ސިޔާސީ ޕާޓީތަކުގެ ޤާނޫނު އިސްލާހް ކުރުމާއި ގުޅޭގޮތުން ސިޔާސީ ޕާޓީތަކާއެކު ކުރެވުނު މަޝްވަރާތަކުގެ ފައިނަލް ކަރުދާސް އެޓާރނީ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.
ހޯމަ ދުވަހު އިލެކްޝަންސް ކޮމިޝަނުގެ ނައިބް ރައީސް އަހުމަދު އަކްރަމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ސިޔާސީ ޕާޓީތަކުގެ ޤާނޫނަށް ގެންނަން ބޭނުންވާ އިސްލާޙު ތަކުގެ ފައިނަލް ޑްރާފްޓް ހޯމަ ދުވަހު ބަންޑާރަ ނައިބުގެ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.
މިދިޔަ މަހުގެ ފަހުކޮޅު ކުރިއަށް ގެންދިޔަ މި ބައްދަލުވުމާއި ގުޅޭ ގޮތުން "ރާއްޖެއެމްވީ" އަށް މައުލޫމާތު ދެއްވަމުން އީސީގެ ރައީސް އަހުމަދު ޝަރީފް އޭރު ވަނީ ފައިނަލް ކަރުދާސް އޭޖީ އޮފީހަށް ފޮނުވުމުގެ ކުރިން ޕާޓީތަކުން ހުށަހަޅާފައިވާ އިސްލާހުތަކަށް ކޮމިޝަންގެ މެންބަރުންގެ މެދުގައި މަޝްވަރާ ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
ސިޔާސީ ޕާޓީތަކުގެ ޤާނޫނަށް ގެނެވޭ އިސްލާހްތަކާއި ގުޅެގޮތުން އިލެކްޝަންސް ކޮމިޝަންގެ ރައީސް ޝަރީފް ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ޤާނޫނަށް ގެނެވޭ އެންމެ މުހިންމު އިސްލާހްތަކުގެ ތެރޭގައި ނޭނގި ޕާޓީއަށް ވެއްދުން ހުއްޓުވޭނެ ކަމަށެވެ. އަދި ދައުލަތުން ސިޔާސީ ޕާޓީތަކަށް ދޫކުރާ ފައިސާގެ އެހީއަށް ޕާޓީތަކުން ޒިންމާދާރުވުން ހަރުދަނާ ކުރެވޭނެ ކަމަށް ޝަރީފް ވިދާޅުވި އެވެ.
ސިޔާސީ ޕާޓީތަކުގެ ޤާނޫނަށް އިލެކްޝަންސް ކޮމިޝަނުން ވަނީ 54 އިސްލާހެއް ހުށަހަޅާފައެވެ. މި އިސްލާހުތަކާއި ގުޅޭގޮތުން ސިޔާސީ ޕާޓީތަކުން ދެކޭގޮތާއި މެދު މަޝްވަރާތައް ކުރެވެމުން ދާއިރު، އެ ކޮމިޝަންގެ ރައީސް ޝަރީފް ފާހަގަކުރެއްވިހެން، ހުށައެޅިފައިވާ ބައެއް އިސްލާހުތަކާއި ގުޅިގެން ބައެއް ޕާޓީތަކުގެ ކަންބޮޑުވުންތައް އެބަހުއްޓެވެ. ހާއްސަކޮށް ޕާޓީތައް ސަސްޕެންޑްކުރާ މާއްދާއާ ގުޅިގެން އިދިކޮޅުން ބުނެފައިވަނީ، އެއީ އިދިކޮޅުގެ އަޑު ކަނޑުވާލުމުގެ ނިޔަތުގައި ހުށައަޅާފައިވާ އިސްލާހެއް ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުން ސިޔާސީ ޕާޓީތަކުގެ ޤާނޫނަށް ގެނައުމަށް ހުށަހަޅާ މަިއގަނޑު އިސްލާހްތަކުގެ ތެރޭގައި ސިޔާސީ ޕާޓީތައް ސަސްޕެންޑް ކުރުމުގެ ބާރާއި، ސިޔާސީ ޕާޓީތަކުގެ މައި ދަފްތަރަކީ އީސީ އިން ބަލަހައްޓާ ދަފްތަރަކަށް ހެދުން ހިމެނެއެވެ. އަދި ސިޔާސީ ޕާޓީތަކުގެ ލީޑަރޝިޕް 33 ޕަސެންޓް އަންހެނުންނަށް ހާއްސަ ކުުރުން ވެސް ހިމެނެއެވެ.
ސިިޔާސީ ޕާޓީތަކުގެ ޤާނޫނު މިހާރު އޮންނަގޮތުން ނަަމަ، އިލެކްޝަންސް ކޮމިޝަނަށް އެޅެން އޮންނަ ފިޔަވަޅަކީ ޕާޓީއެއް އުވާލުމާއި، ޖޫރިމަނާ ކުރުމެވެ. ބައެއް ޕާޓީތައް ފުލުފުލުގައި ޖޫރިމަނާ ކުރި ނަމަވެސް އެ ފައިސާ ވެސް ދައްކަމުންނެއް ނުގެންދެއެވެ.