އެމްއެމްޕީއާރުސީގެ މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ 5 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ބޭރަށް ވަޑައިގެން ހައްދަވާ ޓެސްޓުތަކަށް ފަހު، ޖަލުގައި ބެހެއްޓުން އެއީ ކަމުނުދާ މާހައުލެއް ކަމަށް ޑޮކްޓަރުން ލަފާ ދެއްވައިފިނަމަ ގެޔަށް ބަދަލު ކޮށް ދެއްވާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ، ކުރީގެ ރައީސް ޔާމީންގެ ބަލި ހާލަތާއި ގުޅޭގޮތުން ޑޮކްޓަރުން ދެއްވާފައިވާ ލިޔުމުގައި، ލަފާދެއްވާފައި ވަނީ ރާއްޖެއިން ބޭރުން ޓެސްޓެއް ހެއްދެވުމަށާއި، "ސްޓްރެސް ފްރީ" މާހައުލެއްގައި ބެހެއްޓެވުމަށް ކަމަށެވެ. އަދި އެކަމާއި ގުޅިގެން ސީދާ މިނިސްޓަރު، ރައީސް ޔާމީނާއި ބައްދަލު ކުރައްވައި ރާއްޖެއިން ބޭރަށް ބޭސް ފަރުވާއަށް ވަޑައިގަތުމަށް ފުރުސަތު އޮތް ކަމުގައި ދެންނެވި ކަމަށް ވިދާޅުވިއެވެ.
އެގޮތުން ރައީސް ޔާމީން ބޭނުންފުޅު ނަމަ މި ސަރަހައްދުން ކޮންމެ ގައުމަކަށް ވަޑައިގެން ވެސް ޑޮކްޓަރަށް ދެއްކެވުމުގެ ފުރުސަތު ދެއްވާފައި ވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ނަމަވެސް ޔާމީން ބޭނުންވީ އެ ފުރުސަތުގެ ބޭނުން ނުކުރައްވާ، ގެކޮޅަށް ބަދަލުވާން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އިމްރާން ވަނީ ރައީސް ޔާމީން ބޭސް ފަރުވާއަށް ހައްދަވަން ޖެހޭ ޓެސްޓް ހެއްދެވުމަށް ބޭރަށް ވަޑައިގަތުމުގެ ކަންކަމުގައި އެ މަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ ޕާޓީގެ އިސް ބޭފުޅުންނާ ވެސް މަޝްވަރާކުރެއްވި ކަމަށް ވިދާޅުވެފައެވެ.
މިނިސްޓަރު ވަނީ ރައީސް ޔަމީނަށް އިއްވާފައިވާ ޖަލު ހުކުމް ތަންފީޒް ކުރުމަށް އިޖްރާއަތްތަކެއް އެބަހުރި ކަމަށް ވިދާޅުވެ، އެ އިޖްރާއަތްތަކުގެ ތެރެއިން ގެއަށް ގެންދަން ޖެހިއްޖެ ނަމަ އެކަން ވެސް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. މި ޕްރޮގްރާމުގައި މިނިސްޓަރު އިމްރާން ވަނީ ރައީސް ޔާމީން ޖަލުގައި ހުންނަވާ ތަނަކީ ރަނގަޅު ފެންވަރުގެ އެޕާޓްމެންޓެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.