ސަރުކާރުން ފޯރުކޮށްދެމުން އަންނަ އިންކަމް ސަޕޯޓް އެލަވަންސް އަށް އެދި ހުށައަޅާ މީހުންގެ އަދަދު ބޮޑުތަނުން އިތުރުވާން ފަށާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީ އިން ހާމަކޮށްފިއެވެ.
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އިކޮނޮމިކް މިނިސްޓްރީގެ ކޮންސަލްޓެންޓް އެންޑް ޕްރޮޖެކްޓް ޑިރެކްޓަރ، އިންކަމް ސަޕޯޓް ޕްރޮޖެކްޓް ޝުހާދު އިބްރާހިމް ވިދާޅުވީ މިހާތަނަށް 77000 ފަރާތަކުން އިންކަމް ސަޕޯޓް އެލަވަންސް އަށް އެދި ހުށައަޅާފައިވާ ކަމަށެވެ.
އެގޮތުން އެންމެ ފުރަތަމަ އިންކަމް ސަޕޯޓް އެލަވަންސް އަށް ހުޅުވާލުމާއި އެކު ފުރަތަމަ ފިޔަވަހީގައި 17800 އަށް ވުރެ ގިނަ މީހުން އެލަވަންސް އަށް ހުށައަޅާފައިވާ އިރު، ދެ ވަނަ ފިޔަވަހި ހުޅުވާލާ، ޖުލައި މަހު އެކަނި ވެސް 17700 މީހުން އެލަވަންސް އަށް އެދި ހުށައަޅާފައިވާ ކަމަށް ޝުހާދު ވިދާޅުވިއެވެ. އެގޮތުން އޮގަސްޓް މަހު 21800 އެއްހާ މީހުން އެލަވަންސް އަށް އެދި ހުށައަޅާފައި ވާއިރު، މިހާރު އެޕްލިކޭޝަން ހުޅުވާލާފައިވާ، ސެޕްޓެމްބަރު މަހުގެ އެލަވަންސް އަށް ވެސް 19600 މީހުން މިހާތަނަށް އެދިފައިވަ ކަމަށް ޝުހާދު ފާހަގަކުރެއްވިއެވެ.
ޝުހާދު ވިދާޅުވީ އެލަވަންސް އަށް އެދި ހުށައަޅާފައިވާ މީހުންގެ 78 އިންސައްތަ މީހުން އެލަވަންސް އަށް އެދި ހުށައަޅާފައި ވަނީ ދެވަނަ ފިޔަވަހީގައި ކަމަށާއި، މިގޮތަށް އެލަވަންސް އަށް އެދި ހުށައަޅާ މީހުން އިތުރުވުމުގެ އެންމެ ބޮޑު އެއް ސަބަބަކީ ކުރިން އަންދާޒާކުރި ވަރަށް ވުރެ ކޮވިޑް-19ގެ އިގްތިސާދީ ގެއްލުން ބޮޑުވުން ކަމަށެވެ. އަދި އިންކަމް ސަޕޯޓް ދިނުމުގައި މީޑިއާ، ކައުންސިލް، ޖަމިއްޔާ އަދި އެހެނިހެން ފަރާތްތަކުން ލިބޭ އެހީތެރިކަންވެސް އެލަވަންސް އަށް އެދި ހުށައަޅާ މީހުން އިތުރުވުމުގެ ސަބަބަކަށް ވާކަމަށް ވެސް ޝުހާދު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން އެލަވަންސްގެ އުސޫލަށް ބަދަލު ގެނެސް ގިނަ ފަރާތްތަކަށް އެލަވަންސް އަށް އެދި ހުށައެޅޭ ގޮތަށް ހެދުމާއި އެޕްލިކޭޝަން ޕްރޮސެސް އޮންލައިންކޮށް ޖޮބް ސެންޓަރ މެދުވެރިކޮށް ފުރިހަމަ ކުރެވޭނެ އިންތިޒާމްތައް ހަމަޖެހުމުން އެލަވަންސް އަށް އެދި ހުށައަޅަން ފަސޭހަވެގެން ދިޔަކަމަށް ވެސް ޝުހާދު ފާހަގަކުރެއްވިއެވެ.
އިންކަމް ސަޕޯޓް އެލަވަންސް ގެ ދެވަނަ ފިޔަވަހި އޮގަސްޓް ނުވަ ވަނަ ދުވަހު ހުޅުވާލާފައިވާ އިރު، ދެ ވަނަ ފިޔަވަހި ހުޅުވާލާފައި ވަނީ ޖުލައި، އޮގަސްޓް އަދި ސެޕްޓެމްބަރު މަހުގައި އާމްދަނީއަށް ނުރަނގަޅު އަސަރުކޮށްފައިވާ ފަރާތްތަކަށެވެ. އެގޮތުން ވަޒީފާ އަދާކުރަމުން ދިޔަފަރާތްތަކާ އަދި އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކަށް އެޕްލިކޭޝަން ލުމުގެ ފުރުސަތު ހުޅުވާލެވިފައިވާ އިރު، މެއި އަދި ޖޫން މަހަށް މައުލޫމާތު މަދުން ލިބިފައިވާ އެޕްލިކޭޝަންއަށް މަޢުލޫމާތު ފޮނުވުމުގެ ސުންގަޑި އަކީ 24 އޮކްޓޫބަރެއެވެ. އަދި ސެޕްޓެމްބަރ މަހުގެ އެލަވަންސް އަށް އެދި ހުށައެޅުމުގެ ސުންގަޑިއަކީ 31 އޮކްޓޯބަރއެވެ.