މާލެ ސަރަހައްދުގައި ކޮވިޑް-19 ފެތުރިފައިވާ މިންވަރު ދެނެގަތުމަށްޓަކައި މިހާރު ކުރިޔަށްގެންދާ ޕްރިވިލެންސް ސާވޭއަށް އެއްބާރުލުން ބޭނުންވާ ކަމަށް ހެލްތު އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ(އެޗްއީއޯސީ) ގެ ތަރުޖަމާން ޑރ ނަޒްލާ ރަފީގް ވިދާޅުވެއްޖެއެވެ.
އެ ސެންޓަރުން ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެންޓި ބޮޑީ ދިރާސާގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރައްވަމުން ޑރ. ނަޒްލާ ވިދާޅުވީ މި ސަރވޭގައި އެންމެ ފުރަތަމަ ސާމްޕަލް ނަގާފައި ވަނީ ސްކޫލް ކުދިން ނުވަތަ އުމުރުން 18 އަހަރުން ދަށުގެ ކުދިން ކަމަށެވެ. އެއަށް ފަހު މިހާރު އުމުރުން 18 އަހަރުން މަތީގެ މީހުންގެ ސާމްޕަލް ނެގުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.
މި ސަރވޭ ކުރިޔަށްދަނީ ހަތަރު އުުމުރުފުރައަކަށް ބަހާލައިގެންނެވެ. އެއީ 17 އަހަރުން ދަށުގެ ކުދިންނާއި 18 އަހަރާއި 34 އަހަރާ ދެމެދުގެ މީހުންނާއި 35 އަހަރާއި 59 އަހަރާ ދެމެދުގެ މީހުން އަދި އުމުރުން 60 އަހަރުން މަތީގެ އުމުރުފުރާތަކެވެ.
ކޮންމެވެސް ވަރަކަށް އަޅުގަނޑުމެންނަށް ސްޓަޑީއަށް ތަރުޚީބު ލިބެމުންދޭ. އެހެން ނަމަވެސް އަވަހަށް ސްޓަޑީ ފުރިހަމަ ކުރަން ބޭނުންވާ މިންވަރަށް އަދި ސާމްޕަލެއް ނުލިބޭ. އެހެންވީމާ އަޅުގަނޑުމެން ވަރަށް ބޮޑަށް ތިބޭފުޅުންގެ އެއްބާރުލުން ބޭނުން ސްޓަޑީ ކުރިޔަށް ގެންދިޔުމަށް.އެޗްއީއޯސީގެ ތަރުޖަމާން ޑރ ނަޒްލާ ރަފީގް
މި ސަރވޭގައި ޖުމްލަ 4098 މީހެއްގެ ސާމްޕަލް ނަގައި ޓެސްޓު ކުރުމަށް ވަނީ ހަމަޖެހިފައެވެ. ސްޓަޑީގައި ސާމްޕަލް ނެގުމަށް މީހުން ހޮވަނީ ރޭންޑަމްކޮށެވެ. އަދި މިހެން ހޮވޭ މީހުންނަށް ސާމްޕަލް ނަގަން ދާންވީ ތަނާއި ވަގުތު އަންގައިދިނުމުގެ އެޗްޕީއޭއިން އެސްއެމްއެސް އެއް ފޮނުވާނެ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެެވެ.
މި ޓެސްޓަކީ ކޮވިޑް-19 ހުރިތޯ ބެލުމަށް މިހަދާ ޕީސީއާރު ޓެސްޓެއް ނޫން ކަމަށާއި މި ޓެސްޓް ހެދުމަށް ނަގާނީ ލޭ ކަމަށް ޑރ ނަޒްލާ ވިދާޅުވިއެވެ. އާންމު ކޮށް ވެސް ލެބޯޓްރީ ޓެސްޓް ހެދުމަށް ނަގާ ގޮތަށް އެމީހުންގެ ހަށިގަނޑުން ލޭ ނަގާނެ ކަމަށާއި އަދި ޓެސްޓްގެ ނަތީޖާ ކޮންމެ މީހަކަށް ވެސް އެސްއެމްއެސްއަކުން ލިބޭނެކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. އަދި ނަތީޖާ ޕޮޒިޓިވްވެގެން ކަރަންޓީނު ވުން ފަދަ ކަމެއް ކުރަން ނުޖެހޭނެ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.
ނަތީޖާ ޕޮޒިޓިވް ވެއްޖެ ނަމަ އޭގެ މާނައަކީ ކުރިން ބައްޔަށް އެކްސްޕޯސް ވެފައި ނޫނީ ކުރިން ބަލި ޖެހިފައޭ އެ ފަރާތެއް ހުރީ. ނެގެޓިވް ވެއްޖިއްޔާ އޭގެ މާނައަކީ އަދި ބަލި ޖެހިގެން އެ ފަރާތަށް އިމިޔުނިޓީ ލިބިފައެއް ނުވޭ. ޕޮޒިޓިވްވިޔަސް ނެގެޓިވްވިޔަސް އިތުރު ކަމެއް ކުރާކަށް ނުޖެހޭނެ. އައިސޮލޭޓް ވާކަށް ކަރަންޓީނު ވާކަށް ނޫނީ އެހެން ޕްރޮސީޖަރ އެއް ނޯންނާނެ. ހަމައެކަނި ރިޒަލްޓް ލިބިވަޑައިގަންނަވާނީއެޗްއީއޯސީގެ ތަރުޖަމާން ޑރ ނަޒްލާ ރަފީގް
މި ސަރވޭގެ އެންމެ މުހިންމު ބޭނުމަކީ މާލެ ސަރަހައްދުގެ އާބާދީގެ ތެރެއިން ކުރިން ކޮވިޑް-19 އަށް ހުށަހެޅިފައިވަނީ އާބާދީގެ ކިތައް އިންސައްތަތޯ ބެލުމެވެ. މީގެ ސަބަބުން ކޮވިޑް ފެތުރިފައިވާ ބާރުމިން ދެނެގަނެވި، ސިޔާސަތުތަކަށް އިތުރަށް ގެންނަންވީ ކޮން ބަދަލުތަކެއްތޯ ބެލިގެންދާނެއެވެ. މި ދިރާސާ ކުރަން ބޭނުންކުރަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން އެކުލަވާލާފައިވާ މެތޮޑޮލަޖީއެވެ.
މިއީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އާއި ގުޅިގެން އެޗްޕީއޭއިން ކުރިޔަށް ގެންދާ ސަރވޭ އެކެވެ.