ކ. މާލެ
|
23 އޮކްޓޯބަރ 2020 | ހުކުރު 22:47
ތަޖުރިބާކާރު ކޯޗު އިޓަލީގެ މާސެލޯ ލިއްޕީ
ތަޖުރިބާކާރު ކޯޗު އިޓަލީގެ މާސެލޯ ލިއްޕީ
އޭއެފްޕީ
ލިއްޕީ ކޯޗުކަމުން ރިޓަޔާވުން
މާސެލޯ ލިއްޕީ ކޯޗުކަމާ ދުރަށް
ލިއްޕީ އެންމެ ފަހުން ކޯޗުކަން ކޮށްދީފައިވަނީ ޗައިނާގެ ގައުމީ ފުޓްބޯޅަ ޓީމަށް
ލިއްޕީ ވަނީ އިޓަލީއަށް ވޯލްޑް ކަޕް އަދި ޔުވެންޓަސްއަށް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދީފައި

ތަޖުރިބާކާރު ކޯޗު އިޓަލީގެ މާސެލޯ ލިއްޕީ، އޭނާގެ ކޯޗިންގ ކެރިއަރު ނިންމާލައިފިއެވެ.

އުމުރުން 72 އަހަރުގެ ލިއްޕީ ކޯޗިންގ ކެރިއަރު ނިންމާލިއިރު، އޭނާ އެންމެ ފަހުން ކޯޗުކަން ކޮށްދީފައިވަނީ ޗައިނާގެ ގައުމީ ފުޓްބޯޅަ ޓީމަށެވެ. ޗައިނާއަށް ދެ ފަހަރެއްގެ މަތިން ލިއްޕީ ކޯޗުކަން ކޮށްދިންއިރު، އެ ގައުމުން ދެވަނަ ފަހަރަށް ލިއްޕީ ގެނައީ 2022 ވަނަ އަހަރު ގަތަރުގައި އޮންނަ ވޯލްޑް ކަޕަށް ކޮލިފައިވުމުގެ އަޒުމުގައެވެ.

އެގޮތުން ލިއްޕީގެ އިރުޝާދުގެ ދަށުން ފީފާ ވޯލްޑް ކަޕް އަދި އޭއެފްސީ އޭޝިއަން ކަޕްގެ ކޮލިފައިންގައި ޗައިނާއިން ރާއްޖެއާ ދެކޮޅަށް މާލޭގައި ކުޅުނުއިރު، އެ މެޗުން ޗައިނާ ވަނީ 5-0 ން މޮޅުވެފައެވެ. އެކަމަކު ކޮލިފައިންގައި ސީރިއާ އަތުން 2-1 ން ޗައިނާ ބަލިވުމުން ލިއްޕީ ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ކޯޗުގެ މަގާމުން އިސްތިއުފާ ދީފައެވެ.

އިޓަލީގެ ސަމްޕްޑޯރިއާގެ ކުރީގެ ޑިފެންޑަރު އެ ކުލަބުގެ ޔޫތު ޓީމުން 1982 ވަނަ އަހަރު ފެށި ކޯޗިންގ ކެރިއަރުގައި ވަނީ ދުނިޔޭގެ އެންމެ އުހަށް ދަތުރުކޮށްފައެވެ. އެގޮތުން ލިއްޕީގެ އެންމެ ފާހަގަކޮށްލެވޭ ކާމިޔާބީތަކަކީ އިޓަލީއަށް 2006 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް އަދި ޔުވެންޓަސްއަށް 1996 ވަނަ އަހަރުގެ ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދިނުމެވެ. އެއާއެކު ލިއްޕީ ވަނީ އެ ދެ މުބާރާތް ކާމިޔާބުކުރި ފުރަތަމަ ކޯޗުގެ ޝަރަފު ހޯދާފައެވެ.

އަދި 1994ން 1999ށް ޔުވެންޓަސްއަށް ކޯޗުކޮށްދިންއިރު ލިއްޕީ ވަނީ އެ ޓީމަށް 1995، 1997، 1998 ގައި އިޓާލިއަން ލީގު ކާމިޔާބުކޮށްދީފައެވެ. އަދި ދެވަނަ ފަހަރަށް އެ ޓީމާ ހަވާލުވެ ލިއްޕީ ވަނީ 2002 އާއި 2003 ގެ އިޓާލިއަން ލީގު ޔުވެންޓަސްއަށް ކާމިޔާބުކޮށްދީފައެވެ. އެހެންކަމުން އިޓާލިއަން ލީގު ދެވަނައަށް އެންމެ ގިނައިން ކާމިޔާބުކުރި ކޯޗުގެ ރިކޯޑު އަދިވެސް އޮތީ ލިއްޕީގެ އަތުގައެވެ.

ކުލަބު ކޯޗިންގ ނިންމާލުމަށްފަހު ލިއްޕީ އިޓަލީއާ ހަވާލުވީ 2004 ވަނަ އަހަރުއެވެ. ދެ ފަހަރެއްގެ މަތިން ލިއްޕީ އިޓަލީއަށް އިރުޝާދު ދިންއިރު، އޭނާ އެންމެ ފަހުން އެ ގައުމަށް ކޯޗުކަން ކޮށްދީފައިވަނީ 2010 ވަނަ އަހަރުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް