ކޮވިޑް-19 އަށް އިތުރު 45 މީހަކު ޕޮޒިޓިވްވެ، 50 މީހުން ބަލިން ރަނގަޅުވެއްޖެއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ އަންގާރަ ދުވަހުގެ އިރުއޮއްސި 6:00 އިން ބުދަ ދުވަހުގެ އިރުއޮއްސި 6:00 ގެ ނިޔަލަށް 45 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި މީގެ ތެރެއިން 42 މީހުން ޕޮޒިޓިވްވެފައި ވަނީ މާލެ ސަރަހައްދުން ކަމަށްވާ އިރު، އަތޮޅު ތެރެއިން 3 މީހަކު ޕޮޒިޓިވްވެފައި ވެއެވެ. އެއީ 8 ދިވެހިންނާއި އެހެނިހެން ގައުމުތަކަށް ނިސްބަތްވާ 37 މީހުންނެވެ.
އެހެނިހެން ގައުމުތަކަށް ނިސްބަތްވާ 37 މީހަކު ޕޮޒިޓިވްވެފައިވާ އިރު، މިއީ ފަހުގެ ތާރީހެއްގައި މިހައި ގިނަ ބިދޭސީން ޕޮޒިޓިވްވި ފުރަތަމަ ފަހަރެވެ. މި ފަހުން ގިނައިން ޕޮޒިޓިވް ވަމުން އައީ ދިވެހިންނެވެ.
އެޗްޕީއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، 988 އެކްޓިވް ކޭސް ހިމެނެއެވެ. އައިސޮލޭޝަން ފެސިލިޓީތަކުގައި 340 މީހުން ތިބި އިރު 38 މީހަކަށް ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ. އަދި ފާއިތުވެ ދިޔަ 24 ގަޑިއިރުގެ ތެރޭގައި 1801 ސާމްޕަލެއްގައި ނަނގާ ވަނީ ޓެސްޓު ކޮށްފައެވެ.
މިހާތަނަށް ރާއްޖޭގައި ޖުމްލަ 11316 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ އިރު، 10،284 މީހަކު ބަލިން ފަސޭހަވެފައި ވެއެވެ. ބަލީގައި ނިޔާވެފައި ވަނީ 37 މީހުންނެވެ.
މާލެ ސިޓީގެ އިތުރުން އަތޮޅު ތެރެއިން ވެސް ކޮވިޑްގެ ކޭސްތައް ވަނީ ފެނިފައެވެ.
އެގޮތުން 21 ރަށަކުން، 20 ރިސޯޓަކުން ވަނީ އެކްޓިވް ކޭސް ފެނިފައެވެ. އަދި ރިސޯޓުތަކުގައި މަސައްކަތް ކުރާ 28 މުއައްޒަފުން ބައްޔަށް ޕޮޒިޓިވްވެފައިވާ އިރު، 16 ފަތުރުވެރިން ވެސް ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ.
ކޮވިޑް-19 ގެ ކޭސްތައް މަދުވި ކަމުގައިވީ ނަމަވެސް ބަލީގެ ނުރައްކާ ކުޑަ ނުވާ ކަމަށް ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) ގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގު ވިދާޅުވެފައިވެއެވެ. އެހެންކަމުން ރައްކާތެރިކަމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކޮށްފައި ވެއެވެ.