ކ. މާލެ
|
26 އޮކްޓޯބަރ 2020 | ހޯމަ 10:29
އާސެނަލާއި ލެސްޓާ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ލެސްޓާ މޮޅުވީ 1-0 ން
އާސެނަލާއި ލެސްޓާ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ލެސްޓާ މޮޅުވީ 1-0 ން
ގެޓީ އިމޭޖަސް
އިނގިރޭސި ޕްރިމިއާ ލީގު
ވާޑީގެ ލަނޑުން ލެސްޓާއިން އާސެނަލް ބަލިކޮށްފި
އާސެނަލް އަތުން ލެސްޓާ މޮޅުވީ 1-0 ގެ ނަތީޖާއަކުން
މިއީ 47 އަހަރު ތެރޭ އާސެނަލުގެ ދަނޑުގައި ލެސްޓާ މޮޅުވި ފުރަތަމަ މެޗު

އިނގިރޭސި ޕްރިމިއާ ލީގުގައި އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުން ލެސްޓާ ސިޓީން އާސެނަލް ބަލިކޮށްފިއެވެ.

އާސެނަލުގެ ދަނޑުގައި ކުޅުނު މި މެޗުން ލެސްޓާ މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ. މިއީ ފާއިތުވި 47 އަހަރު ތެރޭ އާސެނަލުގެ ދަނޑުގައި ލެސްޓާ މޮޅުވި ފުރަތަމަ ފަަހަރެވެ. ލެސްޓާއިން އެންމެ ފަހުން އާސެނަލް ދަނޑުގައި މޮޅުވީ 1973 ވަނަ އަހަރުއެވެ.

އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ފެނިގެންދިޔައީ އާދައިގެ ކުޅުމެކެވެ. އެކަމަކު މެޗުގެ ކުރީކޮޅު އާސެނަލުން ވަނީ ލަނޑެއް ޖަހާފައެވެ. ކޯނަރަކުން އަލެކްސަންޑަ ލަކަޒޭޓް ލަނޑެއް ކާމިޔާބުކުރި ނަމަވެސް، އޮފްސައިޑުގައި ހުރެ އާސެނަލުގެ ގްރޭނިޓް ޝަކާ ބޯޅައަށް ހަރަކާތްކުރުމުން ވީޑިއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) އިން އެ ލަނޑު ބަަލައިގަނެފައެއް ނުވެއެވެ.

މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ލެސްޓާއިން ކާމިޔާބުކޮށްފައިވަނީ މެޗު ނިމެން 10 މިނެޓަށް ވެފައި ވަނިކޮށެވެ. ޗެންގިޒް އުންޑެއާ ތަނަވަސްކޮށްދިން ފުރުސަތަކުން މި ލަނޑު ލެސްޓާއަށް ޖަހައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ޖޭމީ ވާޑީއެވެ. މިއީ އާސެނަލާ ދެކޮޅަށް ކުޅުނު 12 މެޗުގެ ވާޑީ ކާމިޔާބުކުރި 11 ވަނަ ލަނޑެވެ.

މި މޮޅާއެކު ލެސްޓާ ވަނީ ތާވަލުގެ ހަތަރުވަނައަށް ޖެހިލާފައެވެ. އެ ޓީމަށް ވަނީ ކުޅުނު ހަ މެޗުން 12 ޕޮއިންޓް ލިބިފައެވެ. މެޗުން ބަލިވި އާސެނަލް އޮތީ ތާވަލުގެ 10 ވަނައިގައި ހަ މެޗުން ނުވަ ޕޮއިންޓާއެކުއެވެ.

މީގެ އިތުރުން ލީގުގައި ހޮނިހިރު ދުވަހުގެރޭ ތާވަލުގެ އެއްވަނައިގައި އޮތް އެވަޓަން ވަނީ ރަށުން ބޭރުގައި ސައުތެމްޓަން އަތުން 2-0 ން ބަލިވެފައެވެ. މިއީ މި ސީޒަނުގައި އެވަޓަން ބަލިވި ފުރަތަމަ މެޗެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް