ކ. މާލެ
|
27 އޮކްޓޯބަރ 2020 | އަންގާރަ 22:20
ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ
ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ
ގެޓީ އިމޭޖަސް
އިންފަންޓީނޯ ވައިރަހަށް ޕޮޒިޓިވްވުން
ފީފާގެ ރައީސް އިންފަންޓީނޯ ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ
އިންފަންޓީނޯ ކޮވިޑް-19 އަށް ޕޮޒިޓިވްވީ ވައިރަހުގެ އަލާމަތް ހުރުމުން ޓެސްޓު ކުރުމުން
ކުރިއަށް އޮތް 10 ދުވަހު އިންފަންޓީނޯ ހުންނާނީ އައިސޮލޭޝަނުގައި

ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

އިންފަންޓީނޯ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަން އަންގާރަ ދުވަހުގެރޭ ފީފާއިން ވަނީ ކަށަވަރުކޮށްދީފައެވެ. ފީފާއިން ނެރުނު ބަޔާނެއްގައި ބުނީ، ކޮވިޑް-19 ގެ އަލާމަތް ހުރުމުން އިންފަންޓީނޯ ވައިރަހަށް ޓެސްޓު ކުރި ކަމަށާއި، އެ ޓެސްޓުގެ ނަތީޖާ ދައްކާ ގޮތުން އިންފަންޓީނޯ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

އެއާއެކު އުމުރުން 50 އަހަރުގެ އިންފަންޓީނޯ މިހާރު ހުރީ ސެލްފް-އައިސޮލޭޝަނުގައެވެ. ފީފާއިން ބުނީ ކުރިއަށް އޮތް 10 ދުވަހު އިންފަންޓީނޯ ހުންނާނީ އައިސޮލޭޝަނުގައި ކަމަށެވެ. އަދި ފާއިތުވެދިޔަ ދުވަސްތަކުގައި އިންފަންޓީނޯއާ ބައްދަލުވި އެންމެ ކޮވިޑް-19 އަށް ޓެސްޓު ކުރުމަށް އިލްތިމާސް ކުރާ ކަމަށްވެސް ފީފާއިން ވަނީ ބުނެފައެވެ.

މިދިޔަ އަހަރުގެ ޖޫން މަހު ފީފާގެ ރައީސްގެ މަގާމަށް ދެވަނަ ދައުރަކަށް އިންފަންޓީނޯ އިންތިޚާބުކުރިއިރު، އޭނާ އެންމެ ފުރަތަމަ އެ މަގާމަށް އިންތީޚާބުވެވަޑައިގަތީ 2016 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. އަދި ދެވަނަ ދައުރަކަށް އިންތިޚާބުވުމާއެކު 2023 ވަނަ އަހަރުގެ ނިޔަލަށް ފީފާގެ ރައީސްގެ މަގާމުގައި އިންފަންޓީނޯ ދެމިހުންނަވާނެއެވެ.

ފީފާގެ ރައީސްގެ މަގާމަށް ޔުއެފާގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ އިންފަންޓީނޯ އިންތިޚާބުވެވަޑައިގަތީ، ކޮރަޕްޝަނުގެ މައްސަލަތައް ބަލަން ފެށުމާއެކު ފީފާގެ ކުރީގެ ރައީސް ސެޕް ބްލެޓާ 2015 ވަނަ އަހަރު އިސްތިއުފާ ދެއްވުމުން ބޭއްވި އިންތިޚާބު ކާމިޔާބުކުރައްވައިގެންނެވެ.

ދާދި ފަހުން އިންފަންޓީނޯއާ ގުޅޭ ގޮތުން ބާރާއި ނުފޫޒު ބޭނުންކުރި ކަމުގެ މައްސަލައެއް ސްވިޒަލެންޑްގެ ޕްރޮސެކިއުޓަރުން ބެލި ނަމަވެސް، މައްސަލައިގައި އިންފަންޓީނޯ ކުށްވެރިނުވާ ކަމަށް ފީފާގެ އެތިކްސް ކޮމިޓީން ވަނީ ނިންމާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
- ކޮމެންޓް