ކ. މާލެ
|
28 އޮކްޓޯބަރ 2020 | ބުދަ 10:59
ލިވަޕޫލާއި މިޗީލޭންޑް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ލިވަޕޫލް މޮޅުވީ 2-0 ން
ލިވަޕޫލާއި މިޗީލޭންޑް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ލިވަޕޫލް މޮޅުވީ 2-0 ން
ގެޓީ އިމޭޖަސް
ޔުއެފާ ޗެމްޕިއަންސް ލީގު
ލިވަޕޫލާއި ސިޓީއަށްވެސް މޮޅެއް
ލިވަޕޫލް މޮޅުވީ މިޗީލޭންޑް އަތުން 2-0 ގެ ނަތީޖާއަކުން
ސިޓީ މޮޅުވީ މާސޭ އަތުން 3-0 ގެ ނަތީޖާއަކުން

ޔުއެފާ ޗެމްޕިއަންސް ލީގުގައި އަންގާރަ ދުވަހުގެރޭ ކުޅުނު މެޗުތަކުން ލިވަޕޫލާއި މެންޗެސްޓާ ސިޓީވެސް މޮޅުވެއްޖެއެވެ.

ގްރޫޕް ޑީގައި ހިމެނޭ ލިވަޕޫލް މޮޅުވީ މިޗީލޭންޑް އަތުން 2-0 ގެ ނަތީޖާއަކުންނެވެ.

ލިވަޕޫލްގެ ދަނޑުގައި ކުޅުނު މި މެޗުގައި އެ ޓީމަށް އެންމެ ބޮޑު މައްސަލައެއް ދިމާވީ މެޗުގެ ކުރީކޮޅުގައި ފަހަތަށް ކުޅެމުން ދިޔަ ފަބީނިއޯއަށް އަނިޔާވުމުންނެވެ. ފަބީނިއޯގެ އަނިޔާއާއެކު ލިވަޕޫލުގައި މިހާރު ފުރަތަމަ ޓީމަށް ކުޅޭ ޑިފެންޑަރުންގެ ތެރެއިން ބާކީ ފިޓްކޮށް ހުރީ ޖޯ ގޯމޭޒް އެކަންޏެވެ. އެ ޓީމުގެ ވާޖިލް ވެން ޑައިކަށް އަނިޔާވެ އޭނާއަށް ދެން މި ސީޒަނުގައި ނުކުޅެވޭނެކަން ގާތްގަނޑަކަށް ކަށަވަރުވެފައިވާއިރު، އެ ޓީމުގެ ޔޮއެލް މަޓިޕުވެސް ހުރީ އަނިޔާގައި ކުޅުމާ ދުރުގައެވެ.

އަންގާރަ ދުވަހުގެރޭ ކުޅުނު މެޗުގައި ލިވަޕޫލަށް އެންމެ އެދެވޭ ކުޅުމެއް ދެއްކިފައި ނުވާއިރު، މި މެޗުގައި މިޗީލޭންޑް އިން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން މެޗުގައި އެ ޓީމުން ގިނަ ހަމަލާތަކެއް އުފެއްދިއިރު، ލިވަޕޫލުގެ ގޯލްކީޕަރު އެލިސަން ބެކާ ވަނީ މުހިންމު ސޭވުތަކެއް ކޮށްފައެވެ.

އެކަމަކު ދެވަނަ ހާފު ފަށައިގެން 10 ވަނަ މިނެޓުގައި ލިވަޕޫލުން ވަނީ މެޗުގައި ލީޑު ނަގާފައެވެ. ޓްރެންޓް އަލެކްސަންޑަ-އާނޯލްޑް ދިން ޕާހަކުން މި ލަނޑު ލިވަޕޫލަށް ކާމިޔާބުކޮށްދިނީ ޑިއޯގޯ ޔޮޓާއެވެ. މިއީ ލިވަޕޫލުގެ 128 އަހަރުވީ ތާރީޚުގައި އެ ކުލަބުން ޖެހި 10،000 ވަނަ ލަނޑެވެ.

މި މެޗުގައި ލިވަޕޫލުން ލީޑު ފުޅާކޮށްފައިވަނީ އިތުރު ވަގުތުގައި މުޙައްމަދު ސަލާހު ކާމިޔާބުކުރި ޕެނަލްޓީންނެވެ. މިއީ އޭރިއާ ތެރެއިން ސަލާހަށް މިޗީލޭންޑުގެ ޕައުލީނިއޯ ކުރި ފައުލަކަށް ރެފުރީ ދިން ޕެނަލްޓީއެކެވެ.

ގްރޫޕް ޑީގައި ކުޅުނު ދެވަނަ މެޗުންވެސް ލިވަޕޫލް މޮޅުވިއިރު، ބުދަ ދުވަހުގެރޭ ކުޅުނު މެޗުން މި ގްރޫޕުގައި ދެން ހިމެނޭ އެޓަލާންޓާ އާއި އަޔަކްސް ވަނީ 2-2 ން އެއްވަރުވެފައެވެ.

މި ނަތީޖާތަކާއެކު ގްރޫޕް ޑީގެ އެއްވަނައިގައި ލިވަޕޫލުން އޮތީ ކުޅުނު ދެ މެޗުން ލިބުނު ހަ ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް އެޓަލާންޓާއަށް ދެ މެޗުން ހަތަރު ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އޮތް އަޔަކްސްއަށް ދެ މެޗުން ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ. އަދި ފުލުގައި އޮތް މިޗީލޭންޑަށް އަދި ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

މާސޭ އާއި ސިޓީ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ސިޓީ މޮޅުވީ 3-0 ން

މީގެ އިތުރުން އަންގާރަ ދުވަހުގެރޭ ގްރޫޕް ސީގައި ހިމެނޭ މެންޗެސްޓާ ސިޓީ މޮޅުވީ އޮލިމްޕިކް މާސޭ އަތުން 3-0 ންނެވެ.

މާސޭގެ ދަނޑުގައި ކުޅުނު މި މެޗުގައި ސިޓީން ލީޑު ނެގީ މެޗުގެ 18 ވަނަ މިނެޓުގައި ފެރާން ޓޮރޭސް ކާމިޔާބުކުރި ލަނޑުންނެވެ. އަދި މެޗުގެ 76 ވަނަ މިނެޓުގައި އިލްކާއި ގުންޑޮގާން ސިޓީއަށް ލީޑު ފުޅާކޮށްދިންއިރު، އޭގެ ފަސް މިނެޓު ފަހުން ރަހީމް ސްޓާލިން ވަނީ ސިޓީގެ ތިންވަނަ ލަނޑު ޖަހާފައެވެ.

ގްރޫޕް ސީގައި ކުޅުނު މި މެޗުން ސިޓީ މޮޅުވިއިރު، މި ގްރޫޕުގައި ދެން ހިމެނޭ ޕޯޓޯ ވަނީ އަންގާރަ ދުވަހުގެރޭ އަމިއްލަ ދަނޑުގައި އޮލިމްޕިއާކޯސް އަތުން 2-0 ން މޮޅުވެފައެވެ.

މި ނަތީޖާތަކާއެކު ގްރޫޕް ސީގެ އެއްވަނައިގައި ސިޓީ އޮތީ ކުޅުނު ދެ މެޗުންވެސް މޮޅުވެ ހަ ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް ޕޯޓޯ އާއި ތިންވަނައިގައި އޮތް އޮލިމްޕިއާކޯސްއަށް ދެ މެޗުން ތިން ޕޮއިންޓް ލިބިފައިވާއިރު، ފުލުގައި އޮތް މާސޭއަށް އަދި މިހާތަނަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް