ދުންފަތުގެ ބާވަތްތަކުގެ ވިޔަފާރިކުރާ "ރޫޓް" ފިހާރައިން ބޭންކް އޮފް ސިލޯނަށް ޖަމާ ކުރަން ގެންދިޔަ 4.2 މިލިއަން ރުފިޔާ ފޭރެން މަސައްކަތް ކުރި މީހުން 24 ގަޑިއިރު ވެގެން ދިޔައިރުވެސް ހޯދިފައި ނުވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފޭރެން އުޅުނު މި މައްސަލައާ ގުޅިގެން، އާދިއްތަ ހޯމަ ދުވަހުގެ ހަވީރު "ރާއްޖެއެމްވީ" އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ބޭންކް އޮފް ސިލޯން ކުރިމަތިން ފޭރެން އުޅުނު މީހުންގެ ތެރެއިން އެއްވެސް މީހަކު މިހާތަނަށް ހައްޔަރު ކުރެވިފައި ނުވާ ކަމަށެވެ. ނަމަވެސް، އެމީހުން ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި މި މައްސަލައިގެ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި، އާދިއްތަ ދުވަހުގެ 11:47 ހާއިރު ބޭންކް އޮފް ސިލޯނަށް ޖަމާކުރަން ގެންދިޔަ ގިނަ އަދަދެއްގެ ފައިސާ ބަޔަކު މީހުން ވެގެން ފޭރެއް މަސައްކަތް ކުރި މައްސަލައެއް ވަނީ ހުށަހެޅިފަ އެވެ.
ސޯސަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި "ރޫޓް" ފިހާރައިގެ ގިނަ އަދަދެއްގެ ފައިސާ ކަރުދާސް ބޮޑު ފޮށިގަނޑަކަށް އަޅާއިގެން އައި ވޭން، ބޭންކް އޮފް ސިލޯން ކުރިމައްޗަށް މަޑު ކުރުމާއެކު، ދެ ސައިކަލެއްގައި އައި ހަތަރު މީހަކު ވަނީ އެފައިސާ ފޮށިގަނޑު ފޭރެން މަސައްކަތް ކޮށްފަ އެވެ. ނަމަވެސް އެމީހުންނަށް އެކަން ކާމިޔާބު ނުވީ، ބޭންކް އޮފް ސިލޯންގެ ސެކިއުޓީ ބަލަހައްޓާ، އެބްސޮލިއުޓް ސެކިއުރިޓީ އެންޑް އެޑްވާންސް ޕްރޮޓެކްޝަން ޕްރައިވެޓް ލިމިޑެޓް (އޭއެސްއޭޕީ) ގެ ސެކިއުރިޓީގެ އޮފިޝަލްގެ ބޭންކުން ނުކުމެ، އެ ފައިސާ ފޮށިގަނޑު އެމީހުންގެ އަތުން އަތުލައިގަތުމުގެ ސަބަބުންނެވެ.
އޭއެސްއޭޕީގެ އެ ސެކިއުރިޓީ އޮފިޝަލްގެ ކުޅާދާނަކަން ފާހަގަ ކޮށް، ވަރަށް ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިއާގައި ޝުއޫރު ފާޅު ކޮށްފައެވެ. އަދި ބޭންކް އޮފް ސިލޯނުންނާއި އަދި "ރޫޓް" ފިހާރައިން ވެސް އޭއެސްއޭޕީގެ އެ ސެކިއުރިޓީ އޮފިޝަލްގެ ކުޅާދާނަކަން ފާހަގަކޮށް، އޭއެސްއޭޕީގެ ވެރިންނަށް ޝުކުރު އަދާ ކޮށްފައި ވެއެވެ. ސައިކަލުގައި ދިޔަ 4 މީހުންގެ ތެރެއިން 3 މީހަކު ތިބީ ހެލްމެޓް އަޅައިގެންނެވެ. އަނެކަކު ހުރީ މާސްކެއް އަޅައިގެންނެވެ.
ފައިސާ ފޭރެން މަސައްކަތް ކުރި އެ ވަގުތަކީ، އެ ސަރަހައްދުގެ ކާރުބާރު ބޮޑު، އަދި މީހުން ގިނަ އަދަދަކަށް ތިބި ވަގުތެއް ނަމަވެސް، ވީޑިއޯއިން ފެންނަ މަންޒަރުން، އާންމުންގެ ގިނަ ބަޔަކު އެކަމަށް މާބޮޑު ސަމާލުކަމެއް ނުދިން އިރު އަނެއްބަޔަކު އުޅުނީ، އެ ސަރަހައްދު ދޫކޮށް ދިއުމުގައެވެ.
ފޭރެން އުޅުނު މީހުން އައީ ދެ ސައިކަލްގައި "ރޫޓް" ފިހާރައިގެން ވޭނަށް ފާރަލައިގެންނެވެ. ފޭރެން އުޅުނު މީހުން ވަނީީ "ރޫޓް" ފިހާރައިގެ ވޭނުގައި އައި މީހުންގެ ލޮލަށް ބޮޑީ ސްޕްރޭ ވެސް ޖަހާފަ އެވެ.