މާލެ ސަރަހައްދުގައި ކޮވިޑް-19 ފެތުރިފައިވާ މިންވަރު ދެނެގަތުމަށްޓަކައި މިހާރު ކުރިއަށްގެންދާ ޕްރިވިލެންސް ސަރވޭ ނުވަތަ އެންޓިބޮޑީ ސަރވޭ އަށް އެއްބާރުލުން ލިބޭ މިންވަރު ކުޑަކަމަށް ހެލްތު އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ(އެޗްއީއޯސީ)ގެ ތަރުޖަމާން ޑރ ނަޒްލާ ރަފީގް ވިދާޅުވެއްޖެއެވެ.
މި ސަރވޭ ކުރިއަށްދަނީ ހަތަރު އުުމުރުފުރައަކަށް ބަހާލައިގެންނެވެ. އެއީ 17 އަހަރުން ދަށުގެ ކުދިންނާއި 18 އަހަރާއި 34 އަހަރާ ދެމެދުގެ މީހުންނާއި 35 އަހަރާއި 59 އަހަރާ ދެމެދުގެ މީހުން އަދި އުމުރުން 60 އަހަރުން މަތީގެ އުމުރުފުރާތަކެވެ. މީގެތެރެއިން 17 އަހަރުން ދަށުގެ ކުދިންގެ ސާމްޕަލް ނެގުމުގެ މަސައްކަތް ކުރަމުންދާއިރު މިހާރު އަންނަނީ 18 އަހަރާއި 34 އަހަރާ ދެެމެދުގެ މީހުންގެ ސާމްޕަލް ނެގުމުގެ މަސައްކަތް ކުރަމުންނެވެ.
ސާމްޕަލް ނަގަނީ ކޮންމެ އުމުރު ފުރާއަކުންވެސް ރޭންޑަމްކޮށް ނެގޭ ފަރާތްތަކެއްގެ އެވެ. ރޭންޑަމްކޮށް ނެގޭ ފަރާތްތަކަށް އެސްއެމްއެސްއަކުން ސާމްޕަލް ނެގުމަށް ދާންވީ ތަނާއި ގަޑި އެޗްޕީއޭގެ ފަރާތުން ފޮނުވާނެކަމަށް ޑރ ނަޒްލާ ވިދާޅުވިއެވެ.
މިހާރު ފާހަގަކުރެވެނީ 18 އަހަރުން މަތީގެ އުމުރުފުރާގައި ޚާއްސަކޮށް 18 އަހަރާއި 35 އަހަރާ ދެމެދުގެ އުމުރުފުރައިގެ ސާމްޕަލިންގ އަށް ހޮވިފައިވާ ފަރާތްތަކަށް މެސެޖް ފޮނުވީމާ މީގެތެރެއިން ވަރަށް މަދު ފަރާތެއް މިއަންނަނީ. ގާތްގަނޑަކަށް ތިން ބައި ކުޅަ އެއް ބައި މިހާތަނަށް ކަނޑައަޅާފައި އޮތް ގަޑިއަށް ސާމްޕަލް ނަގާ ތަނަށް ވަޑައިގެންނެވީޑރ ނަޒްލާ ރަފީގް
ޑރ ނަޒްލާ ވިދާޅުވީ ކުރިއަށް އޮތްތަނުގައި ގިނަ ބަޔަކު ސާމްޕަލް ނަގަންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.
މި ސަރވޭގެ އެންމެ މުހިންމު ބޭނުމަކީ މާލެ ސަރަހައްދުގެ އާބާދީގެ ތެރެއިން ކުރިން ކޮވިޑް-19 އަށް ހުށަހެޅިފައިވަނީ އާބާދީގެ ކިތައް އިންސައްތަތޯ ބެލުމެވެ. މީގެ ސަބަބުން ކޮވިޑް ފެތުރިފައިވާ ބާރުމިން ދެނެގަނެވި، ސިޔާސަތުތަކަށް އިތުރަށް ގެންނަންވީ ކޮން ބަދަލުތަކެއްތޯ ބެލިގެންދާނެއެވެ. މި ދިރާސާ ކުރަން ބޭނުންކުރަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން އެކުލަވާލާފައިވާ މެތޮޑޮލަޖީއެވެ.
މިއީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އާއި ގުޅިގެން އެޗްޕީއޭއިން ކުރިއަށް ގެންދާ ސަރވޭ އެކެވެ. މި ސަރވޭގައި ޖުމްލަ 4098 މީހެއްގެ ސާމްޕަލް ނަގައި ޓެސްޓު ކުރުމަށް ވަނީ ހަމަޖެހިފައެވެ.