ފްރާންސްގެ ނީސްގެ ފައްޅިއެއް ގައި އަޅުކަން ކުރަން ތިބި ބަޔަކަށް ދިން ވަޅީގެ ހަމާލާއާ އެކު އެ ގައުމުގެ ސެކިއުރިޓީ ލެވެލް މައްޗަށް ޖައްސައިލައިފިއެވެ.
ބުރާސްފަތި ދުވަހު ހިނގި އެ ހާދިސާ ގައި ފައްޅީގައި ތިބި ތިން މީހަކު ވަނީ މަރާލާފައެވެ. އެ ތިން މީހުންގެ ތެރެއިން އުމުރުން 60 އަހަރުގެ އަންހެނެއްގެ ކަރު ކަނޑާލައި ލާއިންސާނީ ގޮތަކަށް އެ މީހާގެ ދޫ ބުރިކޮށްފައިވާ ކަމަށް ފްރާންސްގެ ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ހާމަކޮށްފައިވާ މައުލޫމާތުތަކުން އެނގޭ ގޮތުން ނަމަ ފައްޅީގައި ތިބި މީހުންނަށް ވަޅިން ހަމަލާ ދީފައިވަނީ ޓިއުނީޝިއާ އަށް ނިސްބަތްވާ 21 އަހަރުގެ ފިރިހެނެކެވެ. އެމީހާ ނީސް އަށް އެތެރެވެފައިވަނީ އިޓަލީގެ ރެޑް ކްރެސެންޓުގެ މެމްބަރުން ގޮވައިގެން ފްރާންސް އަށް ދިޔަ ރޭލެއްގައެވެ. ހަމަލާދިން ޒުވާނާ އިޓަލީން ފްރާންސް އަށް އެތެރެވީ މި މަހުގެ 20 ވަނަ ދުވަހު ކަނޑުމަގުންނެވެ.
ފްރާންސްގެ ޗީފް އެންޓި ޓެރަރިސްޓު ޕްރޮސެކިއުޓާ ޖީން ވިދާޅުވީ، ރޭލުން ފައިބައިގެން ނޮތްރޮދަމް ޗާޗްއާ ދިމާލަށް އޭނާ ހިނގާފައި ދިޔަ ތަން ސީސީޓީވީ ކެމެރާތަކަށް އަރާފައިވާ ކަމަށެވެ. ޓިއުނީޝިއާގެ މީހާއާ ބެހޭ މައުލޫމާތު ލިބިފައިވަނީ އޭނާ އަޅައިގެން އުޅުނު ރެޑްކްރެސްގެ ފާހަކުންނެވެ. ހަމަލާދިންތާ މާ ގިނަ އިރުތަކެއް ނުވެ ފުލުހުން ވަނީ އޭނާ ގަޔަށް ބަޑި ޖަހައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އޭނާ އަށް ލިބުނު ސީރިޔަސް ޒަހަމްތަކަށް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.
ހަމާލާއާ އެކު އަޅުކަންކުރާ ތަންތަން، ވަކިން ހާއްސަކޮށް ފައްޅިތަކުގެ ސެކިއުރިޓީ ވަނީ ވަރުގަދަ ކޮށްފައެވެ. އަދި މަގުމަތީގައި ފޯރިމަރަން ތިބޭ ސިފައިގެން އަދަދު 3000 އިން 7000 އަށް ވަނީ އިތުރުކޮށްފައެވެ.
ހޯމަ ދުވަހުން ފެށިގެން ސްކޫލުތަކުގެ ސެކިއުރިޓީ އަށް އިތުރު ސިފައިން ބޭތިއްބުމަށް ހަމަޖެހިފައިވާ ކަމަށް ހަމަލާ ދިން ސަރަހައްދުގައި ހުންނަވާ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ފްރާންސްގެ ރައީސް އެމެނުއަލް މެކްރޯން ވަނީ ވިދާޅުވެފައެވެ. އަދި އެމަނިކުފާނުގެ ގައުމުގެ ރައްޔިތުން ސަލަމާތް ކުރައްވާނެ ކަމުގެ ޔަގީންކަން މެކްރޯން ވަނީ ދެއްވާފައެވެ.
ނީސްގެ ހަމާލާ ޔޫރަޕްގެ ގައުމުތަކުގެ އިސްވެރިންގެ އިތުރުން މުސްލިމް ގައުމަތަކުންވެސް ދަނީ ކުށްވެރި ކުރަމުންނެވެ. އަދި އެ ހިތާމާގައި ބައިވެރިވުމުގެ ގޮތުން ގައުމުތަކުގެ ވެރިން ދަނީ ތައުޒިޔާގެ މެސެޖްތައް ފްރާންސަށް ފޮނުވަމުންނެވެ.
ނީސް ގައި ދިން ހަމަލާގައި މަރުވި މީހުންގެ ހަނދާނުގައި ފްރާންސްގެ ގާނޫނު ހަދާ މަޖިލީހުގައި މިނިޓެއްގެ ސްކޫތެއް ވަނީ ގެނެސްފައެވެ. ވަޅިން ހަމަލާ ދިނުމުގެ ފަހަތުގައިވާ ސަބަބު ހޯދިފައި ނުވިޔަސް އެއީ ޓެރަރިސްޓު ހަމަލާއެއް ކަމަށް ފްރާންސުން ބުނެއެވެ.
ވަޅިން ހަމަލާދީ ތިން މީހަކު މަރާލާފައި މިވަނީ ސްކޫލުގައި ކިޔަވައިދެމުން ދިޔަ ޓީޗަރަކު ކަރު ކަނޑާލައި މަރާލިތަ މާގިނަ ދުވަސްތަކެއް ނުވެއެވެ. އެ ޓީޗަރު މަރާލީ ކަމަށް ބުނެފައިވަނީ ސްކޫލުގެ ދަރިވަރުންނަށް ކީރިތި ރަސޫލާގެ ކާޓޫނުތަކެއް ދެއްކުމާއި ގުޅިގެންނެވެ. ކާޓޫންގެ މައްސަލަ އިތުރަށް ގޯސްވެ މުސްލިމް ގައުމުތަކާއި ފްރާންސްއާއި ދެމެދު ނުތަނަވަސްކަން އުފެދުނީ އިސްލާމްދީނަކީ ''ނުރައްކާތެރި'' ދިނެއް ކަމަށް ވިދާޅުވެ، ކާޓޫން ކުރެހި މީހުންނަށް ފްރާންސުގެ ރައީސް ހިތްވަރު ދެއްވާ ވާހަކަފުޅު ދެއްކުމާއި ގުޅިގެންނެވެ.
ފްރާސްނުގެ އުފެއްދުންތައް ބޮއިކޮޓް ކުރުމަށް ގޮވާލާ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދަނީ ކެމްޕޭނެއްވެސް ހިންގަމުންނެވެ.