އަހަރުގެ މިހާތަނަށް އައި އިރު ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 11 ބިލިއަން ރުފިޔާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފިނޭންސް އިން އާންމުކުރާ ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓްސް ދައްކާ ގޮތުން އޮކްޓޫބަރ މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 11.1 ބިލިއަން ރުފިޔާއެވެ. މިއީ ފާއިތުވި އަހަރުގެ މި މުއްދަތުގައި އާމްދަނީގެ ގޮތުގައި ލިބުނު 19.9 ބިލިއަން އާއި އަޅާ ބަލާއިރު، 8.8 ބިލިއަން ރުފިޔާގެ ތަފާތެކެވެ. ދައުލަތުގެ އާމްދަނީ މިވަނީ 44 އިންސައްތަ ދަށަށް ގޮސްފައެވެ.
މިހާތަނަށް ދައުލަތަށް އެންމެ ބޮޑު އާމްދަނީ އެއް ޓެކުހުން ލިބިފައިވާއިރު، އެއީ 8.5 ބިލިއަން ރުފިޔާއެވެ. ފާއިތުވި އަހަރުގެ މި މުއްދަތުގައި ޓެކުހުން 13.6 ބިލިއަން ރުފިޔާ ދައުލަތަށް ވަނީ ލިބިފައެވެ. ނަން ޓެކްސް ރެވެނިއުގެ ގޮތުގައި ދައުލަތަށް 5.3 ބިލިއަން ރުފިޔާ ލިބިފައިވާ އިރު، މި އަހަރުގެ މިހާތަނަށް ނަން ޓެކްސް ރެވެނިއުގެ ގޮތުގައި ލިބިފައި ވަނީ 2.1 ބިލިއަން ރުފިޔާއެވެ.
ފިނޭންސްގެ ތަފާސްހިސާބުތައް ދައްކާގޮތުން ކެޕިޓަލް ރިސީޕްޓްސްގެ ގޮތުގައި 7.5 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާ އިރު، ގްރާންޓްސްގެ ގޮތުގައި ލިބިފައި ވަނީ 592.1 މިލިއަން ރުފިޔާއެވެ.
ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ކުރި ނޭދެވޭ އަސަރާއި އެކު ދައުލަތުގެ އާމްދަނީ އަށް ވަނީ ބޮޑު އަސަރެއް ކޮށްފައެވެ. މިކަމުގެ ސަބަބުން ދައުލަތުގެ ހަރަދުތައް މަދު ކުރަން ނިންމި ނަމަވެސް އަހަރުގެ މިހާތަނަށް ދައުލަތުން ވަނީ 20.8 ބިލިއަން ރުފިޔާ ހަރަދުކޮށްފައެވެ. ފާއިތުވި އަހަރުގެ މި މުއްދަތުގައި ހަރަދު ކޮށްފައި ވަނީ 20.9 ބިލިއަން ރުފިޔާއެވެ.