ކ. މާލެ
|
29 އޮކްޓޯބަރ 2020 | ބުރާސްފަތި 15:52
އޭއެފްސީ ކަޕްގެ ކޮލިފިކޭޝަނުގައި ރާއްޖޭގައި މާޒިޔާއިން ބެންގަލޫރާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން
އޭއެފްސީ ކަޕްގެ ކޮލިފިކޭޝަނުގައި ރާއްޖޭގައި މާޒިޔާއިން ބެންގަލޫރާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން
މާޒިޔާ ސްޕޯރޓްސް ކްލަބް
އޭއެފްސީ ކަޕް ކެންސަލް ކުރުން
ކުލަބުތަކަށް ލިބުނު މާލީ ގެއްލުމުގެ ބަދަލު އޭއެފްސީން ނުދިން!
އޭއެފްސީ ކަޕް ކެންސަލް ކުރީ ބައެއް ސަރަހައްދުތަކުގައި މެޗުތައް ކުރިއަށްގެންދެވޭނެ ގޮތެއް ނެތުމުން
މުބާރާތަށް ތައްޔާރުވުމަށް ކުރި ކަންތަކަށް އެކަނިވެސް މާޒިޔާއަށް ދެ މިލިޔަން ރުފިޔާގެ ގެއްލުމެއް ލިބިގެންދިޔަ
މި ވަގުތު ކުލަބުތަކަށް މާލީ ބަދަލު ދެވެން ނެތް ކަމަށް އޭއެފްސީން ފޮނުވި ސިޓީގައި ވަނީ ބުނެފައި

ކޮވިޑް-19 ގެ ސަބަބުން މި އަހަރުގެ އޭއެފްސީ ކަޕް ކެންސަލް ކުރުމުން، ލިބުނު މާލީ ގެއްލުމުގެ ބަދަލު ހޯދަން ކުލަބުތަކުން އޭއެފްސީގައި އެދުނު ނަމަވެސް، އެކަން ކޮށްދެވެން ނެތް ކަމަށް އެ އިދާރާއިން ބުނެފިއެވެ.

ކޮވިޑް-19 އާ ގުޅިގެން މާޗު މަހު މެދުކަނޑާލި އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ސެންޓްރަލައިޒް ކޮށްގެން އޮކްޓޯބަރު މަހު އަލުން ފެށުމަށް މީގެ ކުރިން ނިންމި ނަމަވެސް ސެޕްޓެމްބަރު މަހު އޭއެފްސީން ވަނީ މި އަހަރުގެ މުބާރާތް ކެންސަލް ކޮށްފައެވެ. އޭއެފްސީން މުބާރާތް ކެންސަލް ކުރުމަށް ނިންމީ އޭއެފްސީ ކަޕްގެ މެޗުތައް ދެކުނު އޭޝިއާ ސަރައްހަދު ފިޔަވައި އެހެން ސަރަހައްދުތަކުގައި ކޮވިޑް-19 ގެ ސަބަބުން ކުރިއަށްގެންދެވޭނެ ގޮތެއް ނެތުމާއި، ބައެއް ގްރޫޕްތަކުގެ މެޗުތައް ހޯސްޓް ކުރާނެ ގައުމެއްވެސް ހަމަޖެހިފައި ނެތުމުގެ ސަބަބުންނެވެ.

އެހެންކަމުން މި މުބާރާތުގައި ވާދަކުރި ރާއްޖޭގެ ދެ ކުލަބު ކަމަށްވާ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ޓީސީ ސްޕޯޓްސް ކުލަބުގެ އިތުރުން ބަންގްލަދޭޝްގެ ބަޝުންދަރާ ކިންގްސްއިން ވަނީ ލިބުނު މާލީ ގެއްލުމުގެ ބަދަލު ހޯދުމަށް އެދި އޭއެފްސީއަށް ސިޓީއެއް ފޮނުވާފައެވެ. ރާއްޖޭގެ އޮންލައިން ނޫސް "މިހާރު" އަށް މައުލޫމާތުދެއްވަމުން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ޖެނެެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) ވިދާޅުވީ ރާއްޖޭގެ ޓީސީ އާއި މާޒިޔާ އޭއެފްސީ އަށް ފޮނުވި ސިޓީގެ ޖަވާބު ލިބިފައިވާ ކަމަށާއި، މި ވަގުތު ކުލަބުތަކަށް މާލީ ބަދަލު ދެވެން ނެތް ކަމަށް އޭއެފްސީން އެ ސިޓީގައި ބުނެފައިވާ ކަމަށެވެ.

އޭއެފްސީ ކަޕް ކެންސަލް ކުރުމާ ގުޅިގެން ކުލަބުތަކަށް މާލީ ބޮޑު ގެއްލުމެއް ވިއިރު، މުބާރާތަށް ތައްޔާރުވި ރާއްޖޭގެ ޗެމްޕިއަން މާޒިޔާއަށް ދެ މިލިޔަން ރުފިޔާއަށްވުރެ ބޮޑު ގެއްލުމަކާ ކުުރިމަތިލާން ޖެހުނު ކަމަށް އެ ކުލަބުން މީގެ ކުރިން ވަނީ ބުނެފައެވެ.

މީގެ ކުރިން ރާއްޖެޓީވީގެ "ކުޅިވަރު ފައިލް" ޕްރޮގްރާމުގައި ވާހަކަ ދައްކަމުން މާޒިޔާގެ ކޯޗު މުޙައްމަދު ނިޒާމް (ނިޒާމްބެ) ބުނީ އޭއެފްސީ ކަޕަށް ބޮޑު ހޭދައެއް ކުލަބުން ކުރުމަށްފަހު، މުބާރާތް ކެންސަލް ވުމަކީ މާލީ ގޮތުންވެސް ކުލަބަށް ލިބިގެންދިޔަ ބޮޑު ގެއްލުމެއްގެ އިތުރުން ކުޅުންތެރިންނަށްވެސް އެކަމުގެ ގެއްލުން ކުރިމަތިވެގެންދިޔަ ކަމެއް ކަމަށެވެ. އަދި ބައިނަލްއަގުވާމީ ބޮޑެތި މުބާރާތްތަކާއި އޭއެފްސީ ޗެމްޕިއަންސް ލީގު މުބާރާތް ކުރިއަށްދަނިކޮށް، ހަމައެކަނި އޭއެފްސީ ކަޕް ކެންސަލް ކުރުން އެއީ ވިސްނާ ވިސްނާވެސް ގަބޫލުކުރަން ފަސޭހަ ކަމެއް ނޫން ކަމަށް ނިޒާމްބެ ބުންޏެވެ.

ޓީސީގެ ކޯޗު މުޙައްމަދު ޝާޒްލީ (ޝާޒް) ބުނީ އޭއެފްސީން މުބާރާތް ކެންސަލް ކުރި ނަމަވެސް، މި މުބާރާތް ކެންސަލް ކުރަންޖެހޭ ކަމަށް ގަބޫލުނުކުރެވޭ ކަމަށާއި، މިކަމުގައި ދިމާވެދާނެ ދަތިތަކާއި، ލިބިގެންދާނެ ގެއްލުން އޭފްސީއަށް ވަރަށް ރަނގަޅަށް އެނގޭނެ ކަމަށެވެ.

މިއަހަރުގެ އޭއެފްސީ ކަޕް ކެންސަލް ކުރިއިރު، އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ޓީމުތަކުގެ ގްރޫޕްގައި ރާއްޖޭގެ މާޒިޔާ އާއި ޓީސީ އައީ ވާދަކުރަމުންނެވެ. ދެން މި ގްރޫޕްގައި ހިމެނުނީ ބަންގްލަދޭޝްގެ ބަޝުންދަރާ ކިންގްސް އާއި އިންޑިއާގެ ޗެންނާއީ ސިޓީ އެފްސީއެވެ.

މީގެ ކުރިން ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި މާޒިޔާ އާއި ޓީސީ ވަނީ މާޗު މަހު 12 ވަނަ ދުވަހު ވާދަކޮށްފައެވެ. އެ ދުވަހު ބަންގްލަދޭޝްގައި އެ ގައުމުގެ ބަޝުންދަރާ ކިންގްސްއާ ދެކޮޅަށް ޓީސީ ކުޅުނު މެޗުން އެޓީމު ވަނީ 5-1 ން ބަލިވެފައެވެ. އަދި އިންޑިއާގައި މާޒިޔާ ވަނީ އެ ގައުމުގެ ޗެންނާއީ ސިޓީ އެފްސީއާ 2-2 ން އެއްވަރުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް