ކ. މާލެ
|
27 އޮކްޓޯބަރ 2020 | އަންގާރަ 22:56
ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް
ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް
މަޖިލިސް
އިންތިގާލީ އިންސާފުގެ ބިލް
އިންތިގާލީ އިންސާފުގެ ހަމައެކަނި ބޭނުމަކީ އަދަބުދިނުން އެކަންޏެއް ނޫން؛ ބަދަލުދިނުން ވެސް ހިމެނޭ: ހަސަން ލަތީފް
އިންތިގާލީ އިންސާފުގެ ތެރެއިން ކުރެވޭނެ އެހެނިހެން މަސައްކަތްތަކާ ގުޅިގެން ވެސް މަޝްވަރާ ކުރަމުންދާ ކަމަށް ވިދާޅުވި
މި ބިލުގެ ދަށުން ބެލޭނީި ކޮން މުއްދަތެއްގެ ތެރެއިން ހިނގާފައިވާ މައްސަލަތަކެއްތޯ އެއީ މަޝްވަރާ ކުރެވެމުންދާ ކަމެއް

އަނިޔާވެރިކަމާ ލާއިންސާނީ އަމަލުތައް ހިންގާ ފަރާތްތަކަށް އަދަބު ދިނުމުގެ އިތުރުން، އެ އަނިޔާ ތަހައްމަލު ކުރަމުންދާ ފަރާތްތަކަށް ބަދަލު ދެވޭނެ ގޮތުގެ މަޝްވަރާތައް ވެސް ކުރެވެމުންދާ ކަމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

އިންތިގާލީ އިންސާފުގެ ބިލަށް އާއްމުންގެ ހިޔާލު ހުށައެޅުމަށް ބޭއްވި ފޯރަމްގައި ވާހަކަ ދައްކަވަމުން ހަސަން ލަތީފް ވަނީ މި ބިލު ދިރާސާ ކުރަމުންދާ ކޮމިޓީތަކުން ކުރަމުންދާ މަސައްކަތްތައް ހިއްސާާކުރައްވާފައެވެ. މި މައްސަލަ ދިރާސާ ކުރަމުން ދަނީ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީއާއި ޖުޑިޝަރީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީގެ ސަބްކޮމިޓީ އިންނެވެ.

އެގޮތުން އޭނާ ވިދާޅުވީ މި ބިލު ކޮމިޓީން ދިރާސާ ކުރަމުން ދާއިރު، އިންތިގާލީ އިންސާފުގެ ތެރެއިން ކުރެވޭނެ އެހެނިހެން މަސައްކަތްތަކާ ގުޅިގެން ވެސް މަޝްވަރާ ކުރަމުންދާ ކަމަށެވެ. އެގޮތުން އަނިޔާވެރިކަމާ ލާއިންސާނީ އަމަލުތައް ހިންގާ ފަރާތްތަކަށް އަދަބު ދިނުމުގެ އިތުރުން، އެ އަނިޔާ ތަހައްމަލު ކުރަމުންދާ ފަރާތްތަކަށް ބަދަލު ދިނުމުގެ މަޝްވަރާތައް ކުރެވެމުންދާ ކަމަށެވެ.

އިންތިގާލީ އިންސާފުގެ ތެރޭގައި އަދި އެހެނިހެން މަސައްކަތް ކުރެވޭނެ ކަހަލަ ގޮތަަކަށް މަޝްވަރާތައް މިގެންދަނީ. އެއީ ބަޔަކަށް އަދަބު ދިނުން އެކަންޏެއް ނޫން. ޓްރުތް އެންޑް ރިކޮންސިލިއޭޝަންގެ ވާހަކަ ވެސް އަޅުގަނޑުމެން އެބަ ދައްކަމުން ގެންދަން މި ބިލުގެ މަސައްކަތް ހިނގަމުންދާއިރު.
ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް

މިފަދަ އަމަލުތައް ހިންގާ ކަމުގެ ތުހުމަތު ކުރެވޭ ފަރާތްތަކަށް އަދަބު ދިނުމުގެ އިތުރުން އެ އަނިޔާ ތަހައްމަލު ކުރާ ފަރާތަކަށް ކޮންމެ ވެސް ކަހަލަ ބަދަލެއް ދިނުމަކީ ދުނިޔޭގެ ބައެއް ގައުމުތަކުގެ ރީކޮންސިލިއޭޝަން ކޮމިޓީތަކުން ނިންމާގޮތެކެވެ.

މީގެ އިތުރުން މެމްބަރު ވިދާޅުވީ މި ބިލުގެ ދަށުން ބެލޭނީި ކޮން މުއްދަތެއްގެ ތެރެއިން ހިނގާފައިވާ މައްސަލަތަކެއްތޯ އެއީ އަދި ކޮމިޓީން ނިންމާފައިވާ ކަމެއް ނޫން ކަމަށެވެ. އެއީ އާއްމުންގެ ހިޔާލާއި އެކު ނިންމޭނެ ކަންކަން ކަމަށް އޭނާ ވިދާޅުވިއެވެ.

ސަރުކާރުން ހުށައެޅި މި ބިލުގައިވާ ގޮތުން މި ޤާނޫނު ހިނގާނެ ކަމަށް ބުނެފައި ވަނީ 2012 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ހިނގާފައިވާ ކަންތައްތަކުގެ މައްޗަށެވެ.

- ކޮމެންޓް