ރާއްޖެއިން ކޮވިޑް-19 ޖެހިފައިވާ މީހުންގެ ތެރެއިން މިހާރު 42 މީހަކަށް އެޑްމިޓްކޮށްގެން ފަރުވާދެމުންދާ ކަމަށް ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) ން ބުނެފި އެވެ.
އެސެންޓަރުން ހޯމަ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސެންޓަރުގެ ތަރުޖަމާން ޑރ ނަޒްލާ ރަފީގް ވިދާޅުވީ މީގެތެރެއިން އެކަކަށް ފަރުވާދެމުން އަންނަނީ ދަރުމަވަންތަ ހޮސްޕިޓަލްގެ 16 ވަނަ ފަންގިފިލާގެ ވޯރޑްގައި ކަމަށެވެ.
އަދި ހުޅުމާލެ މެޑިކަލް ފެސިލިޓީގައި 39 މީހަކަށް ފަރުވާ ދެމުން އަންނައިރު އޭގެތެރެއިން އެކަކަށް ފަރުވާ ދެމުން އަންނަނީ އައިސީޔޫގައި ކަމަށް ޑރ ނަޒްލާ ވިދާޅުވިއެވެ. މީގެއިތުރުން އަތޮޅުތެރޭގައި ހުރި ކޮވިޑް ފެސިލިޓީތަކުގެ ތެރެއިން ށ ފުނަދޫ ކޮވިޑް ފެސިލިޓީ އަދި ބ އޭދަފުށި ކޮވިޑް ފެސިލިޓީ, މިއިން ކޮންމެ ތާކުވެސް އެކަކަށް ވޯރޑްގައި ފަރުވާދެމުން އަންނަ ކަމަށް ޑރ ނަޒްލާ ވިދާޅުވިއެވެ.
ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 11532 އަށް އަރާފައެވެ. މި ވަގުތު އެކްޓިވް ކޭސްގެ ގޮތުގައި 925 ކޭސް އެއް ރެކޯޑް ކުރެވިފައިވާ އިރު، މިހާތަނަށް ބަލިން ފަސޭހަވި މީހުންގެ އަދަދު ވަނީ 10563 އަށް އަރާފައެވެ.
މިވަގުތު މޮނިޓަރިންގ ގެ ހާލަތުގައިވަނީ ހދ ކުޅުދުއްފުއްޓާއި ރ އުނގޫފާރެވެ.