އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކަލް ރިޗަރޑް ޕޮމްޕެއޯ، ދިވެހިރާއްޖެއަށް ކުރެއްވި ދަތުރުފުޅުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ދިވެހި ސިފައިން ކުރިއަށްގެންދިޔަ އޮޕަރޭޝަނަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ތައުރީފު ކުރައްވައިފިއެވެ.
އޭޝިއާގެ ބައެއް ގައުމުތަކަށް ކުރައްވާ ޒިޔާރަތުގެ ތެރެއިން، ބުދަ ދުވަހު އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ރާއްޖެ ވަޑައިގެންނެވުމާ ގުޅިގެން ދިވެހި ސިފައިން ވަނީ އެމަނިކުފާނުގެ ސަލާމަތީ ކަންކަމުގައި އިސް ދައުރެއް އަދާކޮށްފައެވެ.
އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓުގެ ދަތުރުފުޅާ ގުޅިގެން، ދިވެހި ސިފައިން އަދާކުރި ދައުރު ފާހަގަކުރައްވައި ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވީ އޮޕަރޭޝަނަލް އަދި ޓެކްޓިކަލް ލެވެލުގައި ދިވެހި ސިފައިން އަދާކުރި ދައުރުން ފެނިގެންދިޔައީ ދިވެހި ސިފައިންގެ ޕްރޮފެޝަނަލިޒަމާއި، އެކަމަށް ދިން ކޮމިޓްމަންޓް ކަމަށެވެ.
ސަރުކާރުގެ އެހެނިހެން ސަލާމަތީ ބާރުތަކާ ގުޅިގެން ގާބިލުކަން އިސްކޮށްގެން ދިވެހި ސިފައިން ކުރެއްވި މަސައްކަތްތަކާ މެދު ހިތްޕުޅު ހަމަޖެހިވަޑައިގެން، ޗީފް އޮފް ޑިފެންސް ފޯސްގެ ރަސްމީ ޓްވީޓާއިން ވަނީ ސިފައިންގެ އޮފިސަރުންނާއި ޓްރޫޕްސް ހިމެނޭހެން ތައުރީފާއި އައްސަރިބަހާއި ސާބަސް ރައްދުކުރައްވާފައެވެ.
އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓުގެ ދަތުރުފުޅާ ގުޅިގެން ބުދަ ދުވަހު ވަނީ މާލެ ސިޓީގެ ހަތަރު ސަރަހައްދެއް ސަލާމަތީ ސަބަބުތަކަށްޓަކައި އެކި ވަގުތުތަކުގައި ބަންދުވެސް ކޮށްފައެވެ.
އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓްގެ މި ދަތުރުފުޅަކީ 1992 ވަނަ އަހަރުގެ ޖުލައި މަހުގެ 24 ވަނަ ދުވަހު އެމެރިކާގެ އޭރުގެ ޚާރިޖީ ވަޒީރު ޖޭމްސް އެޑިސަން ބޭކަރ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު، އެމެރިކާ ސަރުކާރުގެ ފަރާތުން ރާއްޖެއަށް ކުރެއްވި އެންމެ މަތީ ފަންތީގެ ދަތުރުފުޅެވެ.