ހޯމަ ދުވަހު އޮންނަ ޖަލްސާގައި މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓަރަކްޗަރ މުހައްމަދު އަސްލަމާއި ސުވާލުކުރުމަށް އެޖެންޑާކޮށްފިއެވެ.
އިންފްރާސްޓްރަކްޗަރ މިނިސްޓަރާއި ސުވާލު ކުރައްވަނީ ވިލިނގިލި ދާއިރާގެ މެމްބަރ ސައުދު ހުސައިންއެވެ. މެމްބަރު މިނިސްޓަރާއި ސުވާލު ކުރައްވަނީ ގއ. ކޮލަމާފުށީގެ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ނުފެށި ލަސްވަނީ ކީއްވެތޯއެވެ. އަދި މި މަޝްރޫޢު ކުރިޔަށް ގެންދިޔުމަށް ނިންމާފައި ވަނީ ކިހިނެއްތޯއެވެ.
މީގެ އިތުރުން ހޯމަ ދުވަހުގެ ޖަލްސާއަށް ވަނީ ގއ. މާމެންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު އަހުމަދު ޝުކޫރު މަގާމުން ވަކިކުރުމާއި ގުޅޭގޮތުން ޖުޑީޝަލް ސަރވިސް ކޮމިޝަނުން ފޮނުއްވާފައިވާ މައްސަލަ ރައީސްގެ މޭޒުން ހުށަހަޅާ ކަމެއްގެ ގޮތުގައި އެޖެންޑާ ކޮށްފައެވެ. ހޯމަ ދުވަހުގެ ޖަލްސާގައި މިމައްސަލަ ދިރާސާ ކުރުމަށް ކަމާބެހޭ ކޮމިޓީއަށް ފޮނުވާނެއެވެ.
އިބްތިދާއީ ބަހުސްގެ މަރުހަލާގައި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރ މުހައްމަދު ރަޝީދު ހުށަހަޅުއްވާފައިވާ އިފްލާސްވުމާއި އިފްލާސްކުރުމުގެ ބިލްގެ ބަހުސް ވަނީ އެޖެންޑާ ކޮށްފައެވެ. މަޖިލީހަށް ތަޢާރަފް ކުރަންޖެހޭ ބިލްގެ ގޮތުގައި ސަރުކާރުގެ ފަރާތުން ކިނބިދޫ ދާއިރާގެ މެމްބަރ މުހައްމަދު ނާޝީޒް ހުށަހަޅުއްވާފައިވާ އިންޝުއަރަންސްއާ ބެހޭ ބިލްގެ ފުރަތަމަ ކިޔުން އިއްވުމަށް ވަނީ އެޖެންޑާކޮށްފައެވެ.
ކޮމިޓީތަކުން ދެ ރިޕޯޓެއް ހުށަހެޅުމަށް ވަނީ އެޖެންޑާ ކޮށްފައެވެ. އެއީ ތައުލީމުގެ ބިލް ގައުމީ ތަރައްޤީ އާއި ތަރިކައިގެ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓާއި ދިވެހި ދައުލަތުގެ ދަރަނި އަނބުރާ ދެއްކުމާއި ގުޅޭ މުޅި މަޖިލީހުގެ ކޮމިޓީގެ ރިޕޯޓެވެ.