އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މެމްބަރުން މަގާމުން ވަކި ކުރުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ހުށައަޅާފައިވާ މައްސަލަ ނުގެންދަން ނިންމައިފިއެވެ.
މި މައްސަލަ ކުރިއަށް ނުގެންދާ ގޮތަށް ނިންމީ، ކޮމިޓީއަށް ހުށައެޅުނު މައްސަލަ އެގޮތަށް ކުރިއަށް ގެންދަން ފާސް ނުވުމުންނެވެ. އޭސީސީގެ މެމްބަރުންނަށް މަސްއޫލިއްޔަތު އަދާ ނުކުރެވޭ ކަމަށް ބުނެ މަގާމުން ވަކި ކުރުމުގެ މައްސަލަ ކޮމިޓީއަށް ހުށައެޅުއްވީ އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން މުހައްމަދު (ހަސަންޓޭ) އެވެ.
އޭސީސީގެ މެމްބަރުން ވަކި ކުރުމަށް ހުށައެޅުނީ އޭސީސީން ކުރިއަށް ގެންދާ ތަހުޤީޤުތަކުގެ ފެންވަރު ދަށްކަމުގެ ތުހުމަތު ކޮށް މަޖިލީހުގެ ތަޅުމުގައި މެމްބަރުން ވާހަކަ ދައްކަވާފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން ހެލްތް މިނިސްޓްރީގެ ވެންޓިލޭޓަރުތަކާ ގުޅޭ ބޮޑު ކޮރަޕްޝަން މައްސަލަ އާއި ކުރީގެ ފިނޭންސް މިނިސްޓަރުންނާ ގުޅޭ މައްސަލައެއް ވަނީ ފާހަގަ ކޮށްފައެވެ.
އޭސީސީގެ މެމްބަރުން މަގާމުން ވަކި ކުރުމަށް ހުށައެޅުއްވި ހުށައެޅުއްވުމަށް ތާއީދު ކުރެއްވީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމެވެ. އެހެން ނަމަވެސް މީކާއިލް ވިދާޅުވެފައި ވަނީ މިކަންކަމުގެ ޒިންމާ ނަގަންޖެހޭނީ ހަމައެކަނި އޭސީސީ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.
މި ހުށައެޅުމަށް ތާއިދު ކުރައްވާ ވޯޓުދެއްވީ އެންމެ ދެ މެމްބަރުންނެވެ. ކޮމިޓީން ފާސްކޮށްފައި ވަނީ ކޮމިޝަންގެ މެމްބަރުން ވަކިވަކިން ކޮމިޓީއަށް ހާޒިރުކޮށް ކޮމިޝަންގެ މަސައްކަތަށް ދިމާވާ ގޮންޖެހުންތައް އޮޅުންފިލުވުމަށެވެ. ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް ހުށައެޅުއްވުން ފާސްވެފައި ވަނީ ހަ މެމްބަރުންގެ ތާއީދާ އެކުގައެވެ.