އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކަލް ރިޗަރޑް ޕޮމްޕެއޯ ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅާ ގުޅިގެން ބުދަ ދުވަހު މާލެސިޓީގެ ހަތަރު ސަރަހައްދެއް ބަންދު ކުރާނެ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ މިމަހުގެ 28ގައި ޕޮމްޕެއޯ ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވާތީ ސަލާމަތީ ސަބަބުތަކަށް ހަތަރު ސަރަހައްދެއް ބުދަ ދުވަހުގެ 12:30 ން ފެށިގެން ރަސްމިއްޔާތު ނިމެންދެން އެކިވަގުތުތަކުގައި ހިނގާ މީހުންނަށާއި ދުއްވާ ތަކެއްޗަށް ނުވަދެވޭ ގޮތަށް ބަންދުކުރެވޭނެ ކަމަށެވެ.
ބަންދުކުރެވޭ މަގުތަކާއި ސަރަހައްދުތަކަކީ:-
- އެއަރޕޯޓް މަގު،
- ސިނަމާލެ ބްރިޖް،
- ބޮޑުތަކުރުފާނު މަގުގެ ބައެއް ސަރަހައްދުތައް
- ގްރީން ޒޯން
ފުލުހުން ބުނީ އެވަގުތުތަކުގައި އެސަރަޙައްދަށް އެކި ބޭނުންތަކަށް ދާ ފަރާތްތަކުން ފުލުހުން އަންގާ ގޮތެއްގެމަތިން އަމަލު ކުރުމަށް އެދޭ ކަަމަށެވެ.
ސެކްރެޓަރީ ޕޮމްޕެއޯގެ މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައި، މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދުއާއެކު ރަސްމީ މަޝްވަރާތައް ބާއްވަވާނެއެވެ.
މި މަޝްވަރާތަކުގައި ކޮވިޑް-19 އާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކާ ބެހޭ ގޮތުންނާއި، ކުރިމަގުގައި ދެ ގައުމުގެ މެދުގައި ގުޅުން ބަދަހި ކުރެވިދާނެ ދާއިރާތަކާ ބެހޭ ގޮތުން ދެ ބޭފުޅުން ވާހަކަފުޅު ދައްކަވާނެއެވެ.
އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯގެ މި ދަތުރުފުޅަކީ 1992 ވަނަ އަހަރުގެ ޖުލައި މަހުގެ 24 ވަނަ ދުވަހު އެމެރިކާގެ އޭރުގެ ޚާރިޖީ ވަޒީރު ޖޭމްސް އެޑިސަން ބޭކަރ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށް ފަހު އެމެރިކާ ސަރުކާރުގެ ފަރާތުން ރާއްޖެއަށް ކުރައްވާ އެންމެ މަތީ ފަންތީގެ ދަތުރުފުޅެވެ.