ކޮވިޑް-19 އަށް ފާއިތުވި 24 ގަޑިއިރު ތެރޭގައި ޕޮޒިޓިވްވެފައިވަނީ 18 ދިވެހިން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭއީ) އިން ބުނެފިއެވެ.
އެޗްޕީއޭއިން ބުނީ ހުކުރު ދުވަހުގެ އިރުއޮއްސި 6:00 އިން ހޮނިހިރު ދުވަހުގެ އިރުއޮއްސި 6:00 ގެ ނިޔަލަށް 30 މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ 18 ދިވެހިންނާއި 12 ބިދޭސީންނެވެ. އަދި މީގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުގެ 23 މީހުންނާއި ރަށްރަށުގެ 7 މީހުންނެވެ.
އެޗްޕީއޭގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިހާރު އެކްޓިވް ކޭސްގެ ގޮތުގައި ގުނަމުން ދަނީ 905 މީހުންނެވެ. މިހާތަނަށް އައިއިރު ރާއްޖެއިން 11،421 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. ބަލިން ރަނގަޅުވެފައި ވަނީ 10،472 މީހުންނެވެ.
މި ވަގުތު ފެސިލިޓީތަކުގައި 321 މީހުން ތިބިއިރު ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ދަނީ 39 މީހަކަށް ކަމަށް އެޗްޕީއޭއިން ބުނެއެވެ. ރާއްޖޭގައި މިހާތަނަށް މި ބަލީގައި 37 މީހަކު ވަނީ ނިޔާވެފައެވެ.
މާލެ ސިޓީގެ އިތުރުން 22 ރަށެއްގަޔާއި 23 ރިސޯޓެއްގައި މި ވަގުތު ކޮވިޑް-19 ޖެހިފައިވާ މީހުން އެބަތިއްބެވެ. ރިސޯޓްތަކުގައި 27 ފަތުރުވެރިންނާއި 34 ސްޓާފަކު ވަނީ ވައިރަސްއަށް ޕޮޒިޓިވް ވެފައެވެ.
ކޮވިޑް-19 ގެ ކޭސްތައް މަދުވި ކަމުގައިވީ ނަމަވެސް ބަލީގެ ނުރައްކާ ކުޑަ ނުވާ ކަމަށް ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) ގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގު ވިދާޅުވެފައި ވެއެވެ. އެހެން ކަމުން ރައްކާތެރިކަމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސް ކޮށްފައި ވެއެވެ.