ބޭންކް އޮފް މޯލްޑިވްސް އިން އަތޮޅުތެރޭގައި ކުރަމުންދާ އިންވެސްޓްމަންޓް އިތުރަށް ފުޅާކުރުމުގެ ގޮތުންނާއި މުޖުތަމައަށް ފޯރުކޮށްދޭ އެހީތެރިކަމުގެދަށުން އއ. އުކުޅަހުގައި ސެލްފް ސަރވިސް ބޭންކިންގ ސެންޓަރެއް ހުޅުވައި ހިދުމަތް ދޭން ފަށައިފިއެވެ.
މި އޭޓީއެމް ސެންޓަރ މެދުވެރިކޮށް ފައިސާ ނެގުމުގެ އިތުރުން އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ޖަމާކުރުމާއި، ފައިސާ ދެއްކުމާއި ޓްރާންސްފަރ ކުރުމުގެ ހިދުމަތް ލިބިގެންދާނެ ކަމަށް ބީއެމްއެލްއިން ބުންޏެވެ.
މި ހިދުމަތާއެކު އއ. އަތޮޅުގައި ބީއެމްއެލް އިން އޭޓީއެމްގެ ޚިދުމަތް 3 ރަށަކުން ލިބޭނެއެވެ. މީގެ އިތުރުން ބޭންކުން އަންނަނީ ރަސްދޫގައި ބްރާންޗްގެ ހިދުމަތް ފޯރުކޮށްދެމުން ކަމަށް އެކުންފުނިން ބުންޏެވެ.
24 ގަޑީއިރު ހިދުމަތް ދިނުމަތް ހަމަޖެހިފައިވާ މި ސެންޓަރުގައި އެންމެ ޒަމާނީ ހިދުމަތްތައް އެކުލެވިގެންވާ އޭޓީއެމް އެއް ބަހައްޓާފަ އެވެ. ކަސްޓަމަރުންނަށް އަމިއްލަ ރަށުގައި ތިބެ ފަސޭހަކަމާއެކު ފައިސާގެ މުއާމަލާތްކުރުމާއި ކޮންމެ ވަގުތަކު ފަސޭހަކަމާއެކު ބޭންކިންގ ހިދުމަތް ހޯދުމުގެ ފުރުސަތު އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ފަހިކުރުމަށް ބޭންކުން އަންނަނީ މެދު ކެނޑުމެއްނެތި މަސައްކަތްކުރަމުން ކަމަށް ބީއެމްއެލްއިން ބުންޏެވެ.
މި ގޮތުން ދާދި ފަހުން ބީއެމްއެލް އިން ވަނީ ނ. ކެނދިކުޅުދޫ، ތ. ތިމަރަފުށި އަދި އއ. ތޮއްޑޫގައިވެސް އޭޓީއެމް ބަހައްޓައި ހިދުމަތް ދޭން ފަށާފައެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 38 ބްރާންޗް، 62 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 125 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ބީއެމްއެލްއިން ބުންޏެވެ.