ރައްޔިތުންގެ މަޖިލީހަށް އިދިކޮޅު ކޯލިޝަނުން ހުށައަޅާފައިވާ މިނިސްޓަރ އޮފް ހޯމް އެފެއަރޒް އައްޝެއިހް އިމްރާން އަބްދުﷲ ގެ އިތުބާރު ނެތް ކަމުގެ މައްސަލައަަށް ސަރުކާރު ކޯލިޝަންގެ މައިޕާޓީ، އެމްޑީޕީން ތާއީދުނުކުރާނެ ކަން އެ ޕާޓީން ހާމަކޮށްފިއެވެ.
މިނިސްޓަރު އިމްރާން އަބްދުﷲ ގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާ މައިގަނޑުު ސަބަބެއް ކަމަށް ބުނެފައި ވަނީ 24 އޮކްޓޯބަރ 2020 ވަނަ ދުވަހުގެރޭ ދިވެހިރާއްޖޭގެ އަޑުން ގެނެސްދިން އަހާށޭ ބުނާނަން ޕްރޮގްރާމްގައި ދެއްކެވި ވާހަކަފުޅެވެ.
އެގޮތުން، މިނިސްޓަރުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވައްދާފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް ޢަލީ އަވަހާރަކޮށްލުމާއި ގުޅޭގޮތުން އަނެއްކާ ވެސް ތަފާތު ގޮތަކަށް އެ ޕްރޮގްރާމްގައި މިނިސްޓަރ ވާހަކަ ދެއްކެވުމާއި، އަދި މޭޑޭ މުޒާހަރާގައި ކުރީގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ އާއި އަފްރާޝީމްގެ މަރާގުޅޭގޮތުން ދެއްކި ޑޮކިއުމެންޓްތަކަކީ އަސްލެއް ނޫންކަމަށް ވިދާޅުވުމާއި އޮކްޓޯބަރު މަހުގެ 21 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގައި މޭޑޭ މުޒާހަރާގައި ގެންގުޅުއްވި ހެކިތައް ނުވަތަ ޑޮކިއުމެންޓް ފުލުހުން އަތުލާފައިވާ ކަމަށް ވިދާޅުވެފައިވާތީ ކަމަށް އިދިކޮޅުން ހުށަހެޅި އެ މައްސަލާގައި ބުނެފައި ވެއެވެ.
އިމްރާންގެ އިތުބާރު ނެތް ކަމުގެ މައްސަލައާއި ގުޅިގެން އަންގާރަ ދުވަހުގެ ޖަލްސާގައި ވާހަކަދައްކަވަމުން އެމްޑީޕީގެ ޕީޖީ ލީޑަރ އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވީ ކޮންމެ ކަމަކަށް ވެސް އެމްޑީޕީގެ އެޖެންޑާއެއް އޮންނާނެ ކަމަށާއި ޕާޓީން ހުރިހާ ކަމެއްވެސް ކުރަމުންދާނީ އެ އެޖެންޑާއާއި އެއްގޮތަށް ކަމަށެވެ. އަދި ޕާޓީ ތެރޭގެ ހިޔާލު ތަފާތުވުމުން އެޖެންޑާގައި އޮތް ގޮތާއި ހިލާފަށް ކަންތައް ކުރާނެ ކަމަށް އެއްވެސް ޕާޓީއަކުން އުއްމީދު ނުކުރުމަށް އާޒިމް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ "ހުސް ބުޅި ވިސްނުމުގައި" މަޖިލީހަށް މައްސަލަތައް ވައްދައިގެން ކުރިއަށް ގެންދާނެ ކަމުގެ އުއްމީދު ދޫކޮށްލުމަށް އިދިކޮޅަށް ގޮވާލާ ކަމަށެވެ.
ހަގީގަތުގައި އަޅުގަނޑުމެންނަކީ ސަރުކާރުގެ ހިއްސާދާރެއް. ސަރުކާރުގެ ބައިވެރިއެއް. އަޅުގަނޑުމެން އެމްޑީޕީން އަބަދުވެސް ކަމަކަށް ނުކުންނައިރު އޮވޭ އެޖެންޑާއެއް. އެ އެޖެންޑާއާ އެއްގޮތަށް އަޅުގަނޑުމެން އަބަދުވެސް ކަންކަން ކުރަމުންދަނީ. އެއްވެސް ޕާޓީއަކުން އެއްވެސް ބޭޭފުޅަކު ހީކޮށްގެންނުވާނެ އަޅުގަނޑުމެންގެ ހިޔާލު ތަފާތުވާ ކޮންމެ ފަހަރަކު އެއީ ހުސްބުޅީގަ އަޅުގަނޑުމެން ގަންނާނެ ކަމަށް، އަޅުގަނޑުމެންގެ އެޖެންޑާގަ އޮތް ގޮތާ ޙިލާފަށް މިތާ ކަންކަން ކުރަމުންދާނެ ކަމަށް އުއްމީދުކޮށްގެން، އެ ހުސްބުޅި ވިސްނުމުގައި މަޖިލީހަށް ކަންކަން ހުށައަޅައިގެން ކުރިއަށް ގެންދެވިދާނެ ކަމަށް ގަބޫލުކޮށްގެން ނުވާނެ. އަދި އަޅުގަނޑުމެންނާ ސަރުކާރާއި އެ އޮންނަ ގުޅުންވެސް މީގެ ތެރޭގައި ގޮސްގެންވާނެ ކަމަކަށް ފަހަރެއްގައިވެސް ގަބޫލެއް ނުކުރަން.އެމްޑީޕީގެ ޕީޖީ ލީޑަރ އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް
އާޒިމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ މެމްބަރުންނަށް، މިއަދުގެ ސަރުކާރާއި މެދު ފުރިހަމަ އިތުބާރު އެބަ އޮތް ކަމަށެވެ. ވަކިން ހާއްސަކޮށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކުރައްވަމުން ގެންދަވާ މަސައްކަތް ޕާޓީން ބަލައިގަންނަ ކަމަށާއި އެހެންކަމުން މި ސަރުކާރާ ދޭތެރޭގައި އިތުބާރު ނެތް ކަމަށް ދެއްކުމުގެ ގޮތުން އިދިކޮޅުން ކުރަމުންދާ މަސައްކަތް ހުއްޓާލުމަށް ގޮވާލެއްވިއެވެ.
އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން މަޖިލީހަށް މި ވެއްދި މައްސަލައިގައި އެ ކޯލިޝަންގެ މެމްބަރުންގެ އިތުރުން މިނިވަން ދެ މެމްބަރުން ކަމަށްވާ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް އާއި ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހީމް ނަސީމް ވެސް ސޮއިކުރެއްވިއެވެ. ޖުމްލަ 11 މެމްބަރުން މިމައްސަލާގައި ސޮއި ކުރައްވާފައިވެއެވެ.