ހުޅުމާލެ ފޭސް 2 ތަރައްގީ ކުރަމުންދަނީ ކުރީގެ ސަރުކާރުން އެކުލަވާލާފައިވާ މާސްޓަރ ޕްލޭންއާ އެއް ގޮތަށް ކަމަށާއި، ބަދަލު ގެނައީ ދިރިއުޅޭ އާބާދީގެ އަދަދަށް ކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.
ރާއްޖެ ޓީވީގެ "ފަލަ ސުރުޚީ" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ ސުހައިލް އަހުމަދު ވިދާޅުވީ ހުޅުމާލެ ފޭސް 2 ފުރަތަމަ މާސްޓަރޕްލޭން 2012 ވަނަ ދުވަހު ހަދާފައި ވަނީ އެއް ލައްކަ މީހުންގެ އާބާދީއަކަށް އަމާޒު ކޮށްގެން ކަމަށެވެ.
ނަމަވެސް ރައީސް ޔާމީންގެ ސަރުކާރުން ހުޅުމާލޭގެ ފޭސް 2 ގެ މާސްޓަރ ޕްލޭނަށް ބަދަލުތަކެއް ގެނެސްފައިވާ ކަން ފާހަގަކުރައްވައި ސުހައިލް ވިދާޅުވީ އާބާދީ 160،000 އިތުރު ކުރި ކަމަށެވެ. އަދި ކުޑަ ސަރަހައްދެއްގައި އުސް ޓަވަރުތަކަށް އަޅަން ޖެހުނީ މިހެން ވެގެން ކަމަށް ވިދާޅުވިއެވެ.
ސުހައިލް ވިދާޅުވީ ރައްޔިތުން ތޮއްޖެއްސުމަކީ މި ސަރުކާރުގެ ވިސްނުމެއް ނޫން ކަމަށާއި، އެގޮތަށް އަމަލުކޮށް ޕްލޭންތައް ހަދަން ބޭނުން ނުވާ ކަމަށެވެ. މިހާރު ހުޅުމާލޭ ފޭސް 2 ތަރައްގީ ކުރަނީ 110،000 މީހުންގެ އާބާދީއަކަށް އަމާޒު ކޮށްގެންނެވެ. ސަރުކާރުގެ މި ނިންމުމުގެ ފަހަތުގައި ސިންގަލް ސެޝަނަށް ސްކޫލް ހިންގުން މުހިއްމު ރޯލެއް އަދާކުރި ކަމަށް ސުހައިލް ވިދާޅުވިއެވެ.
7000 ހައުސިން (ހުރީ) މާ ކުޑަ އޭރިޔާއެއްގައި މާގިނަ މީހުން އުޅޭ ގޮތަށް ޕްލޭން ކުރެވިފައި. އޭގެ ސަބަބުން ވަރަށް ގިނަ ނޭދެވޭ ކަންތައްތައް ނުކުމެ ދާނޭ. އެހެން ވީމަ އެކަންތައްތަކާ އެކު އަޅުގަނޑުމެން ސަރުކާރާ އެކު މަޝްވަރާ ކުރެވިގެން މިހާރު ފޭސް 2 މިވަނީ 110،000 އާބާދީއަކަށް މަދު ކުރެވިފައި. މަދު ކުރުމުގެ އެއް ރީޒަން މި ސަރުކާރުން ގެންގުޅުއްވާ ސިންގަލް ސެޝަން ސްކޫލު މޮޑަލް.މެނޭޖިން ޑިރެކްޓަރ ސުހައިލް އަހުމަދު
ސުހައިލް ވިދާޅުވީ އާބާދީއަށް ބަދަލު ގެނައީ ހައުސިން މިނިސްޓްރީގެ އިތުރުން ސަރުކާރުގެ ކަމާ ބެހޭ އެންމެހާ ފަރާތްތަކުގެ މަޝްވަރާގެ ތެރެއިން ކަމަށެވެ.
ހުޅުމާލޭގެ މާސްޓަރޕްލޭންގައި ހިމެނޭ ތަންތަނުގެ ތެރޭގައި ޔޮޓް މެރީނާއެއް ތަރައްގީ ކުރުމާއި، ހެރިޓޭޖް އައިލެންޑެއްގެ އިތުރުން ފަތުރުވެރިކަމަށް ހާއްސަ ސަރަހައްދެއް ވެސް ހިމެނެއެވެ.