ފްރާންސްގެ ނީސްގެ ޗާޗެއްގައި ވަޅިން ހަމާލާދީ ދެ މީހަކު މަރާލައި އިތުުރު ބަޔަކު ޒަހަމް ކޮށްލައިފިއެވެ.
ސިޓީގެ މޭޔަރު ކްރިސްޓިއަން އެސްޓްރޮސި ވިދާޅުވީ، އޭ ހަދިސާ ހިނގާފައިވަނީ މަޝްހޫރު ނޮތްރޮދަމް ޗާޗު ކައިރީގައި ކަމަށެވެ. ހަމަލާ ދީން މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓް ކޮށްފައެވެ. އެ ހަމަލައަކީ ޓެރަރިޒަމްގެ އަމަލެއްގެ ގޮތުގައި ނީސްގެ މޭޔަރު ވަނީ ސިފަކުރައްވާފައެވެ.
ޗާޗެއްގައި ވަޅިން ހަމާލާތައް ދީފައިމިވަނީ، ފްރާންސުގެ ސްކޫލެއްގައި ކިޔަވައިދޭ ޓީޗަރަކު ކަރުބުރި ކޮށްލައި މަރާލާފައި ވަނިކޮށެވެ. އެ ޓީޗަރު މަރާލީ ޗެޗްނިއާ ދަރިފަސްކޮޅުގެ މީހެއް ކަމަށް ފްރާންސުގެ ފުލުހުން ވަނީ ބުނެފައެވެ. އެ މީހާ ބުނާ ގޮތުން، ޓީޗަރު މަރާލާފައިވަނީ ރަސޫލާގެ ކާޓޫން ސްކޫލު ދަރިވަރުންނަށް ދެއްކުމުން އެކަމުގެ އަދަބެއްގެ ގޮތުންނެވެ.
ނީސްގެ ޗާޗުގައ ދިން ވަޅީގެ ހަމަލާގެ ފަހަތުގައި ވަނީ ކާޓުން ކުރެހި މައްސަލައާ ގުޅުންހުރި ކަމެއް ނުވަތަ ނޫން ކަމެއް އަދި އޮޅުންފިލާފައި ނުވާ ކަމަށް މީޑިއާތަކުން ވަނީ ރިފޯޓް ކޮށްފައެވެ.
ޓީޗަރުގެ މަރާއި އެކު ކާޓޫން ކުރެހުމަށް ބާރުއަޅަމުންދާތީވެ މުސްލިމު ގައުމުތަކުން ވަނީ ފްރާންސް ދެކެ ރުޅިގަދަވެފައެވެ. އެ މައްސަލަ މުސްލިމް ގިނަ ގައުމުތަކުން ކުށްވެރި ކުރަމުންދާއިރު އެކަމާއި ގުޅިގެން އެކި ގައުމުތަކުގައި ދަނީ މުޒާހަރާކޮށް އަޑު އުފުލަމުންނެވެ. އަދި ފްރާންސްގެ ރައީސް އެމަނުއަލް މެކްރޯން އިސްލާމް ދީނާ ދެކޮޅަށް މަސައްކަތް ކުރަމުންދާ ކަމުގެ ތުހުމަތުތައް އަމާޒުވެ އެމަނިކުފާނަށް މުސްލިމް ގައުމުތަކުގެ އިސްވެރިންގެ ފާޑުކިޔުން ދަނީ އިންތިހާ އަށް އަމާޒުވެފައެވެ.