ކ. މާލެ
|
29 އޮކްޓޯބަރ 2020 | ބުރާސްފަތި 12:17
ހަސަން ލަތީފް ކުޅިވަރުގެ ޤާނޫނާ ބެހޭ ގޮތުން ރާއްޖެޓީވީގެ \"ކުޅިވަރު ފައިލް\" ޕްރޮގްރާމުގައި ވާހަކަ ދައްކަވަނީ
ހަސަން ލަތީފް ކުޅިވަރުގެ ޤާނޫނާ ބެހޭ ގޮތުން ރާއްޖެޓީވީގެ "ކުޅިވަރު ފައިލް" ޕްރޮގްރާމުގައި ވާހަކަ ދައްކަވަނީ
ރާއްޖެ އެމްވީ
ކުޅިވަރުގެ ޤާނޫނު އިސްލާހުކުރުން
ކުޅިވަރުގެ ޤާނޫނަށް ގިނަ އިސްލާހުތަކެއް ހުށަހަޅައިފި
ކުޅިވަރާ ބެހޭ ވަޒީރުގެ މަސްއޫލިއްޔަތުތަކާއި، ބާރުތަކާ ގުޅޭ ގޮތުންވެސް އިސްލާހުތަކެއް ވަނީ ހުށަހަޅާފައި
ކުޅިވަރާ ބެހޭ ގައުމީ މަޖިލީހުގެ އިންތިޚާބާއި، ކުޅިވަރު އެސޯސިއޭޝަންތަކުގެ އިންތިޚާބުތައް ދެން ބާއްވާނީ އިލެކްޝަން ކޮމިޝަނުން

2015 ވަނަ އަހަރު އެކުލަވާލެވުނު ކުޅިވަރުގެ ޤާނޫނަށް ގިނަ އިސްލާހުތަކެއް އެމްޑީޕީގެ ޗެއާޕަސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މަޖިލިސް މެންބަރު ހަސަން ލަތީފް ހުށަހަޅުއްވައިފިއެވެ.

ހަސަން ލަތީފް ހުށަހެޅި އިސްލާހުތަކުގެ ތެރޭގައި ކުޅިވަރާ ބެހޭ ގައުމީ މަޖިލީހާއި، ސްޕޯޓްސް ކޮމިޝަނާއި، ސްޕޯޓްސް ކޯޕަރޭޝަނާއި، ސްޕޯޓްސް އިނިސްޓިއުޓް އަދި ކުޅިވަރު އެސޯސިއޭޝަންތަކާއި ގުޅޭ ގިނަ ކަންކަން ހިމެނެއެވެ. އަދި ކުޅިވަރާ ބެހޭ ވަޒީރުގެ މަސްއޫލިއްޔަތުތަކާއި، ބާރުތަކާ ގުޅޭ ގޮތުންވެސް އިސްލާހުތަކެއް ވަނީ ހުށަހަޅުއްވާފައެވެ.

ހަސަން ލަތީފް ވިދާޅުވީ ކުޅިވަރުގެ ޤާނޫނު އެކުލަވާލި ފަހުން ފުރަތަމަ ފަހަރަށް ޤާނޫނަށް އިސްލާހު ހުށަހެޅުމުގެ މަގްސަދަކީ ރާއްޖޭގެ ކުޅިވަރާ ބެހޭ އެކިއެކި މުއައްސަސާތަކާ ހުރި ފުށުއެރުންތައް ނައްތާލުމާއި، އެ މުއައްސަސާތައް ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން ހިންގޭނެ ނިޒާމެއް ގާއިމުކޮށް ކުޅިވަރުގެ ވަސީލަތްތައް ބިނާކޮށް ތަރައްގީކުރާއިރު، އެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތަކަކަށް ބެލެހެއްޓޭނެ ނިޒާމެއް ގާއިމުކުރުމާއި، އެފަދަ ވަސީލަތްތައް ގާއިމުކޮށް ބެލެހެއްޓުމުގައި ދައުލަތުގެ ބަޖެޓަށް ބާރުކުޑަވާނެ އުސޫލެއް ގާއިމުކުރުން ހިމެނޭ ކަމަށެވެ.

މީގެ އިތުރުން ކުޅިވަރު އެސޯސިއޭޝަންތަކުގެ އިންތިޚާބުތަކާ ގުޅޭގޮތުންވެސް ޤާނޫނަށް ވަނީ އިސްލާހު ހުށަހަޅާފައެވެ. މިކަމާ ގުޅިގެން ހަސަން ލަތީފް ވިދާޅުވީ ކުޅިވަރުގެ އެކިއެކި މުއްސަސާތަކުގެ އިންތިޚާބުތަކަކީ ދެފުށްފެންނަ އިތުބާރުކުރެވޭ ނިޒާމެއްގެ ތެރެއިން ހިންގޭ އިންތިޚާބުތަކެއް ކަމުގައި ހެދުމާއި، ކުޅިވަރާ ބެހޭ ވުޒާރާގެ މަސްއޫލިއްޔަތުތަކާއި ބާރުތައް ކަނޑައެޅުން ކަމަށެވެ.

ކުޅިވަރުގެ ޤާނޫނަށް ގެންނަށް ހުށަހަޅާފައިވާ އިސްލާހުތަކުގެ ތެރޭގައި ކުޅިވަރާ ބެހޭ ގައުމީ މަޖިލީހުގެ އިންތިޚާބާއި، ކުޅިވަރު އެސޯސިއޭޝަންތަކުގެ އިންތިޚާބުތައް ދެން ބާއްވާނީ އިލެކްޝަން ކޮމިޝަނުން ކަމަށް ވަނީ ބަޔާންކޮށްފައެވެ. މި ކަމަށް ކޮންމެ އަހަރަކުން އެއްފަހަރު ދާނެ ޚަރަދު ކަމަށް ބަޔާންކޮށްފައި ވަނީ 200،000 (ދެ ލައްކަ) ރުފިޔާއެވެ.

ކުޅިވަރުގެ ޤާނޫނަށް އިސްލާހުތަކެއް ހުށަހަޅާފައި މި ވަނީ ކުޅިވަރުގެ ކަންކަމާ ބެހޭ ގޮތުން ރާއްޖެޓީވީގެ "ކުޅިވަރު ފައިލް" ޕްރޮގްރާމުގައި ހަސަން ލަތީފް ވަރަށް ބޮޑަށް ފާޑުކިޔާފައިވާ ދަނޑިވަޅެއްގައެވެ.

ކުޅިވަރުގެ ޤާނޫނަށް އިސްލާހުތަކެއް ގެނައުމަކީ ސަރުކާރުގެ ވައުދެއް ކަމަށާއި، އެކަމަށް ސްޓްރެޓެޖިކް އެކްޝަން ޕްލޭނެއް ސަރުކާރުން އެކުލަވާލާފައިވާއިރު، މިދިޔަ އަހަރު ޤާނޫނު އިސްލާހުކުރަން ސަރުކާރުން ނިންމި ކަމަށް ހަސަން ލަތީފް އެ ޕްރޮގުރާމުގައި ވަނީ ވިދާޅުވެފައެވެ.

ރައްޔިތުން އެންމެ ބޮޑަށް ފާޑުކިޔަމުންދަނީ ކުޅިވަރު ހިންގުމުގައި ހުރި ނުރަނގަޅު ކަންތައްތަކަކަށް ކަމަށްވާއިރު، ނުރަނގަޅުކޮށް ކަންތައްތަކެއް ކުރަމުންދާއިރު އެކަންތައް ބެލޭނެ ގޮތްތަކެއްގެ ވާހަކަ ކަމަށާއި، ސަރުކާރުން ކުޅިވަރުގެ ޤާނޫނު އިސްލާހުކުރަން ވައުދުވެ، އެކަން ކުރަން ނިންމީ އެކަންކަމަށް އޮތް ފާޑުކިޔުން ހުއްޓުވުމަށް ކަމަށްވެސް ހަސަން ލަތީފް ވިދާޅުވިއެވެ.

އަދި ކުޅިވަރުގެ ކަންކަން އަދި ހުރީ 1980 ގެ ތެރޭގައި ސަރުކާރުގައި ކަންކަން ހުރި ހިސާބުގައި ކަމަށާއި، ޝަކުވާއެއް އުފުލާނެ ތަނެއް ހޯދާ ދެނެގަތުން އެއީ އުނދަގޫ ކަމެއް ކަމަށާއި، އެތަންތަން ދެނެގަނެ ޝަކުވާއެއް ހުށަހެޅުމުން ދެން ވާގޮތްވެސް ފެންނަން އެބަހުރި ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

ޤާނޫނުތައް އިސްލާހުނުކޮށް އޮތުމުން އެކަން ކުރަންތިބޭ ބޭފުޅުންނަށް ފަސޭހަކޮށް ހުރިހާ ބާރެއް އަތަށް ނަގައިގެން ކުރެވޭނެ ކަމަށާއި، ޤާނޫނު އިސްލާހުކުރުން ލަސްވެފައި ވަނީ ނޫނީ އެކަން ނުކޮށް އޮތީ ކުޅިވަރުގެ ކަންކަން ކުރަން ސަރުކާރުގައި ތިއްބެވި ބޭފުޅުންގެ އަތަށް ބާރު ނަގަން ބޭނުންވެގެން ކަމަށް ވެސް ހަސަން ލަތީފް ވަނީ ތުހުމަތުކޮށްފައެވެ. 2015 ވަނަ އަހަރު ފާސްކޮށްފައިވާ ކުޅިވަރުގެ ޤާނޫނުގައި ބުނެފައިވާ ގޮތުން ޤާނޫނުގެ ދަށުން އަމަލުކުރަންޖެހޭ ގަވާއިދުތައް އެއް އަހަރު ދުވަހުގެ ތެރޭގައި ހަދަން ޖެހޭ ކަމަށް ބުނެފައިވާއިރު ގިނަ ގަވާއިދުތައް އޮތީ ނުހެދި ކަމަށާއި، އެ ގަވާއިދުތައް ނުހަދާ ތިބެނީ އެކަންކަން އެނގިހުރެ ގަސްދުގައި ކަމަށް ހަސަން ލަތީފް ވަނީ ވިދާޅުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
- ކޮމެންޓް