ބަޔޮސްފިޔަރ ގޮތުގައި ކަނޑައަޅާ ސަރަހައްދުތަކަށް ވަންނަ ފައިސާ އެ އަތޮޅެއް އަދި އެ ރަށެއްގެ ތަރައްގީއަށް ޚަރަދުކުރާނެ ކަމަށް އެންވަޔަރަމަންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.
އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީ ބަޔޮސްފިޔަރ ރިޒާވުގެ ގޮތުގައި ކަނޑައެޅިކަން ޔުނެސްކޯއިން އިއުލާން ކުރުމާއި ގުޅިގެން ބުދަ ދުވަހުގެރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ ތަނެއް ހިމާޔަތްކޮށްފައި ބެލެހެއްޓުމުގެ އެންމެ މުހިންމު މަސައްކަތަކީ އެތަނާ މެދު އަމަލުކުރާނެ މެނޭޖުމެންޓް ޕްލޭނެއް އޮތުން ކަމަށާއި، އެ މެނޭޖުމެންޓް ޕްލޭނަށް އާންމު ރައްޔިތުން ހޭލުންތެރި ކުރުން ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ބަޔޮސްފިޔަރ ގޮތުގައި ކަނޑައެޅޭ ސަރަހައްދުތަކުގެ މުހިންމުކަމާއި، އެ ތަންތަނުގައި ކުރެވޭނެ ކަންކަމާއި ނުކުރެވޭނެ ކަންކަން ރައްޔިތުންނަށް ބުނެދޭން ޖެހޭ ކަމަށެވެ. އަދި އެ ސަރަހައްދުތަކުން ލިބޭ ފައިދާގެ މުހިންމުކަން އަންގައިދޭން ޖެހޭ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން އާންމު ރައްޔިތުން ހޭލުންތެރިކުރުމުގެ ގިނަ މަސައްކަތްތައް ކުރަމުންދާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ބ. އަތޮޅު ބަޔޮސްފިޔަރ ގޮތުގައި ކަނޑައެޅުމުން އެ އަތޮޅުގެ ރައްޔިތުންނަށް ލިބޭ ފައިދާއަށް އަލިއަޅުއްވާލައްވައި މިނިސްޓަރު ވިދާޅުވީ އެތަނަށް ޒިޔާރަތް ކުރާ މީހުންގެ ފަރާތުން ލިބޭ ފައިސާގެ އިތުރުން އެ ސަރަހައްދަށް ވަންނަ ފައިސާ ބ. އަތޮޅުގެ ތަރައްގީއަށް ބޭނުންކުރާނެ ކަމަށެވެ.
ފައިސާ ބޭނުންކޮށްގެން އަތޮޅުގެ މީހުންނަށް މި ތަރައްގީއަށް ފައިސާ ޚަރަދުކޮށް ދިނުން. އެހެންވީމަ ވޭތުވެދިޔަ ތަނުގައި ބ. އަތޮޅު ބަޔޮސްފިޔަރ ފަންޑުން ޚަރަދުކޮށްގެން ތަރައްގީގެ އެކި މަސައްކަތްތައް ކޮށްދީފައި. މިހާރުވެސް އަޅުގަނޑުމެން މިދަނީ ބ. އަތޮޅުގެ ކޮންމެ ރަށަކަށް މީހުން ދިރިއުޅޭ ރަށަކަށް މީގެ އެޕާޓްމަންޓެއް ހަދާދިނުމަށް ބ. އަތޮޅުގެ ކައުންސިލަށް ފައިސާ ދިނުމަށް ތަައްޔާރުވަމުން.އެންވަޔަރަމަންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން
މިނިސްޓަރު ވިދާޅުވީ އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީ ބަޔޮސްފިޔަރ ރިޒާވުގެ ގޮތުގައި ކަނޑައެޅުމާ ގުޅިގެން މުސްތަގުބަލުގައި ބަޔޮސްފިޔަރ ރިޒާވަށް ލިބޭ ފައިސާވެސް ބޭނުން ކުރެވެމުންދާނީ އެ ދެ އަތޮޅުގެ އިޖުތިމާއީ ތަރައްގީގެ މަސައްކަތްތަކަށް ކަމަށެވެ.
ބަޔޮސްފިޔަރ ރިޒާވުގެ ގޮތުގައި ކަނޑައެޅުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި މިނިސްޓަރު ވިދާޅުވީ މިއީ އެ އަތޮޅަކަށް ލިބޭ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ. މިކަމުގެ ސަބަބުން ފަތުރުވެރިންގެ މެދުގައި ބޮޑަށް އެ ސަރަހައްދެއް މަގުބޫލު ވެގެންދާނެ ކަމަށާއި، ފަތުރުވެރިކަން ޕްރޮމޯޓް ކުރުމަށްވެސް ލިބުނު އިތުރު ބޮޅެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ގުދުރަތީ ވެެށީގެ ތެރެއިން މުހިންމު ބައިތަކެއް މި ދެ އަތޮޅުގެ ބަޔޮސްފިޔަރގެ ތެރޭގައި ހިމަނައިގެން، ރައްކާތެރިކަމާއެކު އެތަންތަނަކީ އަންނަން އޮތްޖީލުތަކަށް ރައްދު ކުރެވޭ ތަންތަން ކަމަށެވެ. އަދި މިއީ މުޅި ރާއްޖެއަށް ލިބޭ ކުރިއެރުމެއްގެ ގޮތުގައި މިނިސްޓަރު ފާހަގަކުރެއްވިއެވެ.