ރާއްޖޭގައި ޑިމޮކްރެޓިކް ނިޒާމް ވަރުގަދަކޮށް، މަދަނީ މުޖްތަމައު ބާރުވެރިކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް އާއި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު މުހިއްމު ދައުރެއް އަދާ ކުރައްވާފައިވާ ކަމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގެ ޕްރިންސިޕަލް ޑެޕިއުޓީ އެސިސްޓަންޓް ސެކްރެޓަރީ ޑީން ތޯމްޕްސަން ވިދާޅުވެއްޖެއެވެ.
އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ އަންނަ ހަފްތާގައި ރާއްޖެ ހިމެނޭ ގޮތަށް އޭޝިއާގެ ހަތަރު ގައުމަކަށް ފައްޓަވާ ދަތުރުފުޅާ ބެހޭ ގޮތުން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ތޮމްޕްސަން ވިދާޅުވީ ޕޮމްޕެއޯގެ ދަތުރުފުޅުގައި ރައީސް އިބްރާހިމް މުހައްމަދު ސާލިޙް އާއި ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދުއާ އެކު މަޝްވަރާތައް ބާއްވަވާނެ ކަމަށެވެ.
އޭގެ އިތުރުން، ރާއްޖޭގައި ޑިމޮކްރެޓިކް ނިޒާމް ވަރުގަދަކޮށް، މަދަނީ މުޖްތަމައު ބާރުވެރި ކުރުމަށް ރައީސް ސޯލިޙްއާއި މިނިސްޓަރ ޝާހިދު ކުރައްވާ މަސައްކަތްޕުޅު ފާހަގަ ކުރައްވައި، އެ މަސައްކަތުގައި އެމެރިކާއިން އެއްބާރުލުން ދޭކަމަށް ވިދާޅުވިއެވެ. އަދި ސަރަހައްދީ ސަލަމާތާއި، ކައުންޓަރ ޓެރަރިޒަމްގެ ދާއިރާއިން ރާއްޖެއާ ގުޅިގެން ކުރަމުންދާ މަސައްކަތް އޭނާ ފާހަގަ ކުރެއްވިއެވެ.
ޕޮމްޕެއޯގެ ދައުވަތަކަށް ނިމިދިޔަ އަހަރު މިނިސްޓަރ ޝާހިދު އެމެރިކާގެ ވެރިރަށް ވޮޝިންޓަނަށް ވަޑައިގެން އެ މަނިކުފާނާ ބައްދަލުކުރެއްވިއެވެ. އަދި މިދިޔަ ދެ އަހަރު ދުވަސްތެރޭ އެމެރިކާއިން ރާއްޖެއަށް ދޭ އެހީ ވަނީ އިތުރުވެފައެވެ.
ރަސްމީ ދަތުރުފުޅެއްގައި ޕޮމްޕެއޯ ރާއްޖެއަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މި މަހުގެ 28 ވަނަ ދުވަހުއެވެ.