ގިނަ ދުވަސްތަކަކަށް ފަހު ރާއްޖެ އިން 24 ގަޑި އިރު ތެރޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 80 އަށް ވުރެ މައްޗަށް އަރައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ އެންމެ ފަހުން އާންމު ކޮށްފައިވާ މައުލޫމާތުތައް ދައްކާގޮތުން ހޮނިހިރު ދުވަހުގެ އިރުއޮއްސި 06:00 އިން އާދިއްތަ ދުވަހުގެ އިރުއޮއްސި 06:00 ރާއްޖެ އިން އިތުރު 84 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އެއީ 26 ދިވެހިންނާއި 58 ބިދޭސީންނެވެ.
އެޗްޕީއޭ އިން އާންމުކޮށްފައިވާ މައުލޫމާތުތައް ދައްކާ ގޮތުން ފާއިތުވި 24 ގަޑި އިރުގެ ތެރޭގައި 2231 ސާމްޕަލް ވަނީ ނަގާފައެވެ. އަދި ޕޮޒިޓިވްވި 54 މީހުން ޕޮޒިޓިވްވެފައި ވަނީ އަތޮޅުތެރެއިންނާއި ރިސޯޓްތަކުން ކަމަށާއި މާލެ ސަރަހައްދުން ޕޮޒިޓިވްވެފައި ވަނީ 30 މީހުންނެވެ.
މިއާއެކެ ރާއްޖެ އިން ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 11،505 އަށް އަރާފައެވެ. އަދި ބަލިޖެހުނު މީހުންގެ ތެރެއިން 10،524 މީހުން ބަލިން ރަނގަޅުވެފައިވާ އިރު، މިވަގުތު ރާއްޖެ އިން ބައްޔަށް ފަރުވާ ހޯދަމުން ދަނީ 937 މީހުންނެވެ.
މީގެ އިތުރުން ރާއްޖޭގެ 22 ރަށެއްގައި މިވަގުތު އެކްޓިވް ކޭސްތައް ތިބި އިރު، 24 ރިސޯޓަކުންވެސް އެކްޓިވް ކޭސްތައް އެބަ ތިއްބެވެ. އެއީ 26 ފަތުުރުވެރިންނާއި 82 ސްޓާފުންނެވެ.
އައިސޮލޭޝަން ފެސިލިޓީތަކުގައި 307 މީހުން ފަރުވާ ހޯދަމުންދާ އިރު، ހޮސްޕިޓަލް ގައި އެޑްމިޓްކޮށްގެން ފަރުވާ ހޯދަމުން ދަނީ 37 މީހުންނެވެ.