އިނގިރޭސި ޕްރިމިއާ ލީގުގައި ސައުތެމްޓަނާ ދެކޮޅަށް ކުޅޭ މެޗުގައި އެވެޓަނުގެ މިޑްފީލްޑަރު ހަމޭސް ރޮޑްރިގޭޒްއަށް އަނިޔާގެ ސަބަބުން ނުކުޅެވޭނެ ކަމަށް އެ ޓީމުގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނެފިއެވެ.
ހަމޭސްއަށް އަނިޔާވީ ޕްރިމިއާ ލީގުގައި މިދިޔަ ހޮނިހިރު ދުވަހު ލިވަޕޫލާ ދެކޮޅަށް އެވަޓަން ކުޅުނު މެޗުގައެވެ. އެ މެޗު ނިމުނީ 2-2 ން ދެ ޓީމު އެއްވަރުވެގެންނެވެ.
އެވެޓަނުގެ ކޯޗު އަންޗެލޮޓީ ބުނީ ހަމޭސްއަށް އަނިޔާވި ނަމަވެސް، އޭނާގެ އަނިޔާ ސީރިއަސް ނޫން ކަމަށާއި، އެކަމަކު ސައުތެމްޓަނާ ދެކޮޅަށް އެވެޓަނުން ކުޅޭ މެޗުގައި ހަމޭސް ނުފެންނާނެ ކަމަށެވެ. އަދި ކުޅުންތެރިޔަކު އަނިޔާއިން ސަލާމަތް ނުވަނީސް މެޗަކަށް އެރުވުން އެއީ އޭނާ ގަބޫލުކުރާކަމެއް ނޫން ކަމަށްވެސް ބުންޏެވެ.
ރެއާލް މެޑްރިޑް ދޫކޮށް މި ނިމުނު ޓްރާންސްފާގައި އެވަޓަނާ ގުޅުނު ހަމޭސް އަންނަނީ މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން އޭނާ ވަނީ މިހާތަނަށް އެވަޓަނަށް ކުޅެދިން ފަސް މެޗުގައި ތިން ލަނޑު ޖަހާފައެވެ.
މެޗާ ގުޅޭ ގޮތުން އަންޗެލޮޓީ ބުނީ ސައުތެމްޓަނާ ދެކޮޅަށް ނުކުންނައިރު، އެވަޓަން އޮތީ ވަރަށް ރަނގަޅަށް ތައްޔާރުވެފައި ކަމަށާއި، އެހެން މެޗުތަކެކޭ އެއްގޮތަށް މި މެޗަށްވެސް އެވެޓަންނުން ނުކުންނާނީ މޮޅުވުމަށް ކަމަށެވެ.
އަންޗެލޮޓީގެ އިރުޝާދުގެ ދަށުން އެވަޓަނުން މި ސީޒަނުގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަަންނައިރު، މިހާތަނަށް ލީގުގައި ކުޅުނު މެޗަކުން އެ ޓީމު ބަލިވެފައެއް ނުވެއެވެ. އެވަޓަން އޮތީ ލީގު ތާވަލުގެ އެއްވަނައިގައި ކުޅުނު ފަސް މެޗުން ލިބުނު 13 ޕޮއިންޓާއެކުއެވެ.