ބޭންކް އޮފް މޯލްޑިވްސްއިން އަތޮޅު ތެރޭގައި ކުރަމުންދާ އިންވެސްޓްމަންޓް އިތުރަށް ފުޅާކުރުމުގެ ގޮތުންނާއި މުޖުތަމައަށް ފޯރުކޮށްދޭ އެހީތެރިކަމުގެ ދަށުން އއ. ތޮއްޑޫގައި ސެލްފް ސަރވިސް ބޭންކިންގ ސެންޓަރެއް ހުޅުވައި ހިދުމަތް ދޭން ފަށައިފިއެވެ.
މި ޚިދުމަތް މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ޖަމާކުރުމާއި، ފައިސާ ދެއްކުމާއި ޓްރާންސްފަރ ކުރުމުގެ ހިދުމަތް ލިބިގެންދާނެއެވެ.
އއ. އަތޮޅަށް ބަލާއިރު ތޮއްޑޫގެ އިތުރުން ބޭންކުން އަންނަނީ ރަސްދޫގައި އޭޓީއެމް އަދި ބްރާންޗްގެ ހިދުމަތް ފޯރުކޮށްދެމުންނެވެ.
ދާދި ފަހުން ބީއެމްއެލްއިން ވަނީ ނ. ކެނދިކުޅުދޫ އަދި ތ. ތިމަރަފުށީގައި ވެސް އޭޓީއެމް ބަހައްޓައި ހިދުމަތް ދޭން ފަށާފައެވެ. ބޭންކުން މިހާރު ރަށްރަށުގައި ބަހައްޓަމުން ދަނީ ފައިސާ ޖަމާކުރުމުގެ ހިދުމަތް ވެސް އެކުލެވޭ ގޮތަށް އެންމެ ފަހުގެ ސެކިއުރިޓީ ހިމެނޭ، ރައްކާތެރިކަމާ އެކު ބޭންކިންގ ހިދުމަތް ދިނުމަށް ފަރުމާ ކުރެވިފައިވާ އޭޓީއެމްތަކެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 38 ބްރާންޗް، 62 ސެލްފް ސަރވިސް ބޭންކިންގ ސެންޓަރ، 125 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.