ރައްޔިތުންގެ މަޖިލީހަށް މިދިޔަ އަހަރު ހުށަހަޅާފައިވާ އަދި މިހާރު ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީގައި ދިރާސާކުރަމުން އަންނަ އިންތިޤާލީ އިންޞާފުގެ ބިލަށް އާންމުންގެ ޚިޔާލު ހޯދުމަށް ބާއްވާ ބައްދަލުވުން މިރޭ ރައްޔިތުންގެ މަޖިލީހުގައި އޮންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އަންގާރަ ދުވަހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މިބައްދަލުވުން މިރޭ 8 ޖަހާއިރު ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި އޮންނާނެ ކަމަށެވެ. އަދި ބައްދަލުވުމަށް ވަޑައިގަންނަަވަން ބޭނުންފުޅުވާ އާންމު ރައްޔިތުންނަށް މިބައްދަލުވުމަށް ވަޑައިގެންނެވުމަށް ދައުވަތު އަރުވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
އިންތިގާލީ އިންސާފުގެ ބިލާއި ގުޅޭގޮތުން އާންމުންގެ ޚިޔާލު ހޯދުމަށް ބާއްވާ ބައްދަލުވުމުގެ ޕެނަލްގައި ތިއްބަވާނީ ސަރުކާރުގެ ފަރާތުން މިބިލް ހުށަހެޅުއްވި ހިތަދޫ ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު ރަޝީދުއާއި ، ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރ ހަސަން ލަތީފާއި މާފަންނު އުތުރު ދާއިރާގެ މެމްބަރ އިމްތިޔާޒު ފަހުމީ އާއި ހިންނަވަރު ދާއިރާގެ މެމްބަރ ޖީހާން މަހުމޫދު އަދި އާންމުންގެ ތެރެއިން ނޫސްވެރިޔާ ޒަހީނާ ރަޝީދުއެވެ.
އިންތިގާލީ އިންސާފުގެ ބިލް ހުށަހަޅާފައިވަނީ މިދިޔަ އަހަރުގެ ފަހު ދައުރުއެވެ. އެބިލަށް އާންމުންގެ ޚިޔާލު ހޯދުމަށް މިއަހަރުގެ މަރޗް މަހު ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހުނެވެ. ނަމަވެސް ކޮވިޑް-19 ގެ ބަލިމަޑުކަން އޭރު ރާއްޖެއަށް އައިސްފައިވުމާއެކު އެ ބައްދަލުވުން ކެންސަލްކުރީއެވެ.
އިންތިޤާލީ އިންސާފުގެ ބިލު ހުށަހެޅުމުގެ ބޭނުމަކީ 1 ޖެނުއަރީ 2012 ވަނަ އަހަރުން ފެށިގެން 17 ނޮވެމްބަރު 2018 އާއި ދެމެދު ހިގާދިޔަ މުއްދަތުގެ ތެރޭގައި ނިޒާމީ ސިފައެއްގައި ރޭވިގެން ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުން ތެރިއެއްގެ ފުށުން ރައްޔިތުންގެ އިންސާނީ ޙައްޤުތަކާއި ޢަސާސި މިނިވަންކަމާއި ޚިލާފަށް ހިންގާފައިވާ ބޮޑެތި ޢަމަލުތައް ބަލައި، އެފަދަކަންކަމުގެ ސަބަބުން އަނިޔާ ލިބިފައިވާ ފަރާތްތަކަށް އިންސާފު ހޯދައިދިނުމަށްޓަކައި އެކުލަވާލަންޖެހޭ ޤާނޫނީ އޮނގަނޑު އެކުލަވާލުމެވެ.
މި ޤާނޫނުގެ ދަށުން ފަރުދުންގެ މެދުގައި ޞުލްޙަކޮށް، މުޖްތަމަޢު އެއްބައިވަންތަ ކުރުމަށް މަސައްކަތް ކުރުމާއި ޤައުމުގެ އަމަން އަމާންކަން ދަމަހައްޓައި މަދަނީ މަސަލަސްކަމަށް ޖާގަދިނުމާއި ޤާނޫނުގެ ވެރިކަމުގެ މައްޗަށް ބިނާވެފައިވާ ތަހުޒީބީ ދައުލަތެއް އާރާސްތުކޮށް، ރައްޔިތުންނަށް ޢަދުލު އިންސާފަށް ވާޞިލުވެވޭނެ މަގު ތަނަވަސްކޮށްދެވޭނެއެވެ.