ބިދޭސީ މުވައްޒަފުންގެ އެކަމަޑޭޝަން ހިދުމަތް ދިނުމުގެ ވިޔަފާރި ހަރަކާތް ރަޖިސްޓަރީ ކުރުމަށް ހުށަހަޅާނީ، އިކޮނޮމިކް މިނިސްޓްރީގެބިޒްނަސް ޕޯޓަލްގެ ‘Registration Activity Business ‘ގެ ޚިދުމަތް މެދުވެރިކޮށެވެ.
އަލަށް އެކުލަވާލި ގަވައިދުގައި ބަޔާންކޮށްފައިވާ މިންގަނޑުތަކަށް ފެތޭތޯ ބެލުމަށް، ވިޔަފާރި ހަރަކާތް ރަޖިސްޓަރީ ކުރުމުގެ ކުރިން އިންސްޕެކްޓު ކުރަން ވާނެއެވެ. އެގޮތުން އިންސްޕެކްޓް ކުރާނީ، ސިޓީއެއްގައި ނަމަ، ސިޓީ ކައުންސިލުން ނުވަތަ ރަށެއްގައި ނަމަ، ރަށު ކައުންސިލުން ނުވަތަ މިނިސްޓްރީން ކަނޑައަޅާ އެހެން އިދާރާއަކުންނެވެ.
ވިޔަފާރި ހަރަކާތް ރަޖިސްޓަރީ ކުރެވޭނީ 500 ރުފިޔާގެ އިދާރީ ފީއެއް ދައްކައިގެންނެވެ. ގަވާއިދަށް އަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި، ބަޔާންކޮށްފައިވާ ގޮތަށް ވިޔަފާރި ހަރަކާތް ރަޖިސްޓަރީކޮށް ދަފުތަރު ކުރުމަށް ހުށަހަޅަން ވާނެއެވެ.
ގަވާއިދުގައި ބަޔާންކޮށްފައިވާ މިންގަނޑުގައިވާ ކަމެއް ފުރިހަމަވެފައި ނުވާކަން މިނިސްޓްރީން ހިންގާ އިންސްޕެކްޝަނަކުން ފާހަގަކުރެވިއްޖެ ނަމަ، އެފަދަ ކޮންމެ ފަރާތެއް، ފަސް ހާހުން ޖޫރިމަނާ ކުރެވޭނެ ކަމަށް ވަނީ ބަޔާން ކޮށްފައެވެ.
ގަވާއިދަށް އަމަލުކުރަން ފަށާނީ، ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ޝާއިއުކުރާތާ 30 ދުވަހުން ފެށިގެންނެވެ.