ރާއްޖޭގައި ކޮވިޑް-19 ޖެހިފައިވާ މީހުންގެ ތެރެއިން މިހާރު އައިސީޔޫގައި ފަރުވާދެމުން އަންނަނީ އެންމެ މީހަކަށް ކަމަށް ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)ގެ ތަރުޖަމާން ޑރ ނަޒްލާ ރަފީގް ވިދާޅުވެއްޖެ އެވެ.
ހޮނިހިރު ދުވަހު ގެ ރޭ އެސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ ނަޒްލާ ވިދާޅުވީ މިހާރު އެކަކުވެސް ވެންޓިލޭޓަރުގައި ނެތް ކަމަށެވެ. މިވަގުތު ހޮސްޕިޓަލްގައި އެޑިމިޓްކޮށްގެން ފަރުވާދެމުން އަންނަނީ 39 މީހަކަށް ކަމަށް ޑރ ނަޒްލާ ވިދާޅުވިއެވެ. އޭގެތެެރެއިން ހުޅުމާލެ މެޑިކަލް ފެސިލިޓީގައި 37 މީހަކަށް ފަރުވާދެމުންދާއިރު 36 މީހުންނަށް ފަރުވާ ދެމުން އަންނަނީ ވޯރޑްގައެވެ. އަދި އައިސީޔޫގައި ފަރުވާދެމުން އަންނަ މީހާ އަށް ފަރުވާދެމުން އަންނަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގެ އައިސީޔޫގައެވެ.
ރަށްރަށުގައި ހުރި ކޮވިޑް ފެސިލިޓީތަކުގެ ތެރެއިން ށ ފުނަދޫ ކޮވިޑް ފެސިލިޓީގެ އިތުރުން ބ އޭދަފުށި ކޮވިޑް ފެސިލިޓީގެ ވޯރޑްގައި މިއިން ކޮންމެ ތަނެއްގައިވެސް އެކަކަށް އަންނަނީ ފަރުވާ ދެމުން ކަމަށް ޑރ ނަޒްލާ ވިދާޅުވިއެވެ.
މިހާރު ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ޖުމްލަ އަދަދު 11،421ށް އަރާފައިވާއިރު އެކްޓިވް ކޭސްގެ ގޮތުގައި މިހާރު ގުނަމުންދަނީ 905 މީހުންނެވެ.
މިވަގުތު މޮނިޓަރިންގ ގެ ހާލަތުގައި ވަނީ ހދ ކުޅުދުއްފުށި އެކަންޏެވެ.