ކުޅުދުއްފުށި ސިޓީ މޮނިޓަރިންގ ގެ ހާލަތުން ނެގުމަށް މަސައްކަތް ކުރެވޭނީ އެ ރަށުގައި ބަލިނެތް ކަން ޔަގީން ކުރުމަށް ފަހު ކަމަށް ހެލްތު އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) ގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގް ވިދާޅުވެއްޖެއެވެ.
އެޗްއީއޯސީން ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވަނީ ކުޅުދުއްފުށީގެ މިހާރުގެ ހާލަތާއި ގުޅޭގޮތުން މައުލޫމާތު ދެއްވާފައެވެ.
ޑރ. ނަޒްލާ ވިދާޅުވީ ކުޅުދުއްފުށީގައި އޮތް ލޯކަލް ޓްރާންސްމިޝަން ކޮންޓްރޯލް ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަަށެވެ. އެގޮތުން އެ ސިޓީގައި ގާއިމުކުރެވިފައިވާ ޓާސްކް ފޯރސް ޚަރުދަނާ ކުރެވި އޮޕަރޭޝަން ސެންޓަރެއް މިހާރު ކުޅުދުއްފުށީގައި ގާއިމުކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ.
ރަށުގައި ހުރި ހުރިހާ މުއައްސަސާތަކެއް ގުޅިގެން ބަލި ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރަމުން ދާއިރު މިހާރު އެ ރަށުގައި ފްލޫ ކްލިނިކެއް ވެސް ގާއިމުކުރެވިފައިވާ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.
މި ފްލޫ ކްލިނިކްގައި ބަލީގެ އަލާމާތްތައް ހުންނަ ފަރާތްތައް ބެލުމާއި ޓެސްޓް ކުރުން ކުރިޔަށްދާނެ. ކުޅުދުއްފުއްޓަކީ އެސަރަހައްދުގެ ވަރަށް ގިނަ ރަށްރަށުގެ މީހުން ޒަރޫރީ ބޭނުންތަކަށް މީހުން ދާނެ ތަނަކަށްވާތީ ރައްކާތެރިކަމާއެކު އެކަންކަން ކުރުމަށް އެބޭފުޅުން އެދަނީ މަސައްކަތްކުރައްވަމުން. އަދި ކުޅުދުއްފުށީގެ ހާލަތު ވަރަށް ގާތުން އަޅުގަނޑުމެން މިދަނީ ބަލަމުންއެޗްއީއޯސީގެ ތަރުޖަމާން ޑރ ނަޒްލާ ރަފީގް
ޑރ ނަޒްލާ. އިތުރަށް ވިދާޅުވީ ކުޅުދުއްފުށި މޮނިޓަރިންގ ގެ ހާލަތުގައި އޮތީ އެރަށުގައި ލޯކަލް ޓްރާންސްމިޝަން އޮތުމާއެކު ބަލި އޮތް މިންވަރު ދެނެގަނެވެން ދެން ކަމަށެވެ. ކުޅުދުއްފުށިން މި މަހުގެ 17 ވަނަ ދުވަހުން ފެށިގެން ބަލީގެ އަލާމާތްތައް ހުރެގެން 59 މީހުންގެ ސާމްޕަލް ނަގާފައިވާ ކަމަށާއި އެއިން އެއްވެސް މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ނުވާ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.
އޭގެ އިތުރުން، ރަށު ތެރޭގައި ބަލި އޮތް މިންވަރު ދެނެގަތުމަށް ރޭންޑަމް ސާމްޕަލްގެ ގޮތުގައި 120 ސާމްޕަލެއް ނަގާފައިވާ ކަމަށާއި އެ މީހުންގެ ސާމްޕަލްތައް ވެސް ނެެގެޓިވް ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. އަދި އެ ރަށުގައި ބަލި އޮތް މިންވަރު ދެނެގަތުމަށް އަދި އެއް ފަހަރު ވަރަށް އަވަހަށް ސާމްޕަލް ނަގާނެ ކަމަށް ވިދާޅުވިއެވެ.
މިހާރު އެއް ފަހަރު ސާމްޕަލް ނެގިފައި ވަނީ. އަދި އެއް ފަހަރު ވަރަށް އަވަހަށް އެކްޓިވް ސާމްޕަލް ނަގާނަން. އެކަށީގެންވާ ވަރަށް ބަލީގެ އަލާމަތްތައް ހުރި މީހުން ދެނެގަނެ އެމީހުންގެ ސާމްޕަލް ނެގުނުކަން ޔަގީންވެ އެ އެންމެން ނެގެޓިވް ވުމުން މޮނިޓަރިންގ އިން ނެގުމަށް މަސައްކަތް ކުރެވިދާނެ. މި ވަގުތު ވަރަށް މުހިންމު ސާމްޕަލް ނެގުންއެޗްއީއޯސީގެ ތަރުޖަމާން ޑރ ނަޒްލާ ރަފީގް
ކުޅުދުއްފުށިން ފުރަތަމަ ކޮވިޑް ކޭސްއެއް ފެނިފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ. އެންމެ ފަހުން ކުޅުދުއްފުށިން ޕޮޒިޓިވް ކޭސްތަކެއް ފެނިފައި ވަނީ މި މަހުގެ 18 ވަނަ ދުވަހުއެވެ. ކުޅުދުއްފުށިން އެންމެ ފަހުން ޕޮޒިޓިވް ވެފައިވަނީ އެރަށުގައި މަސައްކަތްކުރާ ފުލުހެއްގެ އާއިލާގެ ހަތަރު މެންބަރުންނެވެ.
އުތުރު ޕޮލިސް ކްލަސްޓާއާ ގުޅިގެން މިހާތަނަށް ޖުމްލަ 19 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އެއީ ކުޅުދުއްފުށިން ޕޮޒިޓިވްވި 13 މީހަކާއި ކުރިނބިން ޕޮޒިޓިވްވި މީހަކާއި ފޯކައިދޫން ޕޮޒިޓިވްވި މީހެއްގެ އިތުރުން ދިއްދޫން ޕޮޒިޓިވްވި ހަތަރު މީހުންނެވެ.