ކ. މާލެ
|
22 އޮކްޓޯބަރ 2020 | ބުރާސްފަތި 15:49
މިދިޔަ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި އީގަލްސް ބައްދަލުކުރި މެޗުގެ ތެރެއިން
މިދިޔަ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި އީގަލްސް ބައްދަލުކުރި މެޗުގެ ތެރެއިން
އެފްއޭއެމް
ފުޓްބޯޅަ ސީޒަން ފެށުން
ފުޓްބޯޅަ ސީޒަން ޑިސެމްބަރު އަށެއްގައި ފަށަން ނިންމައިފި
ފުޓްބޯޅަ ސީޒަން ފަށާނީ އެފްއޭ ޗެރިޓީ ޝީލްޑް މެޗުން
ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ކުޅުން ފެށުމަށް ތާވަލުކޮށްފައިވަނީ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހަށް
އަދި މިހާތަނަށް ކުޅިވަރު މުބާރާތްތައް ފެށުމުގެ ހުއްދަ އެޗްޕީއޭއިން ދީފައެއް ނުވޭ

ކުރިއަށް އޮތް ފުޓްބޯޅަ ސީޒަން ޑިސެމްބަރު މަހުގެ އަށްވަނަ ދުވަހު ފެށުމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނިންމައިފިއެވެ.

އެފްއޭއެމުން ބުރާސްފަތި ދުވަހު ވަނީ އައު ސީޒަނުގެ ފުޓްބޯޅަ ކަލަންޑަރު ނެރެފައެވެ. މި ކަލަންޑަރުގައިވާ ގޮތުން ޑިސެމްބަރު މަހުގެ އަށްވަނަ ދުވަހު ފުޓްބޯޅަ ސީޒަން ފަށާނީ އެފްއޭ ޗެރިޓީ ޝީލްޑް މެޗުންނެވެ. މި މެޗުގައި ބައްދަލުކުރާނީ މިދިޔަ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ލީގުގެ ދެވަނަ ކުލަބު އީގަލްސްއެވެ.

އެ މެޗަށްފަހު ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ކުޅުން ފެށުމަށް ތާވަލުކޮށްފައިވަނީ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހަށެވެ. އެ ދުވަހު ދެ މެޗެއް ކުޅުމަށް ތާވަލުކޮށްފައިވާއިރު، ލީގުގެ ފުރަތަމަ މެޗުގައި އެ ދުވަހު ހަވީރު ބައްދަލުކުރާނީ މާޒިޔާ އާއި ޔުނައިޓެޑް ވިކްޓަރީއެވެ. އަދި އެރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ކުލަބު އީގަލްސް އާއި މުޅިން އަލަށް ފުރަތަމަ ޑިވިޝަނަށް ކޮލިފައިވި ސަސް ޔުނައިޓެޑް ސްޕޯޓްސް (ސަސް) އެވެ.

ފުޓްބޯޅަ ސީޒަން ޑިސެމްބަރު މަހުގެ އަށްވަނަ ދުވަހު ފެށުމަށް އެފްއޭއެމުން ތާވަލުކުރިއިރު، މި މަހުގެ ކުރީކޮޅު ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ ފަރިތަކުރުންތައް ފެށުމުގެ ހުއްދަ ފުރަތަމަ ޑިވިޝަނުގެ ކުލަބުތަކަށް ދީފައެވެ. އެއާއެކު މާޒިޔާ އާއި ވެލެންސިއާއިން އަންނަނީ ފަރިތަކުރަމުންނެވެ.

ޑިސެމްބަރު މަހު ފުޓްބޯޅަ ސީޒަން ފަށަން ތާވަލުކުރި ނަމަވެސް، އަދި މިހާތަނަށް ކުޅިވަރު މުބާރާތްތައް ފެށުމުގެ ހުއްދަ އެޗްޕީއޭއިން ދީފައެއް ނުވެއެވެ. މީގެ ކުރިން އެޗްޕީއޭއިން ބުނެފައިވަނީ ކުޅިވަރު މުބާރާތްތައް ފެށުމުގެ ހުއްދަ ދީފައިނުވަނީ އަދިވެސް އެފަދަ ހަރަކާތްތަކުގެ ސަބަބުން ބަލި ފެތުރުމުގެ ބިރު އޮތުމުން ކަމަށެވެ.

ޑިސެމްބަރު 13 ގައި ދިވެހި ޕްރިމިއާ ލީގު ފަށާއިރު، މިފަހަރުގެ ލީގުގައި ވާދަކުރާނީ މާލޭގެ އަށް ޓީމެވެ. މި ފަހަރުގެ ދިވެހި ޕްރިމިއާ ލީގުން އަތޮޅުތަކަށް ދެމުން އައި ޖާގަ މި ވަގުތަށް ވަނީ މަޑުޖައްސާލާފައެވެ. އެފްއޭއެމުން އެގޮތަށް ނިންމީ ދިވެހި ޕްރިމިއާ ލީގުން ފުރުސަތު ލިބެމުންދަނީ އަބަދުވެސް އަތޮޅު މުބާރާތުގެ ޗެމްޕިއަން ޓީމާއި ރަނަރަޕަށް ޓީމަށް ކަމަށްވުމާއެކު، ކޮވިޑް-19 ގެ ސަބަބުން މިދިޔަ ސީޒަނުގައި އަތޮޅު ފުޓްބޯޅަ މުބާރާތް ބޭއްވިފައިނުވާއިރު، އަތޮޅުތަކުން އައިސް މިދިޔަ ސީޒަނުގައި ފުރަތަމަ ޑިވިޝަނުގައި ކުޅުނު ޓީމުތަކަށް އަންނަ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުން ފުރުސަތު ދިނުމަކީ އިންސާފުވެރި ގޮތަކަށް ނުވާނެތީއެވެ.

އައު ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ކުލަބުތައް:

  1. މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން
  2. ކުލަބު އީގަލްސް
  3. ޓީސީ ސްޕޯޓްސް ކުލަބު
  4. ކުލަބު ގްރީން ސްޓްރީޓްސް
  5. ދަ ގްރާންޑޭ ސްޕޯޓްސް ކުލަބު
  6. ޔުނައިޓެޑް ވިކްޓަރީ
  7. ކުލަބު ވެލެންސިއާ (ދެވަނަ ޑިވިޝަނުގެ ޗެމްޕިއަން)
  8. ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ދެވަނަ ޑިވިޝަނުގެ ރަނަރަޕް)
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް