އިންޝުއަރެންސާއި ބެހޭ ބިލުގެ ފުރަތަމަ ކިއުން އިއްވައިފިއެވެ.
ބިލުގެ ފުރަތަމަ ކިއުން އިއްވާފައިވަނީ ހޯމަ ދުވަހުގެ ޖަލްސާގަ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.
ސަރުކާރުގެ ފަރާތުން ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒު ހުށައަޅުއްވާ މި ބިލަކީ ރާއްޖޭގައި އިންޝުއަރެންސް ވިޔަފާރި ކުރުމާއި އިންޝުއަރެންސް އިންޓަރމީޑިއަރީއެއްގެ ގޮތުގައި ހަރަކާތްތެރި ވުމަށް ލައިސަންސް ދޫކުރުމާގުޅޭ އުސޫލުތައް ބަޔާން ކުރާ ބިލެކެވެ.
މީގެ އިތުރުން އެ ވިޔަފާރި ހަރުދަނާ އަދި ރައްކާތެރި ގޮތެއްގައި ހިންގުމަށްޓަކައި އަމަލު ކުރަން ޖެހޭ އުސޫލުތައް ކަނޑައެޅުމަށާއި އިންޝުއަރެންސް ވިޔަފާރި ހިންގާ ފަރާތްތަކާއި އިންޝުއަރެންސް އިންޓަރމީޑިއަރީއެއްގެ ގޮތުގައި ހަރަކާތްތެރިވާ ފަރާތްތައް ރެގިއުލޭޓްކޮށް ސުޕަވައިޒް ކުރުމާއި، އިންޝުއަރެންސް ވިޔަފާރިއާއި ގުޅޭ އުސޫލުތައް މި ބިލުގައި ބަޔާންކޮށްފައިވެއެވެ.
މި ބިލު ހުށައެޅުމުގެ މަގްސަދުތަކުގެ ތެރޭގައި ޕޮލިސީ ހޯލްޑަރުންގެ ހައްގުތައް ރައްކާތެރިކުރުމާއި އިންޝުއަރެންސް އިންޑަސްޓްރީއަށް އެކަމުން ކޮށްފާނެ ކަންކަމަކަށް ތައްޔާރުވެ، އެކަންކަމާ މެދު އެކަށޭނެ ފިޔަވަޅު އެޅުން ހިމެނެއެވެ.
އަދި ދިވެހި ރާއްޖޭގެ އިންޝުއަރެންސް އިންޑަސްޓްރީއަކީ އާއްމުންގެ ބޭނުންތަކާއި އެއްގޮތަށް އިންޝުއަރެންސްގެ ހިދުމަތްތައް ފޯރުކޯށްދޭ އަދި އިގްތިސާދީ ކުރިއެރުމަށް މަގުފަހިކޮށްދޭ އިންޑަސްޓްރީއެއް ކަމުގައި ހެދުމެވެ.