ރާއްޖޭގައި ކޮވިޑް-19 ޖެހުނު މީހުންގެ ތެރެެއިން 90 ޕަސެންޓު މީހުންގެ ބަލި ފަސޭހަވެއްޖެއެވެ.
ހެލްތު މިނިސްޓްރީގެ ޑޭޝްބޯޑުން ދައްކާ ގޮތުގައި ރާއްޖޭގައި ކޮވިޑު ޖެހުނު 11300 އަށް ވުރެ ގިނަ މީހުންގެ ތެރެއިން 10300 އަށް ވުރެ ގިނަ މީހުންގެ ބަލި ވަނީ ފަސޭހަވެފައެވެ. އެއާއި އެކު އެކްޓިވް ކޭސްތަކުގެ އަދަދު ވަނީ 988 އަށް ތިރިވެފައެވެ.
ޑޭޝްބޯޑުން އިތުރަށް ފެންނަން ހުރި ތަފާސް ހިސާބުތަކަށް ބަލާލާއިރު މިހާތަނަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ތެރެއިން 7200 އަށް ވުރެ ގިނަ މީހުންނަކީ ދިވެހިންނެވެ. އެއީ ރާއްޖެއިން ރިޕޯޓު ކޮށްފައިވާ ކޭސްތަކުގެ 64 އިންސައްތައެވެ.
ބާކީ 36 އިންސައްތައަކީ ބިދޭސީންނެވެ. އޭގެ ތެރެއިން 2,900 އަށް ވުރެ ގިނަ މީހުންނަކީ ބަންގަލަދޭޝް ރައްޔިތުންނެވެ. އެއީ ރާއްޖެއިން ރިޕޯޓުކޮށްފައިވާ ކޭސްތަކުގެ 26 އިންސައްތައެވެ. އަދި އިންޑިއާގެ 680 އަށް ވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވި ކަމަށް އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާއިރު އެއީ ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ 6 އިންސައްތައެވެ.
ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 7,800 އަށް ވުރެ ގިނަ މީހުންނަކީ ފިރިހެނުންނެވެ. އަދި ޕޮޒިޓިވްވި އަންހެނުންގެ އަދަދު 3400 އަށް ވުރެ އިތުރެވެ.
ކޮވިޑް-19 ގެ ކޭސްތައް މަދުވި ކަމުގައިވީ ނަމަވެސް ބަލީގެ ނުރައްކާ ކުޑަ ނުވާ ކަމަށް ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން ވަނީ ހާމަ ކޮށްފައެވެ. އެހެން ކަމުން ރައްކާތެރިކަމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސް ކޮށްފައި ވެއެވެ.