ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތައް ދިނުމުގައި ޖުމްލަ ކޭސްތައް ފެންނަ އަދަދަށް ވުރެ ބޮޑަށް ކޮމިއުނިޓީ ތެރޭގައި ކޭސްތައް އުޅޭ މިންވަރަށް ބަލާ ކަމަށް ހެލްތު އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) ގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގް ވިދާޅުވެއްޖެއެވެ.
ހޮނިހިރު ދުވަހުގެ ރޭ އެ ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރަށްރަށަށް ދާ މީހުންނަށް އަދިވެސް ކަރަންޓީނުވާން ޖެހޭގޮތަށް އޮންނައޮތުމާއި ރަށްރަށަށްދިޔުމުގެ ފުރުސަތު ހުޅުވާލާފައިނުވާތީ އެކަމުގެ ކަންބޮޑުވުންތައް އާންމުންގެ ތެރޭގައި އުޅޭތީ އެކަންކަމަށް ލުއިދިނުމަށް ވިސްނަވާތޯ "ރާއްޖެޓީވީ" އިން ވަނީ ސުވާލުކޮށްފައެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން ޑރ. ނަޒްލާ ވިދާޅުވީ ރާއްޖޭގެ ބޯޑަރުތައް ހުޅުވާލާފައިވީ ނަމަވެސް ޓޫރިޒަމް އާއި ސީދާ ގުޅޭ ކޭސްތަކަށް ލުއިތައް ދިނުމުގައި ނުބަލާ ކަމަށެވެ. ބަލަނީ މާލޭގައި ކޮމިއުނިޓީ ޓްރާންސްމިޝަން އޮތް މިންވަރަށް ކަމަށް ވިދާޅުވިއެވެ. އަދި ދުވާލެއްގެ މައްޗަށް ޖުމްލަ ކޭސްތައް ފެންނަ މިންވަރަށް ވެސް ނުބަލާ ކަމަށް ވިދާޅުވިއެވެ.
މިސާލަކަށް ކޮންޓެކްޓުންގެ ތެރެއިން އެކަނި ކޭސްތައް ފެންނަ ކަމަށްވާނަމަ އެއޮތީ ވަރަށް ބޮޑަށް ކޮމިޔުނިޓީ ޓްރާސްމިޝަން އަކުން ލޯކަލް ޓްރާންސްމިޝަންއަކަށް ބަދަލުވެފައި. އެހެން އޮންނަ ހާލަތެއްގައި ހަމައެކަނި ޕޮޒިޓިވް މީހާގެ ކޮންޓެކްޓުންގެ ތެރެއިން ޕޮޒިޓިވް މިވަނީ. އެހެންވިއްޔާ އެ ނޫން މީހުންނަށް ދަތުރު ކުރުމުގައި ރިސްކު ކުޑަވާނެ. އެހެން ނަމަވެސް މިހާރު އަޅުގަނޑުމެންގެ ތެރޭގައި އަދިވެސް އެންމެ ފަހުން މިދިޔަ ހަފްތާގައި ވެސް އަންލިންކް ކޭސްތައް ނުވަތަ ކޮންޓެކްޓުންގެ ބޭރުން އިތުރަށް ފެނުނު ޖުމްލަ އަދަދު ޕަސެންޓޭޖް އުޅެނީ 25 ގައި. އެހެންވީމާ އަދިވެސް ހަމަ ކޮންމެސް ވަރަކަށް އަޅުގަނޑުމެންނަށް ކޭސްތައް ފެންނަމުންދޭ. ކޮންޓެކްޓުންނާ ނުގުޅޭގޮތަށް.އެޗްއީއޯސީގެ ތަރުޖަމާން ޑރ ނަޒްލާ ރަފީގް
ޑރ. ނަޒްލާ ވިދާޅުވީ މީގެ އިތުރުން އެކްޓިވް ސަރވިއަލަންސްގެ ތެރެއިންވެސް މީހުން ޕޮޒިޓިވް ވަމުންދާ ކަމަށެވެ. އެގޮތުން ފާއިތުވި ތިން ހަތަރު ދުވަހަށް ބަލާލި ނަމަވެސް އެކްޓިވް ސަރވިއަލަންސްގެ ތެރެއިން ޕޮޒިޓިވްވި މީހުންގެ އަދަދު އުޅެނީ 7 ނޫނީ 8 އިންސައްތައިގެ ކަމަށެވެ. އެހެންކަމުން މިހުންނަނީ އަދިވެސް މޮނިޓަރ ކުރަންޖެހޭ ކަންތައްތައް ކަމަށް ވިދާޅުވިއެވެ.
މޮނިޓަރ ކުރުމަށް ފަހު އެ ކަންކަން ވެސް ހަމަ ވަރަށް ބޮޑަށް ރިސްކް ލޯ ނުވަތަ ދަށަށް ދިޔައީމާ އަދި އެ ގޮތުގައި ކުޑަދުވަސްކޮޅަކު ހިފެހެއްޓުނީމާ އަޅުގަނޑުމެން އިތުރަށް ލުއި ދިނުމަށް ކުރިޔަށް ގެންދާނީ. މިހާރުގެ ތަޖުރިބާއަކީ މާލޭގައި ވަރަށް ބޮޑަށް ފެތުރިގެން ވަރަށް ގިނަ ދުވަސް ވޭ ކޮންޓްރޯލް ކުރަން. ކޮންޓްރޯލްވާ އިރު ވޭވެއް އާދޭ. ދެ ފަހަރު މިހެން ދިމާވީ. މި ގޮތަށް ރަށްރަށުގައި ފެތުރެން ފަށައިފިއްޔާ ޚާއްސަކޮށް ގިނަ ރަށްރަށުގައި އެއް ފަހަރާ ފެތުރެން ފަށައިފިއްޔާ މިއީ ރެސްޕޯންޑް ކުރުމުގައި ވެސް ދަތިތަކެއް އަންނާނެ. ދަތިވާނެ އެއް ފަހަރާ މަސައްކަތްކުރުމަށް.އެޗްއީއޯސީގެ ތަރުޖަމާން ޑރ ނަޒްލާ ރަފީގް
އެހެން ކަމުން މިހާތަނަށް އައިއިރު ވެސް އެ ފިޔަވަޅުތައް އަޅާފައިވަނީ ރަށްރަށުގައި ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށް ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. އަދި ރަށްރަށުގައި ކަރަންޓީނުވާ ފަރާތްތަކުގެ ތެރެއިން ޕޮޒިޓިވް ވެފައިވާ މިންވަރަށް ބަލާއިރު މާލެއިން ރަށްރަށަށްދާ ފަރާތްތައް ކަރަންޓީނު ވުމަކީ މުހިންމު ކަމެއްކަން ހާމަވެފައިވާ ކަމަށް ވިދާޅުވިއެވެ.
އެހެން ނަމަވެސް މިކަންކަމަށް ކުރިޔަށް އޮތް ތަނުގައި ރަނގަޅު ބަދަލުތަކެއް އަންނަ ނަމަ އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތައް ދިނުމުގައި ވިސްނާނެ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.