އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އާއި ދިމާ ބޭރުން މޫދުގައި މަރުވެފައި އޮއްވާ ފެނުނު މީހާގެ މައްސަލަ ތަހުގީގު ކުރަން އާންމުންގެ އެހީތެރިކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން އެދެފިއެވެ.
އެ އިދާރާއިން ވަނީ އޮކްޓޯބަރު މަހުގެ 22 ވީ ބުރާސްފަތި ދުވަހުގެ ހެނދުނު 09:00 އާއި 12:00 އާއި ދެމެދު ރަސްފަންނު ސަރަހައްދުގައި ހަރަކާތްތެރިވެފައިވާ ފަރާތްތަކާއި، މަރުގެ މި ހާދިސާ އާއި ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ އެފަރާތަކުން ފުލުހުންނަށް މައުލޫމާތު ހިއްސާކުރުމަށް އެދިފައެވެ.
އެގޮތުން އެފަރާތްތަކުން މައުލޫމާތު ހިއްސާ ކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިމަޖެންސީ ނަންބަރު 119 ނުވަތަ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމްޑިޕާރޓްމަންޓުގެ ނަންބަރު 9911099 އަށް ގުޅުއްވައި މައުލޫމާތު ހިއްސާކޮށްދެވުމަށް ފުލުހުން ވަނީ އެދިފައެވެ.
މި މިހާގެ މަރުގެ ތަހުގީގުކުރުމަށް ފުލުހުން ވަނީ އޭނާގެ ޕޯސްޓް މޯޓަމް ހެދުމަށް ވެސް ނިންމާފައެވެ. އަދި އެ މީހާގެ މަރަކީ ޤުދުރަތީ މަރެއްކަން ކަށަވަރު ކުރެވިފައި ނުވާތީ ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށާއި އެގޮތުން ޕޯސްޓްމޯޓަމް ހެދުމަށް ކުރަން ޖެހޭ ކަންކަން ކުރުމަށް ހަށިގަނޑު ވަނީ މޯޗަރީގައި ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މަރުވެފައިވާ މީހާގެ ހަށިގަނޑު އެ ސަރަހައްދު ގައި އޮތް ކަމުގެ މައުލޫމާތު ފުލުހުންނަށް ލިިބިފައި ވަނީ ހެނދުނު 10:40 ހާއިރުއެވެ. އަދި މަރުވެފައި އޮއްވާ ފެނުނީ އުމުރުން 31 އަހަރުގެ ދިވެއްސެއް ކަމަށް ފުލުހުން ބުނެއެވެ.
"ރާއްޖެއެމްވީ" އަށް މައުލޫމާތު ލިބިފައިވާގޮތުގައި މަރުވެފައިއޮތްވާ ފެނުނީ ގދ. ވާދޫއަށް ނިސްބަތްވާ މީހެކެވެ.