އިންތިގާލީ އިންސާފުގެ ބިލު ވެގެންދާނީ ލާއިންސާނީ އަމަލުތައް ހުއްޓުވުމަށް އެޅޭ މުހިއްމު ފިޔަވަޅަކަށް ކަމަށް ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު ވިދާޅުވެއްޖެއެވެ.
އަންގާރަ ދުވަހުގެ ރޭ މި ބިލަށް އާއްމުންގެ ހިޔާލު ހޯދުމަށް ބޭއްވުނު ފޯރަމްގައި ވާހަކަދައްކަވަމުން، މި ބިލު ހުށައެޅުއްވި މެމްބަރު ވިދާޅުވީ މި ބިލު ވެގެންދާނީ ރާއްޖޭގައި ހިނގަމުންދާ ލާއިންސާނީ އަމަލުތައް ހުއްޓުވުމަށް އެޅޭ މުހިއްމު ފިޔަވަޅަކަށް ކަމަށެވެ. އޭނާ ވިދާޅުވީ މި ބިލު ސަރުކާރުގެ ފަރާތުން ހުށައެޅުމުގެ ބޭނުމަކީ ވެސް ވޭތުވެ ދިޔަ ދުވަސްތަކުގައި އަނިޔާވެރިކަން ތަހައްމަލުކޯށްފައިވާ ފަރާތްތަކަށް އިންސާފު ހޯދާދިނުން ކަމަށެވެ.
ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީއަކީ އަބަދުވެސް އަނިޔާވެރިކަމާ ދެކޮޅަށް މަސައްކަތް ކުރާ ޕާޓީއެއްކަން ފާހަގަކުރައްވާ މި ފަދަ ބިލެއް މަޖިލީހަށް ހުށައެޅިގެން ދިއުމުން އުފާކުރައްވާ ކަމަށް އަހުމަދު ރަޝީދު ވިދާޅުވިއެވެ.
މި ބިލު ހުށަހެޅުމުގެ ބޭނުމަކީ 1 ޖެނުއަރީ 2012 ވަނަ އަހަރުން ފެށިގެން 17 ނޮވެމްބަރު 2018 އާއި ދެމެދު ހިގާދިޔަ މުއްދަތުގެ ތެރޭގައި ނިޒާމީ ސިފައެއްގައި ރޭވިގެން ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުން ތެރިއެއްގެ ފުށުން ރައްޔިތުންގެ އިންސާނީ ޙައްޤުތަކާއި ޢަސާސި މިނިވަންކަމާއި ޚިލާފަށް ހިންގާފައިވާ ބޮޑެތި ޢަމަލުތައް ބަލައި، އެފަދަކަންކަމުގެ ސަބަބުން އަނިޔާ ލިބިފައިވާ ފަރާތްތަކަށް އިންސާފު ހޯދައިދިނުމަށްޓަކައި އެކުލަވާލަންޖެހޭ ޤާނޫނީ އޮނގަނޑު އެކުލަވާލުމެވެ.
މި ޤާނޫނަށް ޢަމަލު ކުރަން ފެށުމާއެކު އިންތިޤާލީ އޮމްބަޑްސްމަންގެ އޮފީހެއް އުފެދޭނެއެވެ. އޮމްބަޑްސްމަންގެ އޮފީހުގެ މައްސޫލިއްޔަތުތަކުގެ ތެރޭގައި އެ މުއްދަތުގައި ހިނގާދިޔަ މުއްދަތުގެ ތެރޭގައި ނިޒާމީ ސިފައެއްގައި ރޭވިގެން ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުން ތެރިއެއްގެ ފުށުން ރައްޔިތުންގެ އިންސާނީ ޙައްޤުތަކާއި ޢަސާސީ މިނިވަންކަމާއި ޚިލާފަށް ކަމެއް ކޮށްފައިވާނަމަ އެ ފަދަ މައްސަލަތައް ދެނެގަނެ، ޒިންމާވާ ދައުލަތުގެ މުއައްސަސާތަކާއި އެކަން ކުރި ފަރާތްތަކުގެ މައްސަލަތައް ބަލައި ހަޤީޤަތާއި ހަމަޔަށް ވާޞިލުވުން ހިމެނެއެވެ.
އަހުމަދު ރަޝީދު ވިދާޅުވީ އޮމްބަޑްސްމަންގެ މަސައްކަތްތައް ވެސް މޮނީޓަރ ކުރެވޭނެ ހަރުދަނާ ގޮތްތަކެއް ބިލުގެ ދަށުން ކަނޑައެޅިގެންދާނެ ކަމަށެވެެ. އެގޮތުން ކޮންމެ ތިން މަހަކުން އެ އޮފީހުގެ މައްސަލަތައް އޮޑިޓްކޮށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވަންޖެހޭ އިރު ރައީސް އޮފީހުން މަޖިލީހަށް އެ ރިޕޯޓު ފޮނުވާ މަޖިލީހުގެ ބަހެއް ހޯދަން ޖެހޭ ކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.
މި ބިލު ގާނޫނަކަށް ވުމުން ބަންޑާރަ ނައިބާއި ޕްރޮސެކިއުޓަރ ޖެނެރަލްގެ މައްޗަށް ވެސް މައްސޫލިއްޔަތުތަކެއް އަންނަ ކަން ފާހަގަކުރައްވާ މެމްބަރު ވިދާޅުވީ ކޯޓުތަކުން ވެސް މިފަދަ މައްސަލަތައް ބެލުމަށް ތާވަލެއް އެކުލަވާލެވޭނެ ކަމަށެވެ.
ދަށު ކޯޓުތަކުން އެބަޖެހޭ 45 ދުވަހުގެ ތެރޭގައި ނިންމަން، ހަމައެހެންމެ އިސްތިއުނާފް ކުރުމަށް އެބައޮވޭ 10 ދުވަސް ހައިކޯޓުގަ. ހައި ކޯޓުން ވެސް 30 އަކަށް ދުވަހުގެ ތެރޭގައި މި މައްސަލަތައް ނިންމަންޖެހޭ، ހަމަ އެގޮތަށް ސުޕްރީމް ކޯޓުން ވެސް އެ ތާވަލާ އެއްގޮތަށް ކަންކަން ކުރަން އެބަޖެހޭހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު
މިއީ ދެ އަހަރު ދުވަހަށް ދިގު ދެމިގެންދާ ބިލެއް ކަން ފާހަގަ ކުރައްވާ މެމްބަރު ވިދާޅުވީ އެ މުއްދަތުގެ ތެރޭގައި ބަލަން ޖެހޭ މައްސަލަތައް ނިންމާނުލެވިއްޖެ ނަމަ އޮމްބަޑްސްމަންގެ އޮފީހުގެ މުއްދަތު އިތުރުކުރުމުގެ ބާރު ރައިސުލްޖުމްހޫރިއްޔާއަށް ގަރާރެއްގެ ދަށުން ލިބިިވަޑައިގަންނަވާނެ ކަމަށެވެ. މެމްބަރު ވިދާޅުވީ މި ބިލު ގާނޫނަކަށް ވުމަށް ފަހު ރާއްޖޭގައި މިހާރު މިދެވޭ ލާއިންސާނީ އަމަލުތައް ތަހައްމަލުކޮށްފައިވާ ފަރާތްތަކަށް އިންސާފު ލިބޭނެ ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް މި ފަދަ އަމަލުތަކަށް އެޅިގެންދާ ހުރަހަކަށް ވެގެންދާނެ ކަމަށެވެ.