ހުރިހާ ހާލަތްތަކެއްގައި ވެސް ގުޅިގެން މަސައްކަތް ކުރަން އެކުވެރި ދައުލަތްތައް (އދ) އިން ބާރު އަޅާތީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ޝުކުރު އަދާ ކުރައްވައިފިއެވެ.
"ޔުނައިޓެޑް ނޭޝަންސް ޑޭ" ގެ މުނާސަބަތުގައި ރައީސް ކުރެއްވި ޓްވީޓުގައި ވިދާޅުވި ގޮތުގައި، އެ ޖަމިއްޔާއިން އަބަދުވެސް އިސް ކޮށްފައި ވަނީ ސުލްހަވެރިކަމާއި އެކީ ގައުމުތައް ގުޅިގެން މަސައްކަތް ކުރުމަށެވެ. އަދި ކޮވިޑް-19 އާ ދެކޮޅަށް އދ. އިސްވެ އޮވެ ކުރާ މަސައްކަތްތަކުން މިކަން ވަރަށް ރަނގަޅަށް ސިފަ ކޮށްދޭ ކަމަށް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، މި ދުވަސް ރާއްޖެއިން ފާހަގަ ކުރަމުން ދަނީ ފަހުރުވެރި މެމްބަރެއްގެ ގޮތުގައި ކަމަށެވެ.
ދިވެހިރާއްޖެ އދ. ގެ މެމްބަރަކަށްވީ 1965 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހުއެވެ. ދެވަނަ ބޮޑު ހަގުރާމައަށް ފަހު ދުނިޔޭގައި ސުލްހައާއި ހަމަޖެހުން ގާއިމުކުރުމަށް އދ އުފެއްދީ 1945 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 24 ވަނަ ދުވަހުއެވެ.