ކ. ފުށިދިއްގަރު ފަޅު ކުއްޔަށްދީ ތަރައްޤީ ކުރުމާ ގުޅޭ ގޮތުން ވެފައިވާ ޖޮއިންޓް ވެންޗަރ އެއްބަސްވުމާއި ދިވެހި ސަރުކާރުގެ ފަރާތުން ޚިލާފުވެފައިވާ މައްސަލާގައި ކުރީގެ ނައިބް ރައީސް އަބްދުﷲ ޖިހާދުގެ މައްޗަށް ދައުވާ އުފުލައިފިއެވެ.
ޕީޖީ އޮފީހުން ބުނީ، ޖިހާދުގެ މައްޗަށް އުފުލާފައި ވަނީ ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް ޢަމަލު ކުރުމުގެ ކުށުގެ ދައުވާ ކަމަށެވެ. އަދި އެ ދައުވާ ޖިހާދުގެ މައްޗަށް އުފުލާފައި ވަނީ އާދިއްތަ ދުވަހުއެވެ. އެގޮތުން މި މައްސަލައަކީ އެސެޓް ރިކަވަރީ ކޮމިޝަނުން ތަޙުޤީޤުކޮށް ފޮނުވާފައިވާ މައްސަލައެކެވެ.
ކ. ފުށިދިއްގަރު ފަޅު ކުއްޔަށްދީ ތަރައްޤީ ކުރުމާ ގުޅޭ ގޮތުން ވެފައިވާ ޖޮއިންޓް ވެންޗަރ އެއްބަސްވުމާއި ދިވެހި ސަރުކާރުގެ ފަރާތުން ޚިލާފުވެފައިވާކަަމަށް ބުނެ, އެ މައްސަލަ ސިންގަޕޯރ އިންޓަރނޭޝަނަލް އާބިޓްރޭޝަން ސެންޓަރަށް އެކުންފުނީގެ ފަރާތުން ވަނީ ހުށައަޅާފައެވެ.
އެކަމާ ގުޅިގެން އެޓަރނީ ޖެނެރަލް އޮފީހުން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ޕްރައިމް ކެޕިޓަލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީ އާ ދެމެދު ފުށިދިއްގަރު ފަޅު ކުއްޔަށްދީ ތަރައްޤީ ކުރުމަށް ވެފައިވާ އެއްބަސްވުމާއި ދިވެހި ސަރުކާރު ޚިލާފުވެފައިވާކަމަށް ބުނެ އެ މައްސަލަ އާބިޓްރޭޝަނަށް ހުށަހަޅާފައިވާ ކަން އެކުންފުނިން ސަރުކާރަށް އަންގާފައިވާ ކަމަށެވެ. އެގޮތުން 18 ޑިސެމްބަރ ގައި އެ ކުންފުނިން މި މައްސަލަ އާބިޓްރޭޝަނަށް ހުށަހަޅާފައިވާ ކަމަށް މި ބަޔާނުގައި ބުނެފައި ވެއެވެ.
ކ. ފުށިދިއްގަރު ފަޅު ތަރައްޤީ ކުރުމުގެ ޖޮއިންޓް ވެންޗަރ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ 18 ޖެނުވަރީ 2013 ގައެވެ.
މައްސަލައިގައި ކަން ހިނގައިދިޔަ ގޮތް
އެކަމާ ގުޅޭގޮތުން ޕީޖީ އޮފީހުން އާދިއްތަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ، ނޭޝަނަލް ޕްލޭނިންގ ކައުންސިލުގެ ލަފާގެ މަތިން ކ ފުށިދިއްގަރުފަޅު ސްޕެޝަލް ޓޫރިސްޓް ޒޯނެއްގެ ގޮތުގައި ތަރައްޤީ ކުރުމަށް ސަރުކާރުގެ 50% ހިއްސާވާގޮތަށް ޖޮއިންޓް ވެންޗަރ އެގްރީމަންޓެއް ހެދުމަށް 29 ނޮވެމްބަރު 2011 ގައި ވަޒީރުންގެ މަޖިލީހުން ނިންމި ކަމަށެވެ. އަދި އެ ނިންމުމުގައި އޮތީ، މަޝްރޫއަށް ސަރުކާރުން އެއްވެސް ފައިސާއެއް ޚަރަދު ކުރަން ނުޖެހޭ ގޮތަށް، އެ މަޝްރޫއުގެ ބިމު ކުލި ދައުލަތަށް ލިބޭ ގޮތަށް ކަމަށެވެ.
އެހެން ނަމަވެސް، ފިނޭންސް މިނިސްޓަރު ކަމުގެ މަޤާމުގައި ހުންނަވައި ވަޒީރުންގެ މަޖިލީހުގެ ނިންމުމާ ޚިލާފަށް ޖިހާދު ވަނީ 50 އިންސައްތައިގެ ބަދަލުގައި 25 އިންސައްތަ ހިއްސާ އޮންނަ ގޮތަށް ޖޮއިންޓް ވެންޗަރ ކުންފުންޏެއް ހެދުމަށް ޕްރައިމް ކެޕިޓަލް މޯލްޑިވްސް ލިމިޓެޑާއެކު، އެއްބަސްވުމެއްގައި ސޮއި ކުރައްވާފައެވެ.
ޕީޖީ އޮފީހުން ބުނީ އެކަމުގައި، ޖިހާދު ޢަމަލު ކުރައްވާފައިވާ ގޮތުން، ރައްޔިތުންނާ ދައުލަތަށް ލިބެން އޮތް ފައިސާއިން ހަމައެކަނި ބިމު ކުލީގެ ގޮތުގައިވެސް 604،713،750 އެމެރިކާ ޑޮލަރު އުނިވެފައިވާ ކަމަށެވެ.
އޭގެ އިތުރުން، ދައުލަތުގެ 50% ހިއްސާގެ ބަދަލުގައި 25% ހިއްސާ ބަދަލުވުމުން، ކުންފުނީގެ ވިޔަފާރި ފައިދާއިން ލިބުނު ގެއްލުންވެސް ބޮޑުކަން ފާހަގަކޮށް ޕީޖީ އޮފީހުން ބުނީ، 50 އަހަރު ތެރޭގައި ބިމު ކުލީގެ ގޮތުގައި 411،720،000 އެމެރިކާ ޑޮލަރު ލިބެން އޮތް ތަނެއްގައި އަބްދުﷲ ޖިހާދު ނިންމެވި ގޮތުގެ ސަބަބުން އެއްވެސް ފައިސާއެއް ދައުލަތަށް އެ މަގުންވެސް ލިބިފައި ނުވާ ކަމަށެވެ. އަދި "ޕްރައިމް ލޮކޭޝަން ޗާރޖް" ގެ ގޮތުގައި ލިބެންޖެހޭ 192،993،750 އެމެރިކާ ޑޮލަރުގެ ތެރެއިންވެސް އެއްވެސް ފައިސާއެއް ލިބިފައި ނުވާކަމަށް ޕީޖީ އޮފީހުން ބުނެފައިވެއެވެ.