ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ އިތުބާރު ނެތް މައްސަލަ ރައްޔިތުންނަށް މަޖިލީހަށް ވެއްދުމުގެ މަސައްކަތް ފަށައިފިއެވެ.
އެ މަސައްކަތް ފެށީ، އިދިކޮޅު ޕީޕީއެމް/ޕީއެންސީންނެވެ.
މިނިސްޓަރ އިމްރާން އަބްދުﷲ ގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާ މައިގަނޑުު ސަބަބެއް ކަމަށް ބުނެފައި ވަނީ 24 އޮކްޓޯބަރ 2020 ވަނަ ދުވަހުގެރޭ ދިވެހިރާއްޖޭގެ އަޑުން ގެނެސްދިން އަހާށޭ ބުނާނަން ޕްރޮގްރާމްގައި ދެއްކެވި ވާހަކަފުޅެވެ. އެގޮތުން އެ މައްސަލާގައި ޕްރޮގްރާމްގައި ދެއްކި ކަމަށް ބުނާ ބައެއް ވާހަކަތައް ފާހަގަކޮށްފައި ވެއެވެ.
އޭގެތެރޭގައި، ހުޅުމާލޭ ފަޅު ތެރޭގައި އޮތް ސަފާރީގައި ހިނގާ ދިޔައީ ރޭޕެއް ނޫން ކަމަށާއި އަންހެނެއްގެ ޖިންސީ ގުނަވަނެއްގައި ހިފުމަކީ "ކަމެއްކުރިކަންވެސް ނޭނގޭފަދަ ކަމެއް ކަމަށް" ވިދާޅުވެ، މިނިސްޓަރ އިމްރާން ވާހަކަ ދެއްކި ކަމަށް އިދިކޮޅުން ހުށަހެޅި މައްސަލާގައި ބުނެފައި ވެއެވެ. އަދި އެއީ ހޯމް މިނިސްޓްރީއާ ޙަވާލުވެ ހުންނެވި ވަޒީރުގެ ޙައިސިއްޔަތުން އެމަނިކުފާނުގެ ޤާބިލްކަމާއި ޒިއްމާދާރުކަމާ މެދު ސުވާލު އުފެދޭ، އަދި މިކަމުގެ ސަބަބުން ތަޙްޤީޤު ކުރެވެމުންދާ މައްސަލައަކަށް މިނިސްޓަރު ނުފޫޒު ފޯރުވުން ކަމަށް ބެލެވޭ ކަމަށް އެ މައްސަލާގައި ބުނެފައި ވެއެވެ.
އިތުބާރު ނެތްކަމުގެ މައްސަލާގައި އިތުރަށް ފާހަގަކޮށްފައި ވަނީ ޑރ. އަފްރާޝީމް ޢަލީ އަވަހާރަކޮށްލުމާ ގުޅޭގޮތުން އަނެއްކާ ވެސް ތަފާތު ގޮތަކަށް އެ ޕްރޮގްރާމްގައި މިނިސްޓަރ ވާހަކަ ދައްކަވާފައިވާ ކަމަށެވެ. އެގޮތުން މޭޑޭ މުޒާހަރާގައި ރިޟްވާންއާއި އަފްރާޝީމްގެ މަރާގުޅޭގޮތުން ދެއްކި ޑޮކިއުމެންޓްތަކަކީ އަސްލެއް ނޫންކަމަށް ވިދާޅުވުމާއި އޮކްޓޯބަރު މަހުގެ 21 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގައި މޭޑޭ މުޒާހަރާގައި ގެންގުޅުއްވި ހެކިތައް ނުވަތަ ޑޮކިއުމެންޓް ފުލުހުން އަތުލާފައިވާ ކަމަށް ވިދާޅުވެފައިވާ ކަމަށް އިދިކޮޅުން ހުށަހެޅި އެ މައްސަލާގައި ބުނެފައި ވެއެވެ.
މިނިސްޓަރ އިމްރާން އަބްދުﷲ ގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދޭނީ 10 މެމްބަރުންގެ ސޮޔާއެކުއެވެ. ނަމަވެސް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ މެމްބަރުންގެ އަދަދަކީ 9 އެކެވެ. އެހެންކަމުން އެ މައްސަލަ މަޖިލީހަށް ވައްދާނަމަ، އިތުރު މެމްބަރެއްގެ ސޮޔެއް ބޭނުންވާނެއެވެ.