ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ހުށައެޅުއްވި ބިލު ބަލައިނުގަތުމަށް ފާާސްކޮށްފިއެވެ.
މި ބިލު ބަލައިގަނެ ކޮމިޓީއަށް ފޮނުވަން ނުފެންނަކަމަށް 51 މެމްބަރުން ވޯޓު ދެއްވި އިރު ބަލައިގަންނަން ފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ މެމްބަރެކެވެ. 72 މާއްދާގެ މައްޗަށް އެކުލަވާލެވޭ މި ބިލު ހުށައަޅުއްވަމުން ޖާބިރު ވިދާޅުވީ ދިވެހިރާއްޖޭގެ ގާނޫނު އަސާސީގެ އެއްވެސް ހިސާބެއްގައި ރާއްޖޭގައި ވެރިކަން ކުރާ ނިޒާމަކީ "ރިޔާސީ ނިޒާމެއް" ކަމަށް ކަނޑައަޅައި މުތުލަގު ގޮތެއްގައި ބަޔާންކޮށްފައި ނުވާ ކަމަށެވެ.
އޭނާ ވިދާޅުވީ 2008 ވަނަ އަހަރު ފާސްކުރެވުނު ރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީ ތަސްދީގު ކުރެވުނު ފަހުން ބޭއްވުނު ރިޔާސީ އިންތިހާބުތަކުގެ މައްޗަށާއި، އަދި ރާއްޖޭގައި ވެރިކަން ހިންގަމުން އަންނަ ގޮތަށް ބަލައި ވިސްނާ އިރު، ރާއްޖޭގައި ވެރިކަން ހިންގަމުން އަންނަނީ "ބަރުލަމާނީ ނިޒާމުގެ" ސިފަތަކުގެ މައްޗަށްކަން އެނގޭ ކަމަށެވެ.
އެގޮތުން ރާއްޖޭގައި ހިންގަމުން އަންނަ ވެރިކަމަކީ "ރިޔާސީ ނިޒާމެއްގެ" ފުރިހަމަ ސިފައިގައި ހިންގަމުން އަންނަ ވެރިކަމަކަށް ނުވާތީ އެކަމުގެ ސަބަބުން ރައްޔިތުންނަށް ލިބޭ ގެއްލުމުން ސަލާމަތް ވާނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމް "ބަރުލަމާނީ ނިޒާމް" އަކަށް ބަދަލުވެގެން ދިއުމުން ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
ޖާބިރު ވިދާޅުވީ މި ނިޒާމުގެ މައްޗަށް ދުނިޔޭގެ ގިނަ ގައުމުތަކުގައި ކާމިޔާބުކަމާއި އެކު ވެރިކަން ހިންގައި، އެ ގައުމުތައް ބޮޑު ތަނުން ކުރިއަރައި ރައްޔިތުންނަށް އެކަމުގެ ސަބަބުން އޮތް ހިތްހަމަޖެހުންތައް ފެންނަމުންދާތީ އާއި ބަރުލަމާނީ ނިޒާމަކީ ރައްޔިތުންނަށް އެންމެ ރަނގަޅު ނިޒާމު ކަމަށެވެ. މި ބިލަށް ސަރުކާރު ކޯލިޝަނަށް ނިސްބަތްވާ ޕާޓީތަކުގެ އެއްވެސް މެމްބަރެއް ބަހުސް ކުރައްވާފައެއް ނުވެއެވެ.