އިންޑިޔާގައި ދުވާލެއްގެ މައްޗަށް ކޮވިޑް ޖެހޭ މީހުންގެ އަދަދު ބޮޑުތަނުން ދަށަށްދާން ފަށައިފިއެވެ.
އަވައްޓެރި އިންޑިޔާގައި ފާއިތުވި ދެމަހެއްހާ ތެރޭގައި ދުވާލެއްގެ މައްޗަށް ކޮވިޑް-19 ޖެހޭ މީހުންގެ އަދަދުތައް އުޅުނީ މުޅިންވެސް 70 ހާހުން މަތީގެ އަދަދު ތަކުގައެވެ. އެގޮތުން ސެޕްޓެމްބަރ މަހުތެރޭގައި އެންމެ ގިނައިން ކޮވިޑް-19ގެ އެންމެ ގިނަ ކޭސްތައްފެނިފައިވާ ދުވަހުވެސް 97 ހާހެއްހާ މީހުންނަށް ކޮވިޑް ޖެހިފައިވެއެވެ. ނަމަވެސް ފާއިތުވި ހަފްތާތެރޭގައި މިއަދަދުތައް ވަރަށް ބޮޑަށް ވަނީ ދަށްވެފައެވެ.
1.3 ބިލިއަން މީހުންގެ އާބާދީއެއް އޮންނަ އިންޑިޔާގައި ހޯމަ ދުވަހު ޕޮޒިޓިވްވެފައިވަނީ 36838 (ތިރީސް ހަހާސް އަށްސަތޭކަ ތިރީސް އަށް) މީހުންނެވެ. މިއީ ޖުލައި 17 ވަނަ ދުވަހުން ފެށިގެން އެންމެ މަދުން ރިޕޯޓް ކޮށްފައިވާ ދުވަހެވެ. އިންޑިޔާފަދަ ބޮޑު އާބާދީއެއް އޮންނަ ގައުމަކަށް މިއީ ކޮވިޑްގެ ބަލިމަޑުކަމުން އަރައިގަނެވޭކަމުގެ އަލިމަގެއް ފެނުން ކަހަލަ ކަމެއް ކަމަށް ތަޖުރިބާކާރުން ދެކެއެވެ.
ޕޮޒިޓިވްވާ މިންވަރުގެ އިތުރުން ކޮވިޑް-19ގައި މަރުވާ މީހުންގެ އަދަދުވެސް ބޮޑުތަނުން ވަނީ ދަށްވެފައެވެ. އެގޮތުން ފާއިތުވި ދެ މަހެއްހާ ދުވަސްތެރޭގައި 1000ން މަތީގައި އުޅުން އަދަދުތައް އޮކްޓޯބަރ މަހުގެ ފަސްވަނަ ދުވަހުން ފެށިގެން އުޅެނީ މުޅިންވެސް ހާހަކުން ދަށުގައެވެ. ހޯމަ ދުވަހު އަވައްޓެރި އިންޑިޔާގައި ކޮވިޑް-19 ޖެހިގެން މަރުވެފައިވަނީ 463 މީހުންނެވެ.
ކޮވިޑްގެ ކޭސްތައް ދަށަށް ދާން ފެށި ނަމަވެސް ސިއްހީ މާހިރުންދޭ އިރުޝާދު ތަކަށް އަމިއްލައަށް ލުއިތައްދޭން ފަށައިފި ނަމަ ޔޫރަޕުގެ ގައުމު ތަކަށް ދިމާވި ފަދައިން އަނެއްކާވެސް ކޮވިޑްގެ އިތުރު ރާއްޅެއް އައުން އެކަށީގެން ވާކަމަށް ގިނަ ތަޖުރިބާކާރުން ދެކެއެވެ.